ޖޭއެސްސީ އިސްލާހުކުރަން ހުށަހަޅާ ގޮތް - (2018 ވަނަ އަހަރު މިހާރު ނޫހުގައި ޝާއިއުކޮށްފައިވާ މަޒުމޫނެއް)
25-01-2021
1. ޖުޑިޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވަނީ 3 މެންބަރުންގެ މައްޗަށެވެ. އެ މެންބަރުން އިންތިޚާބުކުރާނީ އަންނަނިވި ޝަރުތު ފުރިހަމަވާ މީހުންގެ ތެރެއިން އެކަމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ނަންތަކުގެ ތެރެއިންނެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުން ކަމަށް ހޮވަންވާނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާމީހުންނެވެ.
(ހ) ދިވެހިރައްޔިތަކު ކަމުގައި ވުން.
(ށ) ބުއްދި ސަލާމަތުން ހުރުން.
(ނ) އުމުރުން 60 އަަހަރުވެފައިވާ މީހަކު ކަމުގައިވުން.
(ރ) މަކަރާހީލަތް ނުވަތަ ޚިޔާނާތް ނުވަތަ ކޮރަޕްޝަންގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ބ) އަމާނާތްތެރި އަދި އަބުރުވެރިއަކު ކަމުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ މީހަކު ކަމަށްވުން.
(ޅ) ކުރިން އުއްތަމަ ފަނޑިޔާރުކަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައިސްކަން، ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަން ނުވަތަ ޔުނިވަރސިޓީއެެއްގެ ޗާންސެލަރުކަން، ނުވަތަ ވައިސް ޗާންސެލަރުކަން، ނުވަތަ ރެކްޓަރުކަން ކޮށްފައިވާ މީހަކު ކަމުގައިވުން. ނުވަތަ މެދުކެނޑުމެއްނެތި ޔުނިވަރސިޓީއެއްގެ ދާއިމީ ވަޒީފާގައި 20 އަހަރު ދުވަހު ކިޔަވައިދިނުމުގައި ހޭދަކޮށްފައިވާ މީހަކު ކަމަށްވުން.
2. ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު ކަމުގެ ދައުރުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ.
3. ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް އެއް ދައުރަށްވުރެ ގިނަ ދައުރަށް އެއްވެސް މީހަކު އައްޔަނުކޮށްގެން ނުވާނެއެވެ.
މި އިސްލާހު މި ގޮތަށް ހުށަހަޅާ ސަބަބު
- ޖޭއެސްސީގެ މަސައްކަތަށް އެންމެ ބޮޑަށް ހުރަސް އެޅެނީ ސިޔާސީ ފަރާތްތަކުން ބޭނުންވާ މީހުން ފަނޑިޔާރުކަމަށް ހޮވުމަށާއި ވަކިކުރުމަށް ނުވަތަ އެހެން ކޯޓަކަށް ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ސަބަބުންނާއި އެކަމުގެ ސަބަބުން ފެންވަރުނެތް އަދި އަހްލާގީގޮތުން އެކަށީގެންނުވާމީހުން ފަނޑިޔާރުކަމަށް އައްޔަންކުރުމަށް މަޖުބޫރު މައްސަލައެއް ނިންމައިފިނަމަ ސަރުކާރުން އެމީހަކު ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ނުވަތަ އެހެން ކޯޓަކަށް ބަދަލުކޮށްފާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުންނެވެ. ސަރުކާރުން ފަނޑިޔާރުންނަށް އާންމުކޮށް ސީދާ ބިރުދައްކަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް ކަނޑައަޅާ މެންބަރާއި، ރައްޔިތުންގެ މަޖިލީހުން ހޮވާ މެންބަރުންނާއި އެޓާރނީޖެނެރަލްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މެދުވެރިކޮށެވެ. މިކަމުގެ އެންމެ އިސްދައުރެއް އަބަދުވެސް ކުޅެމުން އަންނަނީ އެވަގުތަކު ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނަ މެންބަރު މެދުވެރިކޮށެވެ. ވީމާ އެ މީސްމީހުން ޖޭއެސްސީގައި ހިމެނިގެންނުވާނެއެވެ.
- އަބަދުވެސް އަހަރެން ވަކާލާތުކުރަނީ އެ ބަޔަކު ރެޖިއުލޭޓްކުރަންވާނީ އެބަޔަކު އަމިއްލައަށް އެބައެއްގެ މެދުން ހޮވާ ބަޔަކު މެދުވެރިކޮށް ކަމަށެވެ. އެއީ ޓެކްސްޓް ފޮތުގައި ވެސް އޮންނަ ގޮތެވެ. ނަމަވެސް ރާއްޖެ ކުޑަވެފައި، ފަނޑިޔާރުންގެ އަދަދު މަދުވެފައި، ފަނޑިޔާރުންނަކީ އެންމެން އެންމެނާ ކޮންމެ ދުވަހަކު ބައްދަލުވެ އެކުގައި މަސައްކަތްކޮށް އަބަދު ދިމާވާމީހުން ކަމުގައިވާތީވެ، އަހަރެންގެ ތަޖުރިބާއަކީ ފަނޑިޔާރުންގެ މައްޗަށް ފިޔަވަޅު އަޅަން ފަނޑިޔާރު ފަސްޖެހޭ ކަމެވެ. އެކަމަކީ ފަނޑިޔާރުންނަށް ކުރަން ވަރަށް އުނދަގޫ ކަމެކެވެ. އެއް ފަނޑިޔާރަކު އަނެއް ފަނޑިޔާރަކަށް ފިޔަވަޅު އެޅުމުގައި މޫނު ނުކެނޑިވޭތޯ ބަލައެވެ. ޖޭއެސްސީ އަށް، ފަނޑިޔާރަކު އަނެއް ފަނޑިޔާރަކު ހޮވުމަށް ބޭއްވޭ އިންތިހާބުތަކަކީވެސް ފަނޑިޔާރުންގެ މެދުގައި މަސްލަހަތު ގެއްލި ދާއިމީ ހަމަނުޖެހުން އުފެދޭ ކަމެކެވެ. އަދި ސިޔާސީ މީހުންނާއެކު، ޖޭއެސްސީގައި ފަނޑިޔާރުން ގުޅުން ބަދަހިކޮށް، އެއްފަރާތުން އަނެއް ފަރާތަށް މައްސަލަތަކުގައާއި އަމިއްލަ ކަންކަމުގައި އެހީތެރިވެދީފައި އެބަހުއްޓެވެ. ވީމާ ޖޭއެސްސީގައި ފަނޑިޔާރުން އިތުރަށް ތިބުމަށް ތާއީދެއް ނުކުރަމެވެ.
- އުމުރުން ހަގު މީހުން ޖޭއެސްސީގެ ވަޒީފާ އަދާކުރުމުން ކަންތައް ތަޖުރިބާކުރެވުނެވެ. ކޮންމެ ހައިސިއްޔަތަކުން ޖޭއެސްސީގެ މެންބަރުކަމަށް ހޮވުނުނަމަވެސް އެ ބޭފުޅުން މިހާތަނަށް މަސައްކަތްކުރައްވާފައިވަނީ ސަރުކާރު ނުވަތަ ސިޔާސީ މީހުން ރުއްސުމަށާއި އެފަރާތްތައް ބޭނުންވާކަންކަން ކޮށްދިނުމަށެވެ. އޭގެ ބޭނުމަކ އެ "ކުދިން" ގެ ކެރިއަރަށް މަގު އަލިކޮށް ކެރިއަރުގެ ރާސްތާ ފުޅާކޮށްލުމެވެ. އެހެން ކަމުން މެންބަރުކަމުގެ ދައުރު ހަމަވުމުން ރަނގަޅު ސިޔާސީ މަގާމެއް ހޯދުމަށް ނުވަތަ ފަނޑޔާރަކަށްވުމަށް އިންޝޫރަންސް ޕޮލިސީއަކަށް ޖޭއެސްސީގައި ނިންމާ ނިންމުންތައް ވެގެން ދިޔައެވެ.
- ޖޭއެސްސީގައި ޤާނޫނީ ވަކީލުން ތަމްސީލުކުރާ މީހަކު ހުރުމަށް ތާއީދެއް ނުކުރަމެވެ. ސަބަބަކީ މިހާތަނަށް ކުރެވުނު ތަޖުރިބާގައި، މަޤާމުގެ ބޭނުންކޮށްގެން ޤާނޫނީ ވަކީލުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާތީއެވެ.
=ނިމުނީ=