ކޯޓުގެ ހުރުމަތް ރައްކާތެރިކުރުން

25-01-2021

24 ޖުލައި 2014 ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އާންމު ކުރައްވާފައިވާ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދަކީ އަދުލު އިންސާފު ގާއިމުކުރުމުގައި ފަނޑިޔާރުގެއަށް ލިބިގެންވާ ބާރަށް ގޮންޖެހުން ހުއްޓުވުމަށާއި، ފަނޑިޔާރުގޭގެ އަމުރުތަކަށް ބޯލެންބުވުމަށާއި ފަނޑިޔާރުންނަށް ލިބެންޖެހޭ އިހްތިރާމާއި ގަދަރު ހިފެހެއްޓުމަށްޓަކައި ހައްދަވާފައިވާ ގަވާއިދެކެވެ. އެހެން ނަމަވެސް، އެ ގަވާއިދުގައި ގނަގުނަ ދުސްތޫރީ މައްސަލަތަކެއް އެބަހުއްޓެވެ. އެ ގަވާއިދުގައިވާ ކަންކަމަށް ބަލާއިރު، ދައުލަތުގެ ތިން ގޮފީގެ ބާރުތަކުގެ އިމާބެހޭގޮތުންނާއި، ރައްޔިތުންނަށް ޤާނޫނުއަސާސީއިން ދީފައިވާ ޙިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދާއިރާއާ ބެހޭ ގޮތުންނާއި، ޤާނޫނުއަސާސީގައި ހިމެނޭ އަސާސީ ހައްްުގުތައް ހަނިކުރެވޭނެ ގޮތާބެހޭ ގޮތުންނާއި، ރައްޔިތުންގެ ވެރިކަމެއްގައި ފަނޑިޔާރުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ މިންވަރާމެދު ބަހުސްކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.

ސުޕްރީމް ކޯޓުން ހައްދަވާފައިވާ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގައި ހިމެނިފައިވަނީ އަދި އެމައްޗަށް އެ ގަވާއިދު ބިނާކުރެވިފައިވާ މަފްހޫމަކީ އިނގިރޭސި ގާނޫނުގައި ބޭނުންކުރާ މަފްހޫމެއް ކަމުގައިވާ "ކޮންޓެމްޕްޓް އޮފް ކޯޓް" މި މަފްހޫމެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ހައްދަވާފައިވާ ގަވާއިދުން އުފެދޭ ބަހުސްތަކާމެދު އެއްޗެއް ދެންނެވުމުގެ ކުރިން މި މަޒުމޫނުގައި އަޅުގަނޑު ބަލާލާނީ އިނގިރޭސި ގާނޫނުގައި "ކޮންޓެމްޕްޓް އޮފް ކޯޓް" މި މަފްހޫމް ބޭނުންކުރާ ގޮތުގެ މައްޗަށެވެ.

އިނގިރޭސި ގާނޫނުގައި "ކޮންޓެމްޕްޓް އޮފް ކޯޓް" ގެ މަފްހޫމަކީ ފަނޑިޔާރު ވިލްމޮޓް 1765 ވަނަ އަހަރު ލިޔުއްވާފައިވާ ޙުކުމަކުން އުފެދިގެން އައި މުހިންމު މަފްހޫމެކެވެ. މި ޙުކުމުގައި ފަނޑިޔާރު ވިލްމޮޓް ވިދާޅުވެފައިވަނީ ކޮންޓެމްޕްޓް އޮފް ކޯޓުގެ ބާރަކީ ފަނޑިޔާރުންގެ ގަދަރާއި އިހްތިރާމް ދަމަހައްޓައި، ފަނޑިޔާރުންގެ ބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެް ބޭނުންވާ ބާރެއް ކަމަށެވެ. ސަބަބަކީ، ފަނޑިޔާރުންގެ ގަދަރާއި އިހްތިރާމެއް ނެތްނަމަ، ފަނޑިޔާރުންގެ އަމުރަށް ބޯލަނބާނެ ބަޔަކު ނުވާނެތީއެވެ.

އިނގިރޭސިވިލާތުގައި ފިއުޑަލިޒަމް ނިޒާމު ހިނގަމުންދިޔަ ޒަމާނުގައި، ފަނޑިޔާރުންގެ ގަދަރާއި އިހްތިރާމް ދެމެހެއްޓުމުގެ ބާރު ލިބެނީ އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ކިބައިންނެވެ. އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ރަސްގެފާނު ކަމަށްވެފައި، އަދި ގިނަ ފަހަރު، މައްސަލަ ނިންމާ ފަރާތަކީ ސީދާ ރަސްގެފާނު ކަމަށް ވާތީއެވެ. ފަހުން، ރަސްގެފާނު މަސައްކަތް ބުރަވެ ރަސްގެފާނުގެ ބައެއް މަސައްކަތްތައް އެކިއެކި ފަރާތްތަކާ ހަވާލުކުރީއެވެ. ރަސްގެފާނު ކުރަމުން ގެންދިޔަ އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ކުރަން ހަވާލުކުރެވުނު މީސްމީހުންނަށް ކިޔަނީ ފަނޑިޔާރުންނެވެ. އެހެންކަމުން، ރަސްކަމުގެ ނިޒާމުގައި ފަނޑިޔާރުން އަދާކުރާ މަސްއޫލިއްޔަތަކީ، ރަސްގެފާނު އެމީހުންނާ ހަވާލުކޮށްގެން ކުރުވާ ރަސްގެފާނުގެ މަސައްކަތެވެ. ފަނޑިޔާރުން ކުރަނީ ރަސްގެފާނުގެ މަސައްކަތް ކަމަށްވާތީވެ، ރަސްގެފާނަށް މީސްތަކުން ބޯލެންބުވުމަށްޓަކައި ރަސްގެފާނަށް ލިބިގެންވާ ގަދަރާއި އިހްތިރާމް ފަނޑިޔާރުންނަށް އޮތުން ކޮންމެހެން ބޭނުންވިއެވެ. ރަސްކަމުގެ ނިޒާމުގައި ރަސްގެފާނަކަީ އެންމެ މަތިވެރި އަދި އެންމެ ބާރުގަދަ ފަރާތެވެ. މުވާއެކު، ރަސްގެފާނަށް ފާޑު ކިޔުމަކީ ކުށެކެވެ. އެކުށްކުރި މީހަކަށް އަދަބު ލިބޭނެއެވެ.

ރަސްކަން ޑިމޮކްރަސީ އަކަށް ބަދަލުވެ ފަނޑިޔާރުންނާއި ރަސްގެފާނާ ދެމެދު އޮތް ގުޅުން ވަކިވުމުން، ފަނޑިޔާރުންގެ ހައިސިއްޔަތު ވަނީ ބަދަލު ވެފައެވެ. ޑިމޮކްރަސީއެއްގައި އެންމެ މަތިވެރި އަދި އެންމެ ބާރުގަދަ ފަރާތަކީ ރައްޔިތުންނެވެ. ދައުލަތުގެ އެންމެހާ މުައައްސަސާތަކާއި ފަނޑިޔާރުންނަކީ ރައްޔިތުންގެ ޚާދިމުންނެވެ. މިރައުޔަކީ އިނގިރޭސި ގާނޫނުގައިވެސް މިހާރު ގަބޫލުކުރެވިފައިވާ ގޮތެކެވެ.

ލޯޑް ސެލްމަން (Attorney General v British Broadcasting Corporation (Lord Salmon [1981]AC 303 ގައި ވިދާޅުވެފައިވަނީ ކޮންޓެމްޕްޓް އޮފް ކޯޓް މި އިބާރާތުގައި ތާރީޚީ އަސާސެއް އޮތްނަމަވެސް، އިބާރާތް މި އޮންނަ ގޮތުން އޮޅުންތަކެއް އަރާކަމަށެވެ. މި އިބާރާތުގެ ހަގީގީ މަގްސަދަކީ ކޮންމެހެން ކޯޓު ހިމާޔަތް ކުރުމެއް ނޫނެވެ. މީގެ މަގްސަދަކީ އަދުލު އިންސާފު ގާއިމުކުރުން ހިމާޔަތްކުރުމެވެ. އަދުލު އިންސާފަކީ ވަށައިފާރު ރާނައި މުޅިދުނިޔެއަށް ފޮރުވާފައި އޮންނަ އެއްޗެއް ނޫނެވެ. އަދުލު އިންސާފާބެހޭގޮތުން އާންމު ރައްޔިތުންނަށް އަޑުގަދަކޮށް ފާޑު ކިޔެން ޖެހޭނެއެވެ.

Lord Denning R v Commissioner of Police [1968] 2 QB 150 މި ޤަޟިއްޔާގައި ލޯޑް ޑެނިންގ ވިދާޅުވެފައިވަނީ;

"އަހަރެން އެންމެ ފުރަތަމައަށްވެސް ބުނާނީ، އަހަރެމެންގެ އަމިއްލަ އިޙްތިރާމް ހިފެހެއްޓުމަށް އަހަރުމެން މިބާރުގެ ބޭނުމެއް ނުކުރާނަމެވެ. އަހަރެމެންނާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ހަމަހިމޭން ކުރަންވެސް އަހަރެމެން މިބާރުގެ ބޭނުމެއް ނުކުރާނަމެވެ. ފާޑުކިޔުމަކަށް އަހަރެމެން ބިރެއް ނުރަނެއެވެ. އަދި އަހަރެމެން އެކަމަށް ދެކޮޅެއްވެސް ނުހަދަމުއެވެ. ސަބަބަކީ، އެކަމާ ގުޅިގެން އަސަރުކުރާ އެއްޗަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށްވާތީއެވެ. އަހަރެމެންނަށް ފާޑުކިޔާ މީހުންނަށް އަހަރެމެން ބުނަން އޮތީ، އަހަރެމެން އަދާކުރާ ވަޒީފާގެ ބާވަތުން، އެމީހުން އެކިޔާ ފާޑުކިޔުންތަކަށް ރައްދުދިނުމަކީ އަހަރެމެންނަށް ކުރެވޭނެ ކަމެއް ނޫންކަން ހަނދާނުގައި ބެހެއްޓުމަށެވެ. ފަހެ، އާންމުކޮށް ހިނގާ ޚިޔާލުތަފާތުވުމެއްގެ ތެރެއަށް ވަނުމަކީ އަހަރެމެންގެ މައްޗަށް ހެޔޮވެގެންވާ ގޮތެއް ނޫނެވެ. އަހަރެމެންގެ ހަމައެކަނި ޙިމާޔަތަކީ އަހަރެމެންގެ ޢަމަލުތައް ސީދާކޮށް ބެހެއްޓުމެވެ."

ބައެއް ފަހަރު ސީދާތެދަށް ހުންނަ ފަނޑިޔާރަކަށްވެސް އެއްވެސް އަސާސެއްނެތި ފާޑުކިޔެއެވެ. އެޙާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ، ފަނޑިޔާރު އެކަމާ އަޅާނުލުމެވެ. އަދި އެފާޑުކިޔުމަކި އިޚްލާސްތެރި ރަނގަޅު ފާޑުކިޔުމެއްނަމަ، އެފާޑުކިޔުމެއް ބަލައިގަތުމެވެ. އަސާސެއްނެތް ފާޑުކިޔުމެއް އެއްވެސް އުނދަގުލެއް ނުވަތަ ތުރާލެއްނެތި ފޮޅާލެވޭ ވަރުގެ ފުޅާ ކޮނޑެއް ކޮންމެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހެއެވެ.

އެއްފަހަރަކު އިނގިރޭސި ނޫހެއްގެ ސުރުޚީގައި ލިޔެފައިވަނީ އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސް House of Lords އިން ނިންމި ގަޒިއްޔާއެއް ކަމުގައިވާ "ސްޕައިކެޗަރ" ގަޒިއްޔާ Attorney General v Guardian Newspapers Ltd [1987] 3 ALL ER 316 ނިންމި ފަނޑިޔާރުންނަކީ "މޮޔައިން" ކަމަށެވެ.

އެ ގަޒިއްޔާ ނިންމި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ލޯޑް ޓެމްޕްލްޓަން ކުރެން، އެ ސުރުޚީއާގުޅިގެން ކޮންޓެމްޕްޓް އޮފް ކޯޓުގެ ފިޔަވަޅު ނޭޅުއްވީ ކީއްވެގެންތޯ ސުވާލުކުރެވުނުހިނދު، އެފަނޑިޔާރު ހިނިވަރުނަކުރައްވާފައި ވިދާޅުވީ، "އިނގިރޭސިވިލާތުގެ ފަނޑިޔާރުން އެބާވަތުގެ ޒާތީ ފުރައްސާރަކުރުން ތަކަށް ސަމާލުކަން ނުދޭކަމަށެވެ. އެފަނޑިޔާރަކީ މޮޔައެއްކަމަށް އެފަނޑިޔާރަށް ޤަބޫލު ނުކުރެވުނުނަމަވެސް، އެހެންމީހުންނަށް ފެންނަގޮތް ހާމަކުރުމުގެ ޙައްޤު އެފަރާތްތަކަށް ލިބިގެންވެއެވެ. "

އިނގިރޭސިވިލާތުގެ އެހެން ގަޒިއްޔާއެއް ކަމަށްވާ Balog v Crown Court of Albon [1975] AC 373 ގައި ދަޢުވާލިބޭ ފަރާތުން ފަނޑިޔާރާ މުޚާތަބުކޮށް ބުނީ؛

"ތިޔައީ ހިނިތުންވުމެއްނެތް މެޝިނެއް ކަހަލަ އެއްޗެކެވެ. ކަލޭ އަމިއްލައަށް ހަލާކުވެގަތުން ކިހިނެއްވާނެހެއްޔެވެ؟"

އެހެން ބުނުމުން ފަނޑިޔާރު ހިނިތުންވެލިއެވެ. ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅައެވެ.

ދެން، މި މަޒުމޫނުގައި މި ބަލާލަނީ މި ގަވާއިދުގައިވާ ކަންކަމާގުޅޭގޮތުން އުފެދޭ ބައެއް ދުސްތޫރީ ބަހުސްތަކުގެ މައްޗަށެވެ.

ކުށް ކަނޑައެޅުން

ޤާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ ހަމަތަކަށް ބަލާއިރު، ވަކި އަމަލަކީ "ކުށެއް" ކަމަށް ކަނޑައަޅަންވާނީ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުންނެވެ. އަދި "ކުށް" ކަނޑައަޅާ ގާނޫނުގައި އެކުށަށް ދެވޭނެ އަދަބުވެސް ބަޔާންކޮށްފައި އޮންނަންވާނެ ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. * ކޯޓުގެ ދައުރަކީ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މީހަކު އެކުށްކުރިކަން ސާބިތުވޭތޯ ބެލުމަށްފަހު، އެ މީހާ ކުށް ކުރިކަމަށް ސާބިތުވާ ނަމަ ގާނޫނުގައި ބަޔާންކޮށްފައިވާ އުގޫބާތު ކަނޑައެޅުމެވެ. ބާރުތައް ވަކިކުރެވިފައިވާ ސިޔާސީ ނިޒާމެއްގެ މައްޗަށް ފަރުމާކުރެވިފައިވާ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ހަމަތަކަށް ބަލާއިރު ގާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ ވަޒީފާއެކެވެ. ކޯޓުތަކުގެ މަނަހުގެ ތެރޭގައި ގާނޫނު ހެދުން ހިމެނިފައެއް ނުވެއެވެ. ގާނޫނު ހެދުމުގެ ވަޒީފާ ކޯޓަކުން އަދާކުރާނަމަ، އެކަން ވެގެންދާނީ ދައުލަތުގެ ބާރުތައް ވަކިކުރުމުގެ މަފްހޫމާ ފުށުއަރާ ކަމަކަށެވެ.

ސުޕްރީމް ކޯޓުން، 24 ޖުލައި 2014 ދުވަހު އާންމު ކުރައްވާފައިވާ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާބެހޭ ގޮތުން ކޯޓު ތެރޭގައި ނުވަތަ ކޯޓުން ބޭރުގައި ފަނޑިޔާރަކަށް ނުވަތަ ކޯޓަށް ރައްދުވާގޮތަށް އެއްޗެއް ބުނެފިނަމަ ނުވަތަ އެއްޗެއް ލިޔެފިނަމަ ނުވަތަ އިޝާރާތެއް ކޮށްފިނަމަ ނުވަތަ ހަރަކާތެއް ކޮށްފިނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލަކަށްވާނެއެވެ. އަދި އެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުން ކޯޓުން ހުރުމަތް ކެނޑުމުގެ ކޮންމެ އަމަލަކީ ކުށެކެވެ.

އިސްތިއުނާފުކުރުމުގެ ހައްގު

ސުޕްރީމް ކޯޓުން، 24 ޖުލައި 2014 ދުވަހު އާންމު ކުރައްވާފައިވާ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ ބުނާ ގޮތުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށަކުން މީހަކު ކުށްވެރިވެއްޖެ ނަމަ އެ ހުކުމަކީ ގަވާއިދުގެ 20 ވަނަ މާއްދާގައިވާ ގޮތުން ވަރަށް ނާދިރު ހާލަތެއްގައި މެނުވީ އިސްތިއުނާފު ކުރެވޭނެ ކަމެއް ނޫނެވެ.

މަޢުލޫމާތު ހާމަކުރުން

ސުޕްރީމް ކޯޓުން، 24 ޖުލައި 2014 ދުވަހު އާންމު ކުރައްވާފައިވާ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދުގެ 9 ވަނަ މާއްދާގައި، ހިނގަމުންދާ ޝަރީޢަތަކާބެހޭ މައުލޫމާތު ބައެއް ހާލަތްތަކުގައި ހާމަކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކުރައްވާފައިވެއެވެ. ހިނގަމުންދާ ޝަރީޢަތްތަކާބެހޭ ގޮތުން މައުލޫމާތު ހާމަކުރުމުގައި މި ގަވާއިދުގެ 9 ވަނަ މާއްދާގައި ކަނޑައަޅުއްވާފައިވާ މިންތަކަކީ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްގެން މެނުވީ ހަނިކުރެވިދާނެ މިނިވަންކަމެއްތޯ ސުވާލުއުފެދެއެވެ. ސަބަބަކީ، ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ގާނޫނުއަސާސީގައި ވަރަށް ޚާއްސަ އިސްކަމެއް ދީފައިވާ ހައްގުތަކަކަށްވާކަމެވެ.

މި ގަވާއިދުގައި ހިމެނޭ ވަރަށް ގިނަ ކަންކަމަކީ ގާނޫނުއަސާސީގައިވާ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ގުޅުން ހުރި ކަންކަމަށްވާއިރު، މި ގަވާއިދުގައިވާ ކަންކަމަކީ ކޯޓަކުން ހެދިދާނެ ގަވައިދުތަކެއްތޯ ނުވަތަ އެކަންކަމަކީ ރައްޔިތުންގެ މަޖިލީހުންގ ހަދާ ގާނޫނަކުން އަގުމަގު ކުރަންޖެހޭ ކަންކަންތޯ ބަހުސްކުރެވިދާނެއެވެ. ސުޕްރީމް ކޯޓުގެ މި ގަވާއިދަށް ބަލާއިރު މި ގަވާއިދުގައިވާ ގިނަ ކަންކަމަކީ ސާފު ނޫން އަދި ތަފާތު ގިނަ ގޮތްގޮތަށް މާނަކުރެވިދާނެ ކަންކަން ކަމުގައިވާތީވެ، މި ގަވާއިދަކީ ޒާތީ ހަސަދަ ފިލުވާލުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ.

ކޮންޓެމްޕްޓް އޮފް ކޯޓުގެ ބާރަކީ ވަރަށް ފަރުވާތެރިކަމާއި ހިކުމަތްތެރިކަމާއެކު ބޭނުންކުރަންޖެހޭނެ ބާރެކެވެ. ފަނޑިޔާރަކަށް އަމާޒުކޮށް ކިޔާ ކޮންމެ ފާޑުކިއުމަކީ ކޮންޓެމްޕްޓް އޮފް ކޯޓުގެ އަމަލަކަށް ނުވާނެއެވެ. ކޮންޓެމްޕްޓް އޮފް ކޯޓުގެ ބާރު ބޭނުންކުރަންވާނީ މީހަކު ކިޔާއެއްޗަކުން ނުވަތަ މީހެއްގެ އަމަލަކުން ކޯޓުގެ މަސައްކަތް ހުއްޓުމަކަށް އަންނަނަމައެވެ. މިސާލަކަށް ކޯޓަށް ހާޒިރުވެހުރެ މީހަކު ފަނޑިޔާރުގެ ފައިލު ހިފައިގެން ދުއްވައިގެންފިނަމަ، ނުވަތަ ހެއްކަކަށް ހަމަލަދީފިނަމަ، އެބާރުގެ ބޭނުންކުރަންވާނެއެވެ. މީހަކު ކޯޓުގެ ތެރޭގައި ތިޔައީ މޮޔައެކޭ ކިޔާފައި ދިޔަނަމަވެސް ކޯޓުގެ މަސައްކަތެއް ނުހުއްޓޭނެއެވެ. އެހެން ނަމަވެސް ކޯޓުގައި މީހަކު ހަތަރުދަމު ހުރެގެން ހަޅޭއްލަވައި އަޑުގަދަކޮށް ކޯޓުގެ މަސައްކަތް ހުއްޓަވައިފިނަމަ އެއީ ކޮންޓެމްޕްޓް އޮފް ކޯޓުގެ އަމަލެކެވެ.

އެހެންކަމުން އަޅުގަނޑުގެ ޚިޔާލަކީ، ސުޕްރީމް ކޯޓުން އެކުލަވާލައި އާންމު ކުރެއްވި ގަވާއިދާމެދު މަތީގައި ބަޔާންކޮށްފައިވާ މޭރުމުން އަލުން ވިސްނެވުމެވެ.

ޙުސްނުއްސުޢޫދު

2020 (c)