އިންވޮއިސްގައި ބަޔާންކުރާ ޖުރިމާނާގެ މައްސަލަ ގާނޫނީ ގޮތުން ހަމަމަގު ކުރަންޖެހޭ

26-01-2021

ދިރާސާގެ މަގްސަދު

މި ދިރާސާ މަޒުމޫނުގެ ބޭނުމަކީ، ހިދުމަތެއް ދިނުމަށްފަހު ނުވަތަ މުދަލެއް ވިއްކުމަށްފަހު އެ ހިދުމަތުގެ އަގު ނުވަތަ މުދަލުގެ އަގު ހޯދުމަށް ފޮނުވާ އިންވޮއިސްގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެ އިންވޮއިސް ރައްދުވާ ފަރާތުން އެ އިންވޮއިސްގައިވާ ފައިސާ ނުދައްކައިފި ނަމަ، ޖުރިމާނާވާނެ ކަމަށް ބަޔާންކޮށް އިންވޮއިސްގައި ބަޔާންކުރާ ޝަރުތަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނު ހުއްދަކުރާ ޝަރުތެއްތޯ ބެލުމަށާއި، އެ ޝަރުތަކީ ހުއްދަ ޝަރުތެއްކަމަށް ވާނަމަ އެ ގޮތުން ކަނޑައަޅާ ޖުރިމާނާގެ އަދަދު ކަނޑައެޅުމުގައި ނުވަތަ ޖުރިމާނާގެ މިންވަރު ކޯޓުތަކުން ނަގައިދިނުމުގައި ގާނޫނީ އަދި ޝަރުއީ ގޮތުން އަދުލުވެރި މިންވަރަކީ ކޮބައިތޯ ބެލުމެވެ.

ޖަޒާއީ ޝަރުތު

ހިދުމަތެއް ދިނުމަށްފަހު ނުވަތަ މުދަލެއް ވިއްކުމަށޤފަހު އެ ހިދުމތުގެ ނުވަތަ މުދަލުގެ އަގު ހޯދުމަށް އިންވޮއިސްއެއް ފޮނުވުމަކީ ދިވެހިރާއްޖޭގައި ކުރާ ވިޔަފާރީގެ އުރުފެކެވެ. އަދި އިންވޮއިސްގައިވާ ފައިސާ އެ އިންވޮއިސްގައިވާ މުއްދަތުގައި ދެއްކުމަށް ބާރު އެޅުމުގެ ގޮތުން، ކަނޑައެޅިފައިވާ ތާރީހަށް އިންވޮއިސްގައިވާ ފައިސާ ނުދައްކައިފިނަމަ ޖުރިމާނާ ވާނެކަމާއި ޖުރިމާނާ ވާނެ މިންވަރު އިންވޮއިސްގައި ބަޔާންކުރުމަކީ ރާއްޖޭގައި ކުރެވޭ ވިޔަފާރީގައި އަމަލުކުރަމުން އަންނަ އުރުފެކެވެ. އިންވޮއިސްގައިވާ ފައިސާ އިންވޮއިސްގައި ބަޔާންކޮށްފައިވާ މުއްދަތުގައި ނުދައްކައިފިނަމަ ޖުރިމާނާ ވާނެ ކަމަށް ބަޔާންކޮށް އިންވޮއިސްގައި ލިޔާ މާއްދާއަށް ގާނޫނީ އިލްމުވެރިންގެ އިސްތިލާހުގައި ކިޔަނީ "ޝަރުތު ޖަޒާއީ" ނުވަތަ "ޖަޒާއީ ޝަރުތު" އެވެ.

ޖަޒާއީ ޝަރުތަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކޮށްފިނަމަ އެ ފަރާތުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ދޭންޖެހޭ މާލީ ބަދަލުގެ މިންވަރު އެގްރީމެންޓުގައި ކަނޑައަޅައި ބަޔާންކުރުމަށް އެގްރީމެންޓުގައި ލިޔާ މާއްދާއެކެވެ. މިފަދަ ޝަރުތުތައް އެގްރީމެންޓުގައި ބަޔާންކުރުމުގެ ބޭނުމަކީ ކޮންޓްރެކްޓެއްގެ ދަށުން އެ ކޮންޓްރެކްޓުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ލިބޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ދުރާލައި ކަނޑައަޅާފައި ބޭއްވުމެވެ. ޖަޒާއީ ޝަރުތު އާންމުކޮށް ބަޔާންކުރަނީ ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ކުރެޥޭ އަސްލު ކޮންޓްރެކްޓުގައި ކަމުގައި ވީނަމަވެސް، އަސްލު ކޮންޓްރެކްޓާ ގުޅިގެން ފަހުންވެވޭ އެއްބަސްވުމެއްގައި ނުވަތަ އެއްބަސްވުމުގެ ދަށުން ފޮނުވޭ އިންވޮއިސްގައި ވެސް އެފަދަ ޝަރުތެއް ހިމެނުން މަނާވެގެން ނުވާކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ގަޒިއްޔާގައި ކަނޑައަޅާފައި ވެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ގަޒިއްޔާގެ ހުކުމުގައި ވަނީ "ޝަރުތު ޖަޒާއީ" އަކީ ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އަސްލީ އިލްތިޒާމު ތަންފީޒު ނުކުރުމުން ނުވަތަ ތަންފީޒުކުރުން ލަސްކުރުމުން ތަތުބީގުކުރެވޭ އެ އަސްލީ އިލްތިޒާމަށް ތަބާވާ "ތަބައީ" އިލްތިޒާމެއް ކަމަށެވެ.

ދިރާސާކުރާ މައުލޫއަށް ތަންހޯދުން

އެކިއެކި ފަރާތްތަކުގެ މެދުގައި ވެވޭ ކޮންޓްރެކްޓްތަކާ ގުޅޭ ހަމަތައް ބަޔާންކުރާ ގާނޫނަކީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ގާނޫނެވެ. ކޮންޓްރެކްޓާ ބެހޭ އިތުރު ހަމަތައް ރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ގަޒިއްޔާތަކުގައި ކަނޑައަޅާފައިވެވެ. ކޮންޓްރެކްޓެއްގެ ބައިވެރިއަކު ކޮންޓްރެކްޓާ ހިލާފުވެއްޖެ ނަމަ، އެކަމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ލިބޭ ގެއްލުމަށް ބަދަލުދެވޭނެ ގޮތްތައް ބަޔާންކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައެވެ. ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންޓްރެކްޓެއްގެ ބައިވެރިޔަކު ކޮންޓްރެކްޓަކާ ހިލާފު އަމަލެއް ކޮށްފިނަަމަ، އެއަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެއަމަލުކުރި މީހަކު ބަދަލުދޭން ޖެހޭނެ ކަމަށާއި؛ އެ ގޮތުން ބަދަލު ދޭންޖެހޭނެ ގެއްލުންތަކަކި ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން ސީދާ ލިިބޭ ގެއްލުންތަކަށާއި އެފަދަ ހިލާފު އަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުންތަކަށެވެ.

ކޮންޓްރެކްތާ ހިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ހޯދުމުގައި ދެ ހާލަތެއް މެދުވެރިވެއެވެ. އެއް ހާލަތަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ހިލާފުވެއްޖެ ނަމަ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ލިބޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ކޮންޓްރެކްޓުގައި ބަޔާންކޮށް ދެފަރާތުން އެއަށް އެއްބަސްވެފައި އޮންނަ ހާލަތެވެ. އެ ގޮތަށް އެއްބަސްވުމަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން ދެފަރާތަށް ލިބިގެންވާ މިނިވަންކަމެކެވެ. ގެއްލުމަށް ބަދަލުދޭނެ ގޮތާއި ދޭންޖެހޭނޭ ބަދަލުގެ މިންވަރު ދެފަރާތުގެ ދެމެދުގައި ކުރެވޭ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާނަމަ އެ މިންވަރު ކޯޓުން ނަގައިދޭނެއެވެ. ދެވަނަ ހާލަތަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ހިލާފުވެއްޖެ ނަމަ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ލިބޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ކޮންޓްރެކްޓުގައި ބަޔާންކޮށްފައި ނޯންނަ ހާލަތެވެ. މިފަދަ ހާލަތުތަކުގައި، ކޮންޓްރެކްޓުގެ ބައިވެރިއަކު ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން މައްސަލަ ކޯޓަށް ހުށަހަޅާނަމަ، އެ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ރުޖޫއަވާން ޖެހޭނީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއަށެވެ. ކޮންޓްރެކްޓާބެހޭ ގާނޫނީ 23 ވަނަ މާއްދާގެ ބަދަލު ހޯދަން އެދޭނަމަ އެ ގެއްލުމެއް ލިބުނުކަން ޝަރީޢަތަށް ސާބިތުކޮށްދޭން ޖެހޭނެއެވެ. ގެއްލުން ލިބުނުކަން ޝަރީޢަތަށް ސާބިތުކޮށް ނުދެވިއްޖެ ނަމަ އެ ގެއްލުމުގެ ބަދަލު ކޯޓުތަކުން ނަގައެއް ނުދޭނެއެވެ.

އެގްރީމެންޓުގައި ބަޔާންކުރެވޭ ޖަޒާއީ ޝަރުތަކީ ރާއްޖޭގެ ގާނޫނުގެ ދަށުން ސައްހައެއްޗެއްކަން ކަނޑައެޅުނު ފުރަތަމަ މައްސަލައަކީ ހައިކޯޓުން 2002 ވަނަ އަހަރު ނިންމާފައިވާ ލަތީފް ވ. ޖޭކޭ ޓްރޭޑިންގް ކޯޕަރޭޝާން ގަޒިއްޔާއެވެ. މި ގަޒިއްޔާގައި ހައިކޯޓުން ކަނޑައެޅީ، މުދާ ފޯރުކޮށްދެމުން ގެންދިއުމާބެހޭ ގޮތުން ލަތީފުއާއި ޖޭކޭ ޓްރޭޑިންގް އާ ދެމެދު ސޮއިކުރެވިފައިވާ ކޮންޓްރެކްޓުގައި ވާ ގޮތުގެ މަތީން، ލަތީފު ދައްކަންޖެހޭ ފައިސާ ދެއްކުން ލަސްވެއްޖެ ނަމަ، އެ ފައިސާ ދެއްކުން ލަސްވާ ލަސްވުމަށް އަހަރަކަށް %12 ގެ ނިސްބަރުން ޖުރިމާނާއެއް ދައްކަން ޖެހޭނެ ކަމަށް ބަޔާންކޮށް އެ ކޮންޓްރެކްޓުގައި ލިޔެފައިވާ މާއްދާއަކީ ސައްހަ މާއްދާއެއް ކަމަށެވެ.

2011 ވަނަ އަހަރު ހައިކޯޓުން ނިންމި ޓްރެވަލިން މޯލްޑިވްސް ޕވޓ ލޓޑ ވ. ޓިމްބަ ހައުސް ޕވޓ ލޓޑ ގަޒިއްޔާ ގައި ހިލާފު އުފެދުނު މުއާމަލާތް ހިނގާފައިވަނީ ލިޔެފައިވާ ވަކި ކޮންޓްރެކްޓަކުން ކަމަށް ނުވިނަމަވެސް، އެ މުއާމަލާތް ހިނގާފައިވަނީ ދެފަރާތުގެ ދެމެދުގައި އެކި ފަހަރުމަތިން ބަދަލުކުރެވިފައިވާ ލިޔެކިޔުމުން ކަމަށްވާތީވެ، ކޯޓުން ކަނޑައަޅަފައިވަނީ އެ މުއާމާލާތާ ގުޅިގެން ފޮނުވާފައިވާ އިންވޮއިސްއަކީ ކޮންޓްރެކްޓުގެ ބައެއް ކަމަށާޢި، އިންވޮއިސް ބަލައިގަނެ، އެ އިންވޮއިސްގައިވާ ޖުރިމާނާއަށް ދަޢުވާލިބޭ ފަރާުން އިއުތިރާޒު ކޮށްފައިނުވާތީވެ، އެ އިންވޮއިސްގައި ބަޔާންކޮށްފައިވާ ޖުރިމާނާ ފައިސާ ދެއްކމަކީ ދައުވާލިބޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށެވެ.

ސުޕްރީމް ކޯޓުން ނިންމާފައިވާ ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވާރކްސް ކޯޕަރެޝަން ލިމިޓެޑް ގަޒިއްޔާގައިވަނީ މާލީ އެކިއެކި މުއާމަލާތުތަކާ ގުޅިގެން ހެދޭ ކޮންޓްރެކްޓްތަކާއި އިންވޮއިސްތަކުގައި ޖަޒާއީ ޝަރުތުތައް ހިމެނުމަކީ އެ މުއާމަލާތެއް ކުރާފަރާތްތަކަށް އިހްތިޔާރު ލިބިގެންވާ ހުއްދަކަމެއް ކަމަށާއި، އެެފަދަ ޝަރުތުތަކުގެ ތެރެއިން މުތުލަގުގޮތެއްގައި މަނާކަމަށް ބެލެވޭނީ ހަމައެކަނި އިސްލާމީ ޝަރީޢަތުގެ އަސްލަކާ ހިލާފުކަމަށް ޝަރުއީ ދަލީލަކުން ސާބިތުވާ ޝަރުތުތައް ކަމަށެވެ.

ޖުރިމާނާގެ ގޮތުގައި އާދަޔާ ހިލާފު ބޮޑު އަދަދުތަކެއް ނަގައިދިނުން

އިންވޮއިސްގައިވާ ފައިސާއާއި، އެފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ދައްކާފައި ނުވާތީވެ އަރާފައިވާ ޖުރިމާނާ ފައިސާ ހޯދުމަށް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އާދަޔާ ހިލާފު ބޮޑު އަދަދެއްގެ ޖުރިމާނާއެއް ނަގައިދީފައިވާ ފުރަތަމަ ގަޒިއްޔާއަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 (ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވާރކްސް ކޯޕަރޭޝަން ލިމިޓެޑް) ގަޒިއްޔާއެވެ. މި ގަޒިއްޔާގައި ސީޕީއެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށްފައިވަނީ އެ ކުންފުނިން ވާރކްސް ކޯޕަރޭޝަންއަށް ހުށަހެޅި އިންވޮއިސްތަކުގެ ޖުމްލަ އަދަދު ކަމުގައިވާ 286،649.23 ޔޫއެސް ޑޮލަރާއި އެ އިންވޮއިސްތަކުގެ ފައިސާ އެ އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ ތާރީހު ކަމުގައިވާ ފަނަރަ ދުވަސްތެރޭގައި ނުދެއްކުމުން އެ އިންވޮއި ސްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަރާފައިވާ ޖުރިމާނާ ފައިސާ ހޯދުމަށެވެ. އިންވޮއިސްގެ ޖުމްލަ ފައިސާއާއި އިންވޮއިސްގައިވާ ފައިސާ ނުދައްކއި ލަސްވާ ކޮންމެ ދުވަހަކަށް އިންވޮއިސްގެ އަދަދުގެ %2 ގެ ރޭޓުން އަރާފައިވާ އަދަދަކީ 4،120،797.70 ޔޫއެސް ޑޮލަރެވެ. މި ޖުރިމާނާ ފައިސާ ދެއްކުމަށް ސިިވިލް ކޯޓުން ހުކުމް ކޮށްފައިވެއެވެ.

މި މައްސަލަ ސިވިލް ކޯޓުން ނިންމި ގޮތާމެދު ހިތްހަމަ ނުޖެހިގެން އެމައްސަލަ ސީޕީއެސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން އެކޯޓުގެ ނަންބަރު 2012/HC-A/29 ގަޒިއްޔާގައި ކުރެއްވި ހުކުމުގައިވަނީީ، ފައިސާ ކަނޑައެޅިފައިވާ ތާރީހުތަކުގައި ދެއްކުން ލަސްވެއްޖެނަމަ ޖުރިމާނާ ފައިސާ ނެގޭނެކަމަށް އިންވޮއިސްތަކުގައި ބަޔާންކޮށްފައިވީނަމަވެސް، ފަނަރަ ދުވަހުގެ ތެރޭގައި އެ އިންވޮއިސް ތަކަށް ފައިސާ ދައްކާފައި ނުވާކަމަށާއި، އަދި ފައިސާ ދެއްކުން ލަސްވި ނަމަވެސް އެއްވެސް ފަހަރަކު ވާކްސް ކޯޕަރޭޝަނުން ޖުރިމާނާ ފައިސާ ނަގާފައިނުވާ ކަމަށާއި، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އިންވޮއިސްގެ އަދަދުގެ %2 ގެ ރޭޓުން ޖުރިމާނާގެ ފައިސާ ނެގޭނެކަމަށް އޮންނަ އޮތުމަކީ ހުށަހެޅުމެއް ކަމަށާއި، އެހުށަހެޅުން ވާކްސް ކޯޕަރޭޝަނުން ގަބޫލުކޮށްފައި ނުވާތީ ޖުރިމާނާ ފައިސާ ދެއްކުމަށް ދެފަރާތުގެ ދެމެދުގއި އެއްބަސްވުމެއް ނެތްކަމަށެވެ. އަދި އިންވޮއިސްތައް ވާކްސް ކޯޕަރޭޝަނަށް ބަލައިގަނެ ހަވާލުވުމަކީ އެ ޖުރިމާނާ ފައިސާ ދެއްކުމަށް އެއްބަސްިކަމަށް ނުބެލެވޭނެކަމަށެވެ. އެހެންކަމުން، މި އުސޫލުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ހުކުމުގައިވާ ޖުރިމާނާގެ ފައިސާގެ ބައި ނަގައި ނުދެވޭނެ ކަމަށް ހައިކޯޓުން ހުކުމް ކުރިއެވެ.

ހައި ކޯޓުގެ ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ސީޕީއެސްގެ ފަރާތުން ފޮނުވަމުން ދިޔަ އިންވޮއިސްތައް އެއްވެސް އިއުތިރާޒަކާ ނުލައި ވާކްސް ކޯޕަރޭޝަނުން ބަލައިގަނެ، އެވަގުތަކަށް ދެއްކެން ހުރި އަދަދަކަށް ފައިސާ ދައްކަމުން ގޮސްފައިވުމަކީ، އެ އިންވޮއިސްތައް އޭގައިވާ ޖަޒާއީ ޝަރުތުތަކާއެކު ބަލައިގެންފައިވާކަން ދޭހަވާ ކަމެއް ކަމަށެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އިންވޮއިސްތަކުގެ ޖުމްލަ އަދަދު ކަމުގައިވާ 286،659.23 ގެ އިތުރުން، އިންވޮއިސްގައި ހިމެނިފައިވާ ޖަޒާއީ ޝަރުތުގެ ދަށުން ވާކްސް ކޯޕަރޭޝަނުން ސީ.ޕީ.އެސް އަށް ދައްކަން ޖެހޭނެކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ޖުރިމާނާގެ އަދަދު ކަމުގައިވާ 4،120،797.70 ޔޫއެސް ޑޮލަރުވެސް ވާކްސް ކޯޕަރޭޝަނުން ސީ.ޕީ.އެސް އަށް ދައްކަން ޖެހޭނެކަމަށެވެ.

ޖަޒާއީ ޝަރުތާބެހޭ ގޮތުން މި ގަޒިއްޔާގައި ސުޕްރީމް ކޯޓް ގާއިމްކޮށްފައިވާ ގާނޫނީ ހަމަތަކަކީ:

  1. ޖުރިމާނާގެ އަދަދު ކިތަންމެ ބޮޑަސް، ޖަޒާއީ ޝަރުތާމެދު ދެ ފަރާތުން އެއްބަސްވެފައިވާނަމަ އެއީ ތަންފީޒުކުރެވޭނެ ޝަރުތެއްކަން.
  2. ޖަޒާއީ ޝަރުތާމެދު ދެ ފަރާތުން ސަރީހަ ބަހުން އެއްބަސްވެފައި ނުވިޔަސް އެ ޝަރުތައް ޒިމްނީ ގޮތުން އެއްބަސް ވެފައިވާ ކަމަށް ކޯޓަށް ގަބޫލުކުރެވޭނަމަ އެއީ ތަންފީޒުކުރެވޭނެ ޝަރުތެއްކަން.

ސީ.ޕީ.އެސްގެ ފަސް

ސީ.ޕީ.އެސްގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމި ފަހުން މި މައުލޫގެ ދަށުން ސުޕްރީމް ކޯޓުން ނިންމާފައިވާ އަނެއް ގަޒިއްޔާއަކީ އައި.އެން.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާއެވެ.

މި މައްސަލައަކީ މައިކްރޯ އިންވެސްޓްމަންޓުން އައި.އެންޑް.ޓީ އަށް ވިއްކާފައިވާ ސޭންޑް ޕަމްޕް ހޯސް އަކަށް ދައްކަންޖެހޭ -/132،500 ރުފިޔާ ދައްކާފައި ނުވާތީ، އެފައިސާ ހޯދުމަށާއި، އިންވޮއިސްގައި ބުނެފައިވާ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ، ފައިސާ ނުދައްކައި ލަސްވާ ކޮންމެ ދުވަހަކަަށް އިންވޮއިސްގެ އަދަދުގެ %5 ގެ ރޭޓުން ޖުރިމާނާގެ ގޮތުގައި އަރާފައިވާ -/3،411،875 ރުފިޔާ ހޯދުމަށް ސިވިލް ކޯތަށް ހުށަހެޅި މައްސަލައެކެވެ. ސިވިލް ކޯޓުގެ ނަންބަރު 695/Cv-C/2014 ގަޒިއްޔާގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ މައިކްރޯ އިންވެސްޓްމަންޓަށް ސޭންޑް ޕަމްޕެއް ފޯރުކޮށްދީފައިވާކަން ސާބިތުވާތީއާއި، އަދި މި މުދަލަށް ފައިސާ ދައްކާފައިވާކަން ސާބިތުކޮށްދިނުމަކީ އައި.އެން.ޓީ އިން ދައްކަންޖެހޭ ފައިސާ އެއްކަމަށާއި ނަމަވެސް ޖުރިމާނާގެ އަދަދު ހިސާބުކޮށް ފޮނުވާފައިވާ ނަންބަރު 2012/MI/113 އިންވޮއިސް އައި.އެންޑް.ޓީ އަށް ރައްދު ކުރެވިފައިވާކަން އެއްވެސް ލިޔުމަކުން ދެނެގަނެވެން ނެތުމުން އެ އިންވޮއިސްގައިވާ ޝަރުތުގެ މައްޗަށް ބިނާކޮށް އެ ޖުރިމާނާ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ.

މި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/244 ގަޒިއްޔާގައި ކުރި ހުކުމުގައިވަނީ 2012/MI/113 ނަންބަރު އިންވޮއިސް ލިބުނުކަން އައި.އެންޑް.ޓީ ގެ އިއުތިރާފުން ސާބިތުވާ ކަމަށާއި، އެހެންކަމުން އެ ޖުރިމާނާގެ ފައިސާ އަކީ އައި.އެންޑް.ޓީ އިން މައިކްރޯ އިންވެސްޓްމަންޓަށް ދައްކަންޖެހޭ ފައިސާ އެއްކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/244 ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން އެ ގަޒިއްޔާގައި ނަގައިދީފައިވާ، ދުވާލަކަށް %5 ގެ ނިސްބަތުން ނެގޭ ޖުރިމާނާގެ ބައި ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ގަޒިއްޔާގެ ހުކުމުގައި ވަނީ މައިކްރޯ އިންވެސްޓްމަންޓުގެ ފަރާތުން އައި.އެންޑް.ޓީ އަށް ފޮނުވާފައިވާކަމަށް ބުނާ 2012/MI/113 ނަންބަރު އިންވޮއިސްގައި އެ އިންވޮއިސް ރައްދުވާތާ 24 ގަޑި އިރުތެރޭގައި އެ އިންވޮއިސްގައި މައްސަލައެއް އޮތްނަމަ އެކަން އެންގުމަށް ބުނެފައިވާއިރު، އެއިންވޮއިސް ހަވާލު ކުރެވުނު ގަޑި ސާފުކޮށް އެނގެންނެތުމާއި، އަދި އެއިންވޮއިސް ރައްދުވިކަމަށް މައިކްރޯ އިންވެސްޓްމަންޓުން ބުނާ ބުނުން ފިޔަވައި އިތުރު ހެއްކެއް ނެތްކަމުންނާއި، އަދި އެއިންވޮއިސް ލިބުނުކަމަށް އައި.އެން.ޓީ އިން އިންކާރު ކުރާހިނދު، އެކުންފުނީގެ ފަރާތުން އިންވޮއިސްގައި ކަނޑައަޅާފައިވާ ޖަޒާއީ ޝަރުތު ޒިމްނީ ގޮތުން އައި.އެން.ޓީ އިން ގަބޫލުކޮށްފައިވާ ކަމަށް ބަލާނެ އަސާސެއް ނެތްކަމަށެވެ.

އެހެންކަމުން، އައި.އެން.ޓީ މައްސަލާގައި ޖުރިމާނާގެ ފައިސާ ނަގައިދީފައި ނުވާ ގާނޫނީ ސަބަބަކީ، އިންވޮއިސްގައި ކަނޑައަޅާފައިވާ ޖަޒާއީ ޝަރުތުތައް އިންވޮއިސް ރައްދުވި ފަރާތުން ސަރީހަ ބަހުން ނުވަތަ ޒިމްނީ ގޮތުން އެ މައްސަލާގައި އެއްބަސްވެފައި ނެތުމުންނެވެ. ކޮންމެހެން ޖުރިމާނާގެ އަދަދު ބޮޑުވެގެނެއް ނޫނެވެ.

މަތީގައި ބަޔާންކުރެވުނު ގާނޫނީ ސަބަބުގެ މައްޗަށް ބިނާކޮށް، އައި.އެން.ޓީ މައްސަލަ ނިންމަމުން އެ ގަޒިއްޔާގެ ހުކުމުގެ ހަވާސާގައި އަންނަނިވި ކަންކަން ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ.

  1. "ޝަރުތު ޖަޒާއީ" ގެ މަފްހޫމުގެ މައްޗަށް ރިޢާޔަތްކޮށް، ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު "މަބްދައު ސުލްތާނިލް އިރާދާ (Freedom of Contract)" ގެ ދަށުން ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވީ ނަމަވެސް، އެ ބާރާއި އިހްތިޔާރަކީ އެއްވެސް ޝަރުއީ އަދި ގާނޫނީ ގައިދެއް ނެތި، މުތުލަގު ގޮތަކަށް ބޭނުންކުރެވޭނެ ބާރަކާއި އިހްތިޔާރެއް ނޫންކަން.
  2. ކޮންޓްރެކްތުގައި ހިމެނުން ހުއްދަކުރާ ޝަރުތުތައް ވާންޖެހޭނީ އިސްލާމީ ޝަރީއަތުގައާއި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގަތުއީ (imperative) ހުކުމްތަކާ ހިލާފުނުވާ ޝަރުތުތަކަށް ކަން.
  3. ކޮންޓްރެކްޓުގެ ބައިވެރިއަކު އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން. ނުވަތަ އަދާނުކޮށް ލަސްކުރުމުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ލިބިދާނެ ގެއްލުމުގެ ބަދަލާމެދު ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ކުރިއާލައި ރުހި އެއްބަސްވެ ކޮންޓްރެކްޓުގައި ހިމަނާ ޝަރުތެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، އެފަދަ ގެއްލުމަކާ އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެކަން.
  4. އެ ބަދަލު ކަނޑައެޅުމުގައި "ތައައްސުފު (arbitrariness/abuse) " ވެ. ލިބޭ ގެއްލުމާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީއަތާއި، މިޒަމާނުގެ ތަފާތު ގާނޫނީ ނިޒާމުތަކުގައި އިސްތިގުރާރުވެފައިވާ ހުކުމްތަކާ ކަނޑައެޅިގެން ފުށުއަރާ ކަމެއްކަން.
  5. ކޮންޓްރެކްޓެއްގެ ދަށުން އަދާކުރުން ލާޒިމުވެގެންވާ އިލްތިޒާމަކީ ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާކަމަށް ވާނަމަ، އެ ފައިސާ އަދާކުރުން ލަސްވުމުން ލިބޭ ގެއްލުން ވަޒަންކޮށް ދައްކަންޖެހޭ ބަދަލަކާމެދު ދުރާލައި އެއްބަސްވުމާމެދު ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވާ ބާރު ތަފާތު ޖުރިސްޑިކްޝަންތަކުގެ ކަމާބެހޭ ގާނޫނުތަކުގައި ގައިދުކޮށް ތަންޒީމުކުރެވިފައިވާ ކަމާއި، އޭގެ ބޭނުމަކީ އެފަދަ ބަދަލު ނަހަމަގޮތުގައި ނުހައްގުން އެކަށީގެންވާ މިންވަރަށްވުރެ ބޮޑު އަދަދަކަށް ނެގުމަށް ވެވޭ އެއްބަސްވުން މަނާކުރުން ކަމާއި؛ މިގޮތުން، ތިޖާރީ އަދި ބޭންކިންގް ދާއިރާގައި އިސްތިއގްރާރުވެފައިވާ އާދަކާދަޔާއި "އައުރާފު “(customs) ނުހިމެނޭ ގޮތުގެމަތިން، އެފަދަ ބަދަލު ގާނޫނުގައި ކަނޑައަޅާފައިވާ ނިސްބަތަށް ވުރެ ބޮޑު ނިސްބަތަކަށް ނެގުން ގިނަ ޖުރިސްޑިކްޝަންތަކުގެ ކަމާބެހޭ ގާނޫނުތަކުގައި މަނާކޮށްފައިވާކަމާއި، އަދި ބައެއް ޖުރިސްޑިކްޝަންތަކުގައި އެ ބަދަލުގެ މިންވަރު، އަދާކުރަންޖެހޭ އަސްލު އިލްތިޒާމަށްވުރެ ބޮޑުވުންވެސް މަނާކުރާކަން.
  6. މަދަނީ މުއާމަލާތްތަކާއި އިލްތިޒާމުތަކާ ގުޅިގެން ކުރެވޭ ކޮންޓްރެކްޓުތަކުގައި ޝަރުއީ އަސްލަކާ ހިލާފުނުވާ ގޮތުގެމަތިން "ޝަރުތު ޖަޒާއީ" ހިމެނުމަކީ މިޒަމާނުގެ އިސްލާމީ މުޖްތަމައުތަކުގައި އިސްތިއގްރާރުވެފައިވާ "އުރުދް" އެއް ކަމާއި، ކޮންޓްރެކްޓެއްގައި ހިމެނޭ "ޝަރުތު ޖަޒާއީ" އެއްގެ ދަށުން ނެގުމަށް އެއްބަސްވެވޭ ގެއްލުމުގެ ބަދަލުގެ މަޝްރޫއިއްޔަތުކަން ދެމިގެން އަންނަނީ މާތް ރަސޫލާ (...) ހަދީސް ކުރައްވާފައިވާ "....." މި ނައްސުން ކަމާއި، މި ނައްސަަކީ ހަގީގަތުގައި، މުތުލަގު ގޮތަކަށް ހުރިހާ ސިފައެއްގައި ގެއްލުން މަނާކުރުމަށް ބާރުއަޅާ، އިސްލާމީ ފިގުހުގައި އިސްތިގުރާރުވެފައިވާ އާންމު ފިގުހީ ގާއިދާއެއް ކަމާއި، މި ގާއިދާގެ ދަށުން ކޮންޓްރެކްޓުގެ ވައިވެރިއަކު ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމް އަދާނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމަށް ޖާމިނުވެ އެ ގެއްލުމުގެ ބަދަލު ދިނުމަށް ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި އެއްބަސްވެ ކުރެވޭ ޝަރުތަކީ އުސޫލެއްގެ ގޮތުން އިސްލާމީ ޝަރީއަތް ހުއްދަކުރާ ސައްހަ ޝަރުތެއްކަމުގައިވީ ނަމަވެސް، އެ ޝަރުތުގެ ދަށުން ނެގުމަށް އެއްބަސްވެވޭ ބަދަލަކީ ޝަރުއީ އަސްލަކާ ހިލާފު ނޫން ބަދަލަކަށް ވާންޖެހޭނެ ކަމާއި، އެހެންކަމުން އެ ބަދަލަކީ "ތައައްސުފު" ކޮށް ނެގޭ، ލިބިދާނެކަމަށް ބެލެވޭ ހަގީގީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނެ މަސްލަހަތަކާ ނުވަތަ ފާއިދާ އަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށްވާނަމަ، އެއީ ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެވޭނެ ކަމާއި، އަދި އެފަދަ "ތައައްފުސީ" ބަދަލަކީ ޚުދު އިސްވެ އިޝާރާތްކުރެވުނު "..." ގެ ފިގުހީ ގާއިދާއާއި ހިލާފު ބަދަލަކަށް ވުމުގެ އިތުރުން، އެފަދަ ބަދަލު ނެގުމަށް ޝަރުތުކުރުމަކީ އިސްލާމީ ޝަރީއަތުގެ ނައްސުން ހަރާންކުރެވިފައިވާ، މީހުންގެ މުދާ އެބައި މީހުންގެ ރުހުމަކާ ނުލައި ނުހައްގުން އަތުލުން ކަމުގައި މެނުވީ ނުވާނެކަން.

ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ތައައްފުސުވެ، ލިބޭ ގެއްލުމާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީއަތާއި ހިލާފު ކަމެއް ކަމަށާއި، އަދި އެފަދަ ބަދަލު ގާނޫނުގައި ކަނޑައަޅާފައިވާ ނިސްބަތަށް ވުރެ ބޮޑު ނިސްބަތަކަށް ނެގުން ގިނަ ޖުރިސްޑިކްޝަންތަކުގެ ކަމާބެހޭ ގާނޫނުތަކުގައި މަނާކޮށްފައިވާކަމާއި، އަދި ބައެއް ޖުރިސްޑިކްޝަންތަކުގައި އެ ބަދަލުގެ މިންވަރު އަދާކުރަންޖެހޭ އަސްލު އިލްތިޒާމަށް ވުރެ ބޮޑުވުން ވެސް މަނާކޮށްފައިވާ ކަމަށް އައި.އެން.ޓީ ގަޒިއްޔާގެ ހުކުމުގެ ހަވާސާގައި ސުޕްރީމް ކޯޓުފާހަގަ ކުރި ނަމަވެސް، އިންވޮއިސްގައި ކަނޑައަޅާފައިވާ ޖުރިމާނާގެ އަދަދކީ ތައައްސުފު އަދި ލިބޭ ގެއްލުމާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލެއް ކަމަށްވާނަމަ، އެފަދަ ބޮޑެތި އަދަދުތައް ޖުރިމާނާގެ ގޮތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ނަގައި ނުދޭނެ ކަމަށް ސުޕްރީމް ކޯޓުގެ މި ހުކުމުގައި މުތުލަގުގޮތެއްގައި ކަނޑައަޅާފައެއް ނުވެއެވެ.

އިންވޮއިސްގައި ކަނޑައަޅާފައިވާ ޖުރިމާނާގެ އަދަދކީ ތައައްސުފުވާ އަދި ލިބޭ ގެއްލުމާ ނުބައްދަލު، އެކަށީގެންނުވާ ބޮޑު އަދަދެއް ކަމަށްވާ ނަމަ، އެފަދަ ބޮޑެތި އަދަދުތައް ޖުރުމާނާގެ ގޮތުގައި ކޯޓުން ނަގައި ނުދޭނެ ކަމަށް އައި.އެން.ޓީ މައްސަލާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނެތްކަން އިތުރަށް ޔަގީންވަނީ އައި.އެން.ޓީ ގަޒިއްޔާ 3 އޮކްޓޯބަރު 2016 ގައި ސުޕްރީމް ކޯޓުން ނިންމިފަހުން 19 އޮކްޓޯބަރު 2017 ގައި ސުޕްރީމް ކޯޓުން ނިންމި އިސްމާއީލް ރަފީއު ވ. އޮޅުވެލިލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި އެކަށީގެންނުވާ ކަމަށް ބެލެވިދާނެ ބޮޑު އަދަދެއްގެ ޖުރިމާނާއެއް ސައްހަކަމަށް ކަނޑައަޅައި އެ އަދަދު ސުޕްރީމް ކޯޓުން ނަގައިދީފައި ވާތީއެވެ.

19 އޮކްޓޯބަރު 2017 ގައި ސުޕްރީމް ކޯޓުން ނިންމާފައިވާ އޮޅުވެލިލާމު ގަޒިއްޔާއަކީ އިސްމާއީލް ރަފީއު އޮޅުވެލިލާމަށް ވިއްކާފައިވާ ތެލުގެ އަގު ހޯދުމަށް އޭނާ ފޮނުވާފައިވާ 4 އިންވޮއިސްގެ އަގާއި އެ އިންވޮއިސްތަކުގައި ކަނޑައަޅާފައިވާ ތާރީހަށް ފައިސާ ނުދެއްކުމުން ދައްކަންޖެހޭ ޖުރިމާނާ ފައިސާ (ދުވާލަކަށް އިންވޮއިސްގެ އަގުގެ %2) ހޯދުމަށް ކުރި ދައުވާއެކެވެ.

މި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ޖުރިމާނާ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފުކުރުމުން ހައިކޯޓުން ހުކުމުގައިވަނީ ޖުރިމާނާ ފައިސާ ނަގައިދެވޭނެ ކަމަށެވެ. ޖުރިމާނާ ފައިސާ ނަގައިދެވޭނެ ކަމަށް މި ގަޒިއްޔާގައި ހައިކޯޓުން ކަނޑައަޅާފައިވަނީ "އިންވޮއިސްތައް ލިބުމުން އެ އިންވޮއިސްތަކުގައި އެއްބަސްވެފައިނުވާ އާ ޝަރުތެއް އޮތުމުން، އެ އިންވޮއިސް ތަކަށް ބެލުމަށްފަހު، އެކަން ފާހަގަ ނުކޮށް އަދި އެކަން އިންވޮއިސް ފޮނުވި ފަރާތާ ހިއްސާނުކޮށް ތިބެފިނަމަ އިންވޮއިސް އޮތްގޮތަށް ގަބޫލުކުރީ ކަމަަށް ބެލެވޭތީ" ކަމަށެވެ. ހައިކޯޓުގެ މި ނިންމުމަށް ސުޕްރީމް ކޯޓުން ވަނީ ތާއިދުކުރައްވާފައެވެ.

[އޮޅުވެލިލާމު ގަޒިއްޔާގައި ކޯޓުން ނަގައިދީފައިވާ ޖުރިމާނާގެ ތަފްސީލެ ދައްކުވައިދޭ ތާވަލު ބެއްލެވުމަށް]

ހައިކޯޓުން ކައްޗާ ދުއްވަން ފެއްޓުން

އިންވޮއިސްގައި ކަނޑައަޅާފައިވާ ޖުރިމާނާގެ މިންވަރަކީ ލިބޭ ގެއްލުމާ ނުބައްދަލު އަދި ހައްގުނޫން މިންވަރެއް ކަމުގައިވާ ނަމަ އެ މިންވަރަކީ އިސްލާމީ ޝަރީއަތާއި ހިލާފު ފައިސާއެއް ކަމަށް އައި.އެން.ޓީ ގަޒިއްޔާގެ ހުކުމުގެ ހަވާސާގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވީ ނަމަވެސް، ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާތަކުގައި އިންވޮއިސްގެ އަސްލު އަދަދާއި ނުބައްދަލު އަދި ގެއްލުމުގެ މިންވަރު ސާބިތުކޮށް ނުދެވޭ ޖުރިމާނާގެ އަދަދުތަކެއް ސުޕްރީމް ކޯޓުން ބައެއް މައްސަލަތަކުގައި ނަގައި ދީފައިވާކަން އިސްވެ ބަޔާންކުރެވުނު ގަޒިއްޔާތަކުގެ ހުކުމްތަކުން އެނގެއެވެ. ނަމަވެސް، އިންވޮއިސްގައިވާ ޖަޒާއީ ޝަރުތުގައި ހިމެނޭ މިންވަރު ޝަރީޢަަށް ޝަރީޢަތަށް ސާބިތުކޮށްނުދެވޭނަމަ އަދި އެމިންަރަކީ އެކުންފުންޏަށް ލިބުނުކަމަށް ބުނާ ގެއްލުމަކާއި އެކަށީގެންވާ މުނާސަބު ބަދަލެއް ނޫންނަމަ އެ ޖަޒާއީ ޝަރުތު ތަންފީޒުކޮޮށްނުދެވޭނެ ކަމަށް، އައި.އެން.ޓީ ގަޒިއްޔާއާ ހަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ބައެއް ހުކުމްތަކުގައި ބަޔާންކޮށްފައިވެއެވެ. މި މޭރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެއް ގަޒިއްޔާ އަކީ، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕީއެލްސީ ވ. ވައިޓްލައިން ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާއެވެ.

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕީއެލްސީ ވ. ވައިޓްލައިން ޕްރައިވެޓް ލިމިޓެޑް މައްސަލައަކީ ވައިޓްލައިން ޕްރައިވެޓް ލިމިޓެޑް (ވައިޓްލައިން) ގެ ފަރާތުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕީއެލްސީ (އެސްޓީއޯ) އަށް ފޮނުވާފައިވާ އެ ކުންފުނީގެ ނަންބަރު 313/2012/NL އިންވޮއިސް އާއި 126/12/NL އިންވޮއިސްއަށް ފައިސާ ނުލިބިގެން، އެ ދެ އިންވޮއިސްގެ ފައިސާއާއި އެ ދެ އިންވޮއިސްގައިވާ ޖަޒާއީ ޝަރުތުގައިވާ ޖުރިމާނާ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލާގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ ދެ އިންވޮއިސްގެ ތެރެއިން 313/2012/NL ނަންބަރު އިންވޮއިސްގައި މައްސަލަތަކެއް ހުރުމުން އެ އިންވޮއިސް އަނބުރާ ފޮނުވާލާފައި ވާތީ އާއި އެ އިންވޮއިސް އިސްލާހު ކުރުމަށްފަހު އަނބުރާ އެސްޓީއޯއަށް ހުށަހެޅިކަން ސާބިތު ނުވާތީވެ އެ އިންވޮއިސް ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ. ނަމަވެސް، އިންވޮއިސް ނަންބަރު 126/12/NL ގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދު ކަމުގައިވާ -/10،799 ރުފިޔާ ފަނަރަ ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ، ފައިސާ ނުދައްކައި ލަސްވާ ކޮންމެ ދުވަހަކަށް ޖުރިމާނާ ގެ ގޮތުގައި ދައްކަންޖެހޭ ކަމަށް އިންވޮއިސްގައި ބަޔާންކޮށްފައިވާ -/2050 ރުފިޔާ ގެ ރޭޓުން ފައިސާ ނުދައްކައި ލަސްވި 966 ދުވަހަށް ޖެހޭ ޖުރިމާނާގެ އަދަދު ކަމުގައިވާ -/1،980،300 ސިވިލް ކޯޓުން މި މައްސަލާގައި ނަގައިދީފައި ވެއެވެ.

މި މައްސަލަ އެސްޓީއޯ އިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ސިވިލް ކޯޓުގެ ހުކުމުގައިވާ ޖުރިމާނާގެ ފައިސާގެ ބައި ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ. މި އިސްތިއުނާފުގެ ގަޒިއްޔާ ހައިކޯޓުން ނިންމަމުން ހައިކޯޓުން ކުރި ހުކުމުގައިވަނީ އެސްޓީއޯއިން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ޖުރިމާނާގެ ފައިސާ ދައްކަންޖެހޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ "ހަމައެކަނި ވައިޓްލައިން އިން ފޮނުވާފައިވާ އިންވޮއިސް (އިންވޮއިސް ނަންބަރު 126/12/NL) ރައްދުވެފައިވާ ރައްދުވުމަށާއި އެ ބިލުގައި ހިމަނާފައިވާ އަދަދު އެގޮތުގައި އޮތުމުގެ މައްޗަށް އެކަނިކަން އެނގެން އޮންނައިރު، އެ މިންވަރަށް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ގެއްލުންވިކަން ސާބިތުކުރުމުގެ ގޮތުން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން އެއްވެސް ހުއްޖަތެއް އަދި ގަރީނާއެއް ވެސް ހުށަހަޅާފައިވާކަން އެނގެން ނެތުމުން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ބުނާ މިންވަރަށް އެކުންފުންޏަށް ގެއްލުންވެފައިވާކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނެތްކަމަށާއި މީގެ އިތުރުން ވައިޓްލައިން އަށް ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ މިންވަރަކީ އެކުންފުންޏަށް ލިބުނުކަމަށް ބުނާ ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދަލެއްކަންވެސް އެކުންފުންޏަށް ސާބިތުކޮށްދެވިފައިނެތް" ކަމަށެވެ. މި މައްސަލަ މިގޮތަށް ހައިކޯޓުން ނިންމާފައިވަނީ އައި.އެން.ޓީ ގަޒިއްޔާގެ ހުކުމުގެ ހަވާސާގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ހަވާލާދީއެވެ.

ހަމަ އެގޮތަށް، 5 ޑިސެމްބަރ 2017 ގައި ހައިކޯޓުން ނިންމާފައިވާ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑް ވ. ލޯމާ މާމިގިލި ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑް (ގަޒިއްޔާ ނަންބަރު 2015/HC-A/326) ގަޒިއްޔާގައި ހައިކޯޓުން ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވާފައިވާ އިންވޮއިސްފައި ޖުރިމާނާގެ ގޮތުގައި ހިމަނާފައިވާ އަދަދު (ދުވާލަކަށް އިންވޮއިސްގައި ހިމެނޭ %2.5) ނަގައި ނުދެވޭނެ ކަމަށެވެ. މި ޖުރިމާނާގެ ފައިސާ ނަގައިނުދެވޭނެ ސަބަބެއް ކަމަށް ހައިކޯޓުގެ ހުކކުމުގައިވަނީ އެ ފައިސާ ނުލިބި ލަސްވެގެން އެ އަދަދަށް ގެއްލުންވިކަން އިސްތިއުނާފުކުރާ ފަރާތަށް ސާބިތުކޮށްދެވިފައި ނުވުމުންނާއި އެ ޖުރިމާނާގެ މިންވަރަކީ އެކަށީގެންވާ މުނާސިބު ބަދަލެއްކަންވެސް އެކުންފުންޏަށް ސާބިތުކޮށްދެވިފައި ނެތުމެވެ.

ބިދޭސީ ގައުމުތަކުގައި އަމަލުކުރާ ގޮތް

ތިރީގައި މި ބަލާލަނީ ބައެއް އިސްލާމީ ގައުމުތަކުގއާއި ތަފާތު އެހެނިގެން ގައުމުތަކުގެ ގާނޫނީ ނިޒާމުގައި ޖަޒާއީ ޝަރުތުތަކާބެހޭ ގޮތުން އަމަލުކުރަމުން ގެންދާ އުސޫލުތަކުގެ މައްޗަށާޢި، އިންވޮއިސްތަކުގައި ބަޔާންކުރާ ޖުރިމާނާގެ ފައިސާ ނަގައި ދިނުމުގައި އަމަލުކުރާ އުސޫލުތަކުގެ މައްޗަށެވެ.

ޔޫއޭއީގައި ގިނަވެގެން އަހަރަކަށް %12 އަށްވުރެ ބޮޑު އަދަދެއް (ދުވާލަކަށް %0.033) އަށް ވުރެ ބޮޑު އަދަދެއް ނުނެގޭނެ

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ކޮމާޝަލް ކޯޑުގެ 88 ވަނަ މާއްދާ ބުނާގޮތުން، ދެ ފަރާތުން އެހެން ގޮތަކަށް އެއްބަސްވެފައިނުވާނަމަ، ދަރަނިވެރިޔާ އަރަނިވެރިޔާއަށް ދައްކަންޖެހޭ ފައިސާ ދެއްކުން ލަސްވެއްޖެ ނަމަ، ލަސްވުމުގެ ސަބަބުން އަރަނިވެރިޔާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، އެ ގާނޫނުގެ 76 ވަނަ މާއްދާއާއި 77 ވަނަ މާއްދާގައި ކަނޑައަޅފައިވާ ގޮތުގެ މަތީން އިންޓްރެސްޓް ހޯދުމުގެ ހައްގު އަރަނިވެރިޔާއަށް ލިބިގެންވެއެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސް ގެ ކޮމާޝަލް ކޯޑުގެ 76 ވަނަ މާއްދާއާއި 77 ވަނަ މާއްދާ ބުނާގޮތުން ޖުރިމާނާގެ އަދަދާމެދު ދެފަރާތުން ކުރިން އެއްބަސްވެފައިނުވާނަމަ، އިންޓްރެސްޓް ނެގޭނީ އެވަގުތަކު ހުރި މާކެޓް ރޭޓު (ކޮމާޝަލް ލެންޑިންގް ރޭޓް) އިންނެވެ. އަދި އެއްވެސް ހާލެއްގައި، ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން ނަގާ އިންޓްރެސްޓް އަހަރަކު %12 (ދުވާލަކަށް %0.033) އަށްވުރެ އިތުރުވެގެން ނުވާނެއެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސް ގެ ކެސޭޝަން ކޯޓުން ނިންމާފައިވަނީ އެއްބަސްވެފައިވާ އިންޓްރެސްޓުގެ ރޭޓަކީ ދައުލަތުގެ ނިޒާމު އާންމާއި ޚިލާފު ރޭތަކަށް ނުވާނަމަ، ދެ ފަރާތުން އެއްބަސްވެފައިވާ ރޭޓު ކޯޓުން ބަދަލު ނުކުރާނެ ކަމަށެވެ.

ގަތުރުގެ ގާނޫނުގެ ދަށުން ދައުލަތުގެ ނިޒާމު އާންމާއި ހިލާފު އަދަދެއް ނަގައި ނުދޭނެ

ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ހަދާފައިވާ ފަދަ ގާނޫނެއް ގަތަރުގައި ނެތުމުން ފައިސާ ދެއްކުން ލަސްވާނަމަ ޖުރިމާނާގެ ގޮތުގައި ނެގޭނެ މިންވަރު އެއްބަސްވުމުގައި ބަޔާންކުރުމަކީ ލާޒިމުކަމެކެވެ. މި ގޮތުން އެއްބަސްވާ ރޭޓަކީ ދައުލަތުގެ ނިޒާމު އާންމާއި ހިލާފު ނުވަތަ ގާނޫނާ ހިލާފު އަދަދެއް ކަމަށްވާނަމަ އެ މާއްދާ ބާތިލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. ނޫންނަމަ، ގަތަރުގައި ގެއްލުމުގެ ބަދަލު ހޯދަންޖެހޭނީ ގަތަރުގެ ސިވިލް ކޯޑުގެ 268 ވަނަ މާއްދާގެ ދަށުން ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ. އޭގެ މާނައަކީ، ޖުރިމާނާގެ ގޮތުގައި ނެގޭނެ މިންވަރު އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތް ނަމަ، ސިވިލް ކޯޑުގެ 268 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ނައގިދެވޭނީ އެ ގެއްލުމަކީ ހަގީގަތުގައިވެސް ލިބުނު ގެއްލުމެއް ކަން ޝަރީއަތަށް ސާބިތުކޮށް ދެވޭނަމައެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގާނޫނު

އީޔޫ ގާނޫނުގައި ކަނޑައަޅާފައިވާގޮތުން އެއްވިޔަފާރިއަކުން އަނެއް ވިޔަފާރިއަކަށް ފޮނުވާ އިންވޮއިސްއަށް ފައިސާ ދެއްކުން ލަސްވެއްޖެނަމަ އިންޓްރެސްޓް ނެގޭނެއެވެ. އިންޓްރެސްޓް ލިބުން ހައްގުވަނީ އަންނަނިވި ޝަރުތުތައް ފުރިހަމަވުމުންނެވެ.

1- އިންވޮއިސް ފޮނުވާ ފަހުން ފުރިހަމަކުރަންޖެހޭ އަގްދީ އިލްތިޒާމުތައް ފުރިހަމަކޮށްފައިވުން.

2- ފައިސާ ދެއްކުން ލަސްވެފައިވަނީ އިންވޮއިސް ރައްދުވާފަރާތުގެ ސަބަބުން ކަމުގައިވުން.

އަންނަނިވި ހާލަތުތަކުގައި އެއްވެސް ގޮތަކަށް އިންޓްރެސްޓް ނުނެގޭނެއެވެ.

1- އިންވޮއިސް ރައްދުވާ ފަރާތަކީ ކޮންސިއުމަރެއް ކަމުގައިވާނަމަ

2- އިންވޮއިސް ފޮނުވާފައިވަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ކަމުގައިވާނަމަ

އަދި އިންވޮއިސް ރައްދުވާ ފަރާތަކީ ދަރަނި އަދާނުކުރެވިގެން ކުންފުނި އުވާލުމުގެ މުރަހަލާ ފަށާފައިވާ ކުންފުންޏެއްނަމަ، އެފަދަ ފަރާތަކުން އިންޓްރެސްޓް ނުނެގޭނެއެވެ.

އީޔޫގެ ގާނޫނު ބުނާގޮތުން ދައުލަތުގެ އިދާރާއަކުންނަމަ، އިންވޮއިސް ލިބޭތާ 30 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކާފައިވާނަމަ އިންޓްރެސްޓް ހިނގަންފަށާނެއެވެ. އަމިއްލަ ވިޔަފާރިއަކުން ނަމަ، ދެފަރާތުން އެހެން ގޮތަކަށް އެއްބަސްވެފައިނުވާ ނަމަ، އިންވޮއިސް ލިބޭ ދުވަހުން ފެށިގެން 60 ދުވަސް ހަމަވުމުން އިންޓްރެސްޓް އަރަން ފަށާނެއެވެ.

އީޔޫގެ ގާނޫނު ބުނާ ގޮތުން އިންޓްރެސްޓް ނެގޭނީ ރިފަރަންސް ރޭޓްގެ އަދަދަށްވާ ފައިސާ އާއި، އީޔޫގެ ގައުމެއްގެ ގާނޫނަކުން އަމިއްލަ އަށް ކަނޑައަޅާ އެޑިޝަނަލް ރޭޓުގެ މައްޗަށެވެ. މިގޮތުން އީޔޫގެ ގައުމަކުން ކަނޑައަޅާ އެޑިޝަނަލް ރޭޓް އެއްވެސް ހާލެއްގައި %8 އަށްވުރެ މަތި ވެގެންނުވާނެއެވެ. އީޔޫ ގާނޫނު ބުނާގޮތުން ދައުލަތުގެ މުއައްސަސާއަކުން ދައްކަންޖެހޭ އިންޓްރެސްޓް ރޭޓް އެއްބަސްވުމުގައި ދަށްކުރުމަކީ މަަނާކަމެކެވެ. ނަމަވެސް، ވިޔަފާރިތަކުގެ މެދުގައިވެވޭ އެއްބަސްވުމެއްގައި އިންޓްރެސްޓް ރޭޓް ދައްކުރުމަށް އެއްބަސްވެވިދާނެއެވެ.

އީޔޫ ޒޯނުގެ ރިފަރެންސް ރޭޓަކީ ޔޫރަޕުގެ ސެންޓްރަލް ބެންކުގެ މައި ރިފެރެންސް ރޭޓެވެ. އީޔޫގެ އެހެން ގައުމުތަކުގައި އެ ގައުމުގެ ސެންޓްރަލް ބެންކުން ކަނޑައަޅފައި އޮންނަ ރެފަރަންސް ރޭޓެވެ.

އީޔޫ ޒޯނުގެ ރިފަރަންސް ރޭޓަކީ ޔޫރަޕުގެ ސެންޓްރަލް ބެންކުގެ މައި ރިފެރެންސް ރޭޓެވެ. އީޔޫގެ އެހެން ގައުމުތަކުގައި އެ ގައުމުގެ ސެންޓްރަލް ބެންކުން ކަނޑައަޅާފައިވާ އޮންނަ ރެފަރެންސް ރޭޓެވެ.

އިނގިރޭސި ގާނޫނު

އީޔޫ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އިނގިރޭސި ވިލާތުގައި ހަދާފައިވާ ލޭޓް ޕޭމަންޓް އެކްޓް 1998 ގާނޫނު ބުނާގޮތުން އެއް ފަރާތުން އަނެއް ފަރާތަށް ވިއްކާ މުދަލާއި ދޭ ހިދުމަތާ ގުޅިގެން ކުރެވޭ ކޮންމެ އެގްރީމެންޓެއްގައި އެ އެގްރީމެންޓުގެ ދަށުން ދައްކަންޖެހޭ ފައިސާ ދެއްކުން ލަސްވެއްޖެނަމަ ދައްކަންޖެހޭ އިންޓްރެސްޓާބެހޭ ޒިމްނީ ޝަރުތެއް ހިމެނޭ ކަމަށް ބަަލަންޖެހޭނެއެވެ. އެ ގާނޫނީ ބުނާގޮތުން ޖަޒާއީ ޝަރުތެއް ކޮންޓްރެކްޓުގައި ނެތަސް، ހިދުމަތާއި މުދަލުގެ އަގަށްވާ ފައިސާ ދެއްކުން ލަސްވެއްޖެ ނަމަ ސެންޓްރަލް ބޭންކުގެ ރެފަރެންސް ރޭޓުގެ އިތުރުން އަހަރަކު %8 ގެ ރޭޓުން ސާދާ އިންޓްރެސްޓު ލިބުމުގެ ހައްގު އަރަނިވެރިޔާއަށް ލިބިގެންވެއެވެ. އޭގެ އިތުރުން ދަރަނި ހޯދުމަށް ހިނގާފައިވާ މަގުބޫލު އަދަދެއްގެ ހަރަދު ހޯދުމުގެ ހައްގު ވެސް އަރަނިވެރިޔާއަށް ލިބިގެންވެއެވެ.

[ރާއްޖޭގެ ކޯޓުތަކުން އިންޓްރެސްޓް ނަގައިދީފައިވާ މިންވަރު ދައްކުވައިދޭ ތާވަލު ބެއްލެވުމަށް]

މަތީގައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ގަޒިއްޔާތަކުގެ ތެރެއިން ރާއްޖޭގެ ކޯޓުތަކުން ޖުރިމާނާގެ ފައިސާ ނަގައިދީފައިވާ ގަޒިއްޔާތަކަށް ބަލާއިރު، އޭގެ ތެރެއިން ސީ.ޕީ.އެސް ގަޒިއްޔާގައި ވާކްސް ކޯޕަރޭޝަނުން ސީ.ޕީ.އެސް އަށް ދައްކަންޖެހި ނުދައްކައި އޮތް 286،649.23 ޔޫއެސް ޑޮލަރަށް ލަސްވާކޮންމެ ދުވަހަކަށް %2 ގެ ރޭޓުން ނަގައިދީފައިވަނީ 4،130،797.70 ޔޫއެސް ޑޮލަރެވެ. އެހެން ކަމުން މިމައްސަލާގައި ކޯޓުން އިންޓްރެސްޓް ނަގައިދީފައިމިވަނީ އަހަރަކަށް %730 ގެ ރޭޓުންނެވެ. މަތީގައިވާ ގަޒިއްޔަތަކުގެ ތެރެއިން އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. އިސްމާއީލް ރަފީއު ގަޒިއްޔާގައި ލަސްވާކޮންމެ ދުވަހަކަށް %2 ގެ ރޭޓުން ނަގައިދީފައިވަނީ 3،730،492 ރުފިޔާއެވެ. އެހެން ކަމުން މި މައްސަލާގައި ކޯޓުން އިންޓްރެސްޓް ނަގައިދީފައިމިވަނީ އަހަރަކަށް %730 ގެ ރޭޓުންނެވެ. މަތީގައިވާ ގަޒިއްޔާތަކުގެ ތެރެއިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝާން ޕަބްލިކް ވ. ވައިޓްލައިން ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ސިވިލް ކޯޓުން ލަސްވާ ކޮންމެ ދުވަހަކަށް 2050 ރުފިޔާ ގެ ރޭޓުން ނަގައިދީފައިވަނީ 1،980،300 ރުފިޔާއެވެ. އެހެން ކަމުން މި މައްސަލާގައި ކޯޓުން އިންޓްރަސްޓް ނަގައިދީފައި މިވަނީ އަހަރަކަށް %1643.8 ގެ ރޭޓުންނެވެ.

ކޮންމެ އުސޫލަކުން ބެލި ކަމުގައިވިޔަސް މަތީގައި ބަޔާންކުރެވުނު ގަޒިއްޔާތަކުގައި ރާއްޖޭގެ ކޯޓުތަކުން ނަގައިދީފައިވާ ޖުރިމާނާގެ އަދަދުތަކަކީ ލިބިފައިވާ ގެއްލުމާއި ނުބައްދަލު އަދި އެމިންވަރަށް ގެއްލުންވިކަން ސާބިތުކޮށްނުދެވޭ އިންތިހާއަށް ބޮޑެތި އަދަދުތަކެކެވެ. ހަތަރުފަސް މަގުގެ ތެރޭގައި އިންވޮއިސްގައިވާ އަސްލު އަދަދުގެ ތިން ގުނަ އިންޓްރެސްޓްގެ ގޮތުގައި ބައެއް މައްސަލަތަކުގައި އިތުރުވެފައިވެއެވެ. ރާއްޖޭގެ ބޭންކުތަކެ ކޮމާޝަލް ލެންޑިން ރޭޓު އުޅެނީ އަހަރަކު %11.5 ގައެވެ. ފައިސާ ނުދައްކައި 3 މަސްވުމުން އެންމެ ބޮޑުވެގެންވެސް ޖުރިމާނާގެ ގޮތުގައި އިންޓްރެސްޓް އަރާނީ %17 އަށެވެ. މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ނަގައިދެވޭނެފަދަ ބޮޑެތި އަދުތަކެއް ނޫނެވެ.

އިންވޮއިސްގެ ފައިސާ ނުލިބިގެން ގިނަ ވިޔަފާރިތައް ބަނގުރޫޓުވޭ

ވިޔަފާރިތައް، ހާއްސަކޮށް ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް، ބަނގުރޫޓުވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެ ވިޔަފާރީގައި ބޭނުންކުރަންޖެހޭ ނަގުދު ފައިސާ އަތުގައި ނެތުމެވެ. ނުވަތަ ނަގުދު ފައިސާގެ ގޮތުގައި ވިޔަފާރިއަށް ވަންނަންޖެހޭ އާމްދަނީއަށް ބުރޫއެރުމެވެ. ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ނަގުދު ފައިސާގެ ގޮތުގައި ވަންނަންޖެހޭ ފައިސާ ގަވައިދުން ނުވަންނަ ނަމަ ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުބަރަދު ނުކުރެވި، މުވައްަޒަފުންނަށް މުސާރަނުދެވޭ ހިސާބަށް ދިއުމަކީ ދާދި ގާތުގައި އޮންނާނެ ކަމެކެވެ. އެފަދަ ހަރަދުތައް ހަމަޖެއްސުމަށް ދަރަންޏަށް ފައިސާ ނެގި ނަމަވެސް، ނަގުދު ފައިސާގެ ގޮތުގައި ގަވައިދުން ވަންނަންޖެހޭ ފައިސާ ނުވަންނަ ނަމަ، ކުންފުނި ބާރަށް ދަތުރުކުރާނީ ބަނގުރޫޓު ވުމާ ދިމާއަށެވެ.

ވިޔަފާރީގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުބަރަދު ހަމަޖެއްސުމަށް ބޭނުންވާ ނަގުދު ފައިސާ ނެތުމަށް މެދުވެރިވާ އެއް ސަބަބަކީ އެ ވިޔަފާރިއަކުން އެކިކއެކި ފަރާތްތަކަށް ދޭ ޚިދުމަތަށާޢި ވިއްކާ ތަކެއްޗާ ގުޅިގެން ފޮނުވާ އިންވޮއިސްތަކަށް ގަވައިދުން ފައިސާ ނުލިބުމެވެ. އެހެން ގައުމުތަކެކޭ އެއްގޮތަސޤ އިންވޮއިސްއަށް ފައިސާ ނުދެއްކުމަކީ ރާއްޖޭގައި ވެސް ބޮޑު މައްސަލައެކެވެ. ހާއްސަކޮށް ބޮޑެތި ވިޔަފާރިތަކުންނާއި ސަރުކާރުން ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދައްކަންޖެހޭ ޕޭމަންޓުތައް ނުލިބި އަހަރު ދެއަހަރުވެފައި އެބަހުއްޓެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަނގުރޫޓުވެފައިވާ ވިޔަފާރިތަކުގެ އަދަދެއް ނޭނގެއެވެ.

އިންވޮއިސްތަކުގައި ޖުރިމާނާގެ ބޮޑެތި އަދަދުތައް ހިމަނަން މަޖުބޫރުވަނީ އިންވޮއިސްއަށް ދައްކަންޖެހޭ ފައިސާ އަވަހަށް ހޯދުމަށް ބާރު އެޅުމަށެވެ. އަދި ވިޔަފާރިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށެވެ، ނަމަވެސް މި ފަދަ ޖުރިމާނާތަކަކީ އަދަބަކަށް ނުވަތަ އަނެއް ފަރާތަށް ލިބޭ އަނިޔާއަކަށް ވެގެން ވެސް ނުވާނެއެވެ. ވީމާ ދެފަރާތުގެ މަސްލަަހަތު ހިމާޔަތް ކުރެވޭނެ އުސޫލަކުން، އިންވޮއިސްތަކަށް އަވަހަށް ފައިސާ ލިބޭނެ މަގެއް ހަމަޖެއްސުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ.

ނިންމުން

މަތީގައި ބަޔާންކުރެވުނު އިސްލާމީ ޝަރީއަތުގެ އުސޫލުތަކާއި، ރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ގަޒިއްޔާތަކުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އެހެނިހެން އިސްލާމީ ގައުމުތަކުގެ ކޯޓުތަކުން އަމަލުކުރާ އުސޫލުތަކާއި، ދުނިޔޭގެ ތަހުޒީބުވެފފައިވާ ގައުމުތަކުގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ހަމަތަކަށް ބަލާއިރު ރާއްޖޭގެ ކޯޓުތަކުން އެކިއެކި ގަޒިއްޔާތަކުގައި ނަގައިދީފައިވާ ޖުރިމާނާގެ އަދަދުތަކަކީ އިސްލާމީ ޝަރީއަތާއި ތައާރަޒުވާ އަދަދުތަކެކެވެ. އިތުރަށް ނަގައިދީފައިވާ ޖުރިމާނާގެ މިންވަރަށްވާ ފައިސާއަކީ އިންސާފުވެރި ފައިސާއެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ.

ވިޔަފާރިތަކުން ފޮނުވާ އިންވޮއިސްތަކަށް ގަވައިދުން ފައިސާ ލިބޭނެ ނިޒާމެއް ސަރުކާރުން ހަމަޖެއްސުމަކީ ދުޅަހެޔޮ ވިޔަފާރީގެ މާހައުލެއް ގާއިމްކުރަން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހާއްސަކޮށް ބޮޑެތި ވިޔަފާރިތަކުންނާއި ސަރުކާރުން ކުދި އަދި މެދުފަންތީޣެ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ އަވަހަށް ލިބޭނެ ގޮތެއް ހަމަޖައްސަންޖެހެއެވެ. މި މައްސަލަ ހައްލުކުރުމަށް އަޅާ އެއް ފިޔަވަޅަކީ ޖޫރިމަނާގެ ފައިސާ ނަގައިދިނުން ކަމުގައިވިޔަސް އެ ޖުރިމާނާގެ އަދަދަކީ އިންސާފުވެރި އަދަދަކަށްވާންޖެހޭނެއެވެ. ކޮންމެ ގޮތެއްވިޔަސް، ޖުރިމާނާގެ ގޮތުގައި ނަގައިދޭ ފައިސާގެ މިންވަރަކީ ބޭންކުތަކުގެ ކޮމާޝަލް ލެންޑިންގް ރޭޓަށްވުރެ ބޮޑު އަދަދަކަށް ވެގެންނުވާނެއެވެ.

ޙުސްނުއްސުޢޫދު

2020 (c)