11-01-2021
ފަނޑިޔާރުންގެ ސުލޫކީ އަދި އަޚްލާޤީ މިންގަނޑުތައް ކަނޑައަޅައި ބަޔާންކޮށްފައިވާ ބެންގަލޯ ޕްރިންސިޕަލްސް އޮފް ޖުޑިޝަލް ކޮންޑަކްޓް ގެ މުޤައްދިމާގައި ބަޔާންކޮށްފައިވާފަދައިން ފަނޑިޔާރު ކަމުގެ ވަޒީފާއަކީ، ރައްޔިތުން ޙަވާލުކޮށްފައިވާ އަމާނާތެއްކަން ކޮންމެ ފަނޑިޔާރަކު ވަކީން އަދި ހުރިހާ ފަނޑިޔާރުން އެކުއެކީ ޤަބޫލުކޮށް އެ އަމާނާތައް ޙުރުމަތްތެރިކޮށް ހިތައި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު އޮތް ތަނަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ ކޮންމެ ފަނޑިޔާރެއްގެ ވާޖިބެކެވެ. ފަނޑިޔާރުންނަކީ، އެމީހުން ކުރާކަންކަމުގެ މައްޗަށް އަބަދުމެ ރައްޔިތުންގެ ނަޒަރު ހުއްޓިފައިވާ ބަޔަކު ކަމަށްވާ ހިނދު، ޢާންމު ރައްޔިތުންނަށް އެކަންކަމުން ދުރުވެ ތިބުމީ ބުރަ އަދި އުނދަގޫ ކަންތައްތައް ކަމުގައިވާ ބައެއް ކަންތައްތަކުން ފަނޑިޔާރުންނަށްވީތީވެ ފަނޑިޔާރުން ހިތުން ރުހުމުން ދުރުހެލިވާންޖެހެއެވެ. ޖުޑިޝަލް ސާރވިސް ކޮމިޝަނުން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާބެހޭ ޤަވާޢިދު މެދުވެރިކޮށް، ފަނޑިޔާރުންގެ ސުލޫކު ބެހެއްޓުމަށް ބައިނަލް އަޤްވާމީގޮތުން އެކަށައެޅިފައިވާ ބެންގަލޯ ޕްރިންސިޕަލްސް ގެ މިންގަނޑުތަކަށް ދިވެހިރާއްޖޭގައިވެސް ވަނީ ޤާނޫނީ ބާރު ލިބިފައެވެ. މި މަޟްމޫނުގައި އަޅުގަނޑު ބަލާލާފައިމިވަނީ، ފަނޑިޔާރުންގެ ޢަމަލުތައް އެއާ އެއްތެދުކުރަންޖެހޭ މައިގަނޑު އުޞޫލުތަކުގެ މައްޗަށެވެ.
މިނިވަންކަން
ފަނޑިޔާރު ވާންޖެހޭނީ މުޖުތަމަޢުގައި ހިނގާ އެކިއެކި ނުފޫޒުތަކާއި ސިޔާސީ އޮއިވަރުތަކުންނާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ނުފޫޒުން މިނިވަންވެގެންވާމީހަކަށެވެ. އެއިން އެއްވެސް ފަރާތެއްގެ ނުފޫޒުގެދަށުގައި ނުވުމަށް ފަނޑިޔާރު އަބަދާ އަބަދުމެ މަސައްކަތް ކުރަންވާނެއެވެ. އަދި އެމިނިވަންކަން އެފަނޑިޔާރުގެ ކިބައިގައި އޮތްކަން ތިމާގެ ޢަމަލުންނާއި ބަހުން ދައްކުވައި ދޭންޖެހޭނެއެވެ. އަދި ރައްޔިތުންނަށް ޝައްކު ނުކުރެވޭ މިންވަރަށް ތިމާގެ ޢަމަލާއި ބަސްމަގު ބަހައްޓަންވާނެއެވެ. މިޖުމަތަމަޢުގެ އެއްވެސް ފަރުދަކު ތިމާއަށް ނުފޫޒުފޯރުވާފާނެކަމަށް ދޭހަވެދާނޭ ކަންކަމުން ފަނޑިޔާރު ދުރުހެލިވާންޖެހޭނެއެވެ. އަދި މީގެ އިތުރުން ފަނޑިޔާރެއްގެ މައްޗަށް އެހެން ފަނޑިޔާރުންގެ ނުވަތަ އެހެން ފަނޑިޔާރެއްގެ ނުފޫޒު އޮވެގެންނުވާނެއެވެ. ތިމާގެ ރައުޔު ބިނާކުރަންވާނީ، އެހެން ފަނޑިޔާރެއްގެ ނުފޫޒެއް ނެތިއެވެ.
ވަކިފަރާތަކަށް ނުޖެހުން
ފަނޑިޔާރު ހުރީ ވަކި ޚަޞްމެއްގެ އަތަށް ޖެހިފައިކަމަށް ބެލެވޭނޭ އެއްވެސް ކަމެއް ފަނޑިޔާރަކު ކޮށްގެންނުވާނެއެވެ. އަދި އެފަދަ ގޮތަކަށް ދޭހަވާ ބަހެއްވެސް ފަނޑިޔާރު ބުނެގެންނުވާނެއެވެ. އަދި މައްސަލައެއްގައި ޙުކުމަށް އަސަރުކޮށްފާނޭ ބަހެއް ނުވަތަ ފަނޑިޔާރު ހުރީ ވަކި ފަރާތަކަށް ޖެހިފައިކަމަށް ދޭހަވާބަހެއް ޝަރީޢަތުގެ މަޖިލީހުގައިވެސް ފަނޑިޔާރު ބުނެގެންނުވާނެއެވެ. އަދި މީހެއްގެ ޝަރީޢަަތުގެ އިންސާފުވެރިކަމަށް ބުރޫ އަރާފާނޭ ބަހެއް ޢާންމުތަނެއްގައި ނުވަތަ އެނޫން ތަނެއްގައިވެސް ފަނޑިޔާރަކު ބުނެގެންނުވާނެއެވެ. މީގެ އިތުރުން ފަނޑިޔާރު ހުންނާނީ ވަކި ފަރާތަކަށް ޖެހިފައިކަމަށް އާދައިގެ ގޮތެއްގައި މީހަކު ޤަބޫލުކުރާނޭ ޙާލަތެއް މެދުވެރިވެފައިވާ ފަނޑިޔާރަކުނަމަ އެ ފަނޑިޔާރަކު އެމައްސަލަ ބެލުމުން އަމިއްލައަށް ދުރުވެ ތަނާޒުލުވާންވާނެއެވެ. މިފަދަ ޙާލަަތްތަކުގެ ތެރޭގައި ތިމާ ކުރީން ވަކާލާތު ކޮށްފައިވާ މައްސަލަތަކާއި، އެ މައްސަލައެއްގައި ދެބަސްވުން އުފެދިފައިވާ ވާޤިޢާތަކުގެ ނުވަތަ ޙަޤީގަތްތަކުގެ މަޢުލޫމާތު އަމިއްލަ ގޮތުން ނުވަތަ އެހެން ވަޒީފާއެއް އަދާކުރުމުގެ ތެރެއިން ލިބިފައިވާ މީހަކު އެމައްސަލާގައި ފަނޑިޔާރަކަށް ހުރެގެންނުވާނެއެވެ. ކޯޓަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ އެއްވެސް މައްސަލައަކާ ނުވަތަ ކަމަކާބެހޭ ގޮތުން ފަނޑިޔާރަކު އެއްވެސް މީހަކަށް ލަފައެއް ނުވަތަ މަޝްވަރާއެއް ދީގެންނުވާނެއެވެ.
ނަޒާހަތްތެރިކަން
ފަނޑިޔާރެއްގެ ނަޒާހަތްތެރިކަން ބަހައްޓަންޖެހޭނީ މުޖުތަމަޢުގައި ހިމެނޭ އާދައިގެ މީހަކަށް އެއީ ގޯސްކަމެއްކަމަށް ޤަބޫލުނުކުރެވޭނޭ މިންވަރަށްވުރެ މަތީ ދަރަޖައެއްގައެވެ. އަދި އެ ފަނޑިޔާރެއްގެ ޢަމަލުތައް ހުންނަ ގޮތުން ޖުޑިޝަރީއާމެދު ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އިތުބާރަށް އުނިކަން އަތުވެދާނޭ އެއްވެސް ކަމެއް ފަނޑިޔާރަކު ކޮށްގެންނުވާނެއެވެ.
އަޚްލާޤީ ފެންވަރު މަތީދަރަޖައެއްގައި ބެހެއްޓުން
ޢާންމު ދިރިއުޅުމުގައާއި ފެންނަ ފެނުމުގައާއި މަސައްކަތުގައި މަތިވެރި އަޚްލާޤެއްގެ ވެރިއަކު ކަމަށް ފަނޑިޔާރު ވާންޖެހޭނެއެވެ. އަދި ފަނޑިޔާރުންނަކީ ޚުލްގު ހެޔޮ ބަޔަކަށް ވާންޖެހޭނެއެވެ. ތިމާގެ އުޅުމާއި ގުޅުމުގައި ނަމޫނާ މީހަކަށް ވާންޖެހޭނެއެވެ. ވިޔާނުދާ ޢަމަލުތަކުން ދުރުހެލިވެފައިވާ މީހަކު ކަމުގައިވާންޖެހޭނެއެވެ. ފަނޑިޔާރަކަށް ވީތީވެ، އެހެނިހެން ރައްޔިތުންނާ ޚިލާފަށް، ފަނޑިޔާރުން ދުރުހެލިވާންޖެހޭ ކަންތައްތަކެއް ހުރެއެވެ. ފަނޑިޔާރުކަމަށް އަންނަންވާނީ އެފަދަ ކަންކަމުން ދުރުހެލިވުމަށް ހިތުން ރުހުމުން އެއްބަސްވެގެންނެވެ. އެހެނީ، އެފަދަ ކަންކަމުން ދުރުހެލިވުމަކީ، ފަނޑިޔާރުކަމުގެ ވާޖިބުގެ ޠަބީޢަތާ ގުޅިފައިވާ ކަންކަން ކަމުގައިވާތީވެއެވެ. އަދި އެ ފަނޑިޔާރަކީ ވަކި ފަރާތަކަށް ޖެހިފައި ހުންނާނޭ މީހަކުކަމަށް ޢާންމުން ޤަބޫލުކުރާނޭ ޙާލަތްތަކުން ދުރުހެލި ވެގެން ހުރި މީހަކުކަމުގައި ވާންޖެހޭނެއެވެ. އެ ފަނޑިޔާރަކީ އަބަދުމެ އަބުރުވެރިއަކު ކަމުގައި ދެމިހުންނަ މީހަކުކަމުގައިވާންޖެހޭނެއެވެ. އަބުރުވެރި ދިރިއުޅުމެއް އުޅޭ މީހަކު ކަމުގައިވާން ޖެހޭނެއެވެ.
މިގޮތުން، ފަނޑިޔާރަކު ދުރުހެލިވާންޖެހޭ ކަންކަމުގެ ތެރޭގައި، ޢާންމު ގޮތަކަށް ތިމާ ވަޒީފާ އަދާ ކުރާ ކޯޓަށް ވަކާލާތުކުރަން އަންނަ ޤާނޫނީ ވަކީލަކާއެކު، އެ ފަނޑިޔާރަކު އެ ވަކީލަކަށް ފަހިވާގޮތަށް މައްސަލަ ނިންމަފާނެކަމަށް މީހުން ޤަބޫލުކޮށްފާނެ ގޮތަކަށް ބައްދަލުކޮށް އުޅުމާއި ގުޅުން ހިންގުމަކީ ފަނޑިޔާރަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ތިމާގެ ނުވަތަ ތިމާގެ ޢާއިލާގެ ނުވަތަ ރައްޓެއްސެއްގެ ނުވަތަ ކުރީގެ ވިޔަފާރި ބައިވެރިއެއްގެ ނުވަތަ ތިމާއާ ކުރީން މައްސަލައެއް ޖެހިފައިހުރި މީހެއްގެ ކުޑަވެސް މަޞްލަޙަތު ހިމެނޭ މައްސަލައެއް އެމީހަކު ބަލައިގެންނުވާނެއެވެ.
ފަނޑިޔާރާއި ފަނޑިޔާރުގެ ޢާއިލީ މެންބަރުންގެ މާލީ މަޞްލަޙަތުތަކާއި މުދަލާއި ފައިސާގެ ޙާލަތު ހުންނަގޮޮތް ފަނޑިޔާރު އަބަދުމެ ދެނެގަންނަން ވާނެއެވެ.
ހަމަހަމަކަން
ފަނޑިޔާރުންގެ ޢަމަލާބަހުން އެ ފަނޑިޔާރުންނަކީ، ހަމަހަމަކަން ޤާއިމުކުރާނޭ ބަޔަކު ކަން ދައްކައިދޭންވާނެއެވެ. ފަނޑިޔާރުން ޤާއިމުކުރަންޖެހޭ ހަމަހަމަކަމުގެ އެންމެ ރީތިމިސާލެއް ދެއްވާފައިވަނީ މި ޢުއްމަތުގެ ނަބިއްޔާ ކީރިތި ރަސޫލާ (ޞ.ޢ.ވ) އެވެ. މަދީނާގެ އަޝްރާފުންގެ ތެރެއިން އަންހެން ކަނބަލަކު ވައްކަން ކޮށްގެން ކީރިތި ރަސޫލާގެ އަރިހަށް އެކަން ހުށަހެޅުނު ހިނދު ކީރިތި ރަސޫލާ (ޞ.ޢ.ވ) ޙަދީޘް ކުރައްވާފައިވަނީ، ތިމަން ކަލޭގެފާނުގެ ކުރީގެ ޤައުމުތައް ހަލާކުވެ ނެތިގެން ގޮސްފައިވަނީ، މާތް މީހަކު ވައްކަންކުރުމުން އެކަމަށް އަޅާނުލައި ދޫކޮށްލައި، ދެރަ ނިކަމެއްޗަކު ވައްކަން ކުރުމުން އެމީހަކު ހިފައި ހައްޔަރުކޮށް އަދަބުދިނުމުން ކަމަށާއި، ތިމަން ކަލޭގެފާނުގެ އަންހެން ދަރިކަނަބަލުން ޢައިޝާ (ރ.ޢ) ވައްކަން ކުރި ނަމަވެސް އެކަމަނާގެ އަތް ކަނޑުއްވާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީއަތް ކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އަދި އެފަދަ ޝަރީޢަތެއް ކުރަންވާނީ، ޢަދުލުވެރިކަމާއެކު ވަކިފަރާތަކަށް ނުޖެހި ހާމަކަމާއެކުގައިކަމަށް އެމާއްދާގެ (ށ) ގައި ބުނެފައިވެއެވެ. އެހެން ކަމުން މިމާއްދާގައި ކަށަވަރުކޮށްދީފައިވާ މި އަސާސީ ޙައްޤު ރައްޔިތުންނަށް ލިބިދެވޭނީ، ޤާނޫނު އަސާސީ މެދުވެރިކޮށް ރައްޔިތުން ފަނޑިޔާރުންނާ ޙަވާލުކޮށްފައިވާ އަމާނާތް އަދާކުރާކަމަށް އިތުބާރު ކުރެވޭ ފަނޑިޔާރުން އެކުލެވޭ ޖުޑިޝަރީއަކުންނެވެ. އަދި ފަނޑިޔާރުންނަކީ ބެންގަލޯ ޕްރިނިސިޕަލްސްގައި ބަޔާންކޮށް ކަނޑައަޅާފައިވާ އުޞޫލުތަކަށް އިޙްތިރާމްކުރާ ފަނޑިޔާރުންނަށް ވެވިގެންނެވެ. ދިވެހިރާއްޖޭގައި ރައްޔިތުންގެ އިތުބާރު ޖުޑިޝަރީއަށް ލިބޭނީ އެމޭރުމުން ހުރިހާ ފަނޑިޔާރުންގެ ޢަމަލުތައް ބައްޓަންކުރެވި ތަރުތީބު ކުރެވިގެންނެވެ.
ޙުސްނުއްސުޢޫދު
2020 (c)