26-01-2021
عدل ވެރިކަމަކީ ﷲ ގެ ސިފަފުޅެކެވެ. އަދި އިންސާފު ގާއިމު ކުރުމަށްޓަކައި ހަރުދަނާކަމާއެކު ތެދުވުމަކީ ﷲ އަށްޓަކައި ހެއްކަކު ކަމަށް ވުމެވެ. އިންސާފު ގާއިމު ކުރަންވާނީ އަމިއްލަ މަސްލަހަތަށް ބެލުމެއްނެތިއެވެ. އިންސާފު ގާއިމުކުރުމުގެ ސަބަބުން ތިމާއަށް ނުވަތަ ތިމާގެ މަސްލަހަތަށް ނުވަތަ ތިމާގެ މީހެއްގެ މަސްލަހަތަށް ގެއްލުންވިޔަސް ކޮންމެ ނިންމުމެއްވެސް ނިންމަންވާނީ ހައްގުގެ ވެރީންނަށް ހައްގު އަދާކޮށް عدل ވެރިކަމާއެކުގައެވެ. ލެޓިން ހަރުބަހެއްގައި ބުނާހެން އިންސާފު ގާއިމުކުރުމުގެ ސަބަބުން އުޑުތައް ތިމާގެ ބޯމައްޗަށް ވެއްޓުނު ނަމަވެސް އިންސާފު ގާއިމުކުރަންޖެހޭނެއެވެ.
މަތީގައި ބަޔާން ކުރެވުނު އިލާހީ އިރުޝާދުގެ އަލީގައި ބަލާއިރު ގާޒީން ޝަރީއަތް ކުރަންވާނީ އަބަދުވެސް އިންސާފުވެރި ކަމާއެކުގައެވެ. ގާޒީ އަކީ ތެދުވެރި ހަރުދަނާ މީހަކަށް ވާންޖެހެއެވެ. ހަމަވިސްނުމުގެ މައްޗަށް ރުޅި އިސްކުރާ މީހަކަށް ވެގެން ނުވާނެއެވެ. ހިތާމައެއްގެ ސަބަބުން ނުވަތަ ހަމްދަރުދީއެއްގެ ސަބަބުން ޝަރީއަތުގައިވާ މަގުން ނުވަތަ ގާނޫނާއި ގަވައިދުގެ މަގުން ކައްސާލާ މީހަކަށް ވެގެންނުވާނެއެވެ.
އަދުލު އިންސާފު ގާއިމުކުރުމަކީ ދީނީ ވާޖިބެއް
އަދުލު އިންސާފު ގާއިމުކުރުމަށް ﷲ އަމުރުކުރައްވާފައިވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ:
لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ (57:25)
މާނަ: "ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެ رسول ންނާއެކު، ފޮތާއި، عدل إنصاف ގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން عدل إنصاف قائم ކުރުމަށްޓަކައެވެ."
إنصاف قائم ކުރުމަކީ ﷲ ކުރައްވާފައިވާ އަމުރެކެވެ. އެއަމުރާ ޚިލާފުވާފަރާތްތަކަށް ގަދަވެގެންވާ އަޒާބުހުއްޓެވެ.
إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ (16:90)
މާނަ: "ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، منكرات ތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، وعظ އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ."
عدل އިންސާފަކީ ވަރަށް ފުޅާ މާނައެއް އެކުލެވިގެންވާ ބަހެކެވެ. އެހެންކަމުން އެބަހުގެ މާނައިގެ ތެރޭގައި އެންމެހައި ރަނގަޅު ސިފަތަކެއް ހިމެނެއެވެ.
قُلْ أَمَرَ رَبِّي بِالْقِسْطِ (7:29)
މާނަ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ކުރެއްވީ عدل ވެރިވުމަށެވެ."
އަދި މިއަމުރު ނިސާ ސޫރަތުގައި ތަކުރާރު ކުރައްވާފައިވެއެވެ.
إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَى أَهْلِهَا وَإِذَا حَكَمْتُمْ بَيْنَ النَّاسِ أَنْ تَحْكُمُوا بِالْعَدْلِ (4:58)
މާނަ: "ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ."
إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ وَلَا تَكُنْ لِلْخَائِنِينَ خَصِيمًا (4:105)
މާނަ: "ހަމަކަށަވަރުން، حق ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ކަލޭގެފާނަށް اللَّه އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި حكم ކުރެއްވުމަށެވެ. خيانة ތެރިންގެ دفاع ގައި މަސައްކަތް ކުރައްވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!"
މަތީގައިވާ އާޔަތް އިލްމުވެރިން އޮޅުން ފިލުވައި ދެއްވާފައިވަނީ ތައިމާ އިބްނު އުބައިރާޤް ގެ މައްސަލަ އާއި ގުޅުވައިގެންނެވެ.
ތައިމާ އިބްނު އުބައިރާޤް އަކީ ބޭރުފުށުން މުސްލިމަކަށްވީ ނަމަވެސް ހަގީގަތުގައި އެއީ މުސްލިމަކުކަމަށް ދެއްކިގެން އުޅުނު މުނާފިގެކެވެ. ކޮންމެވެސް މީހެއްގެ ހަނގުރާމައިގެ ހަތިޔާރު ވަގަށް ނެގުމުގެ ތުހުމަތު އޭނާގެ ބޮލުގައި އެޅިގެން އެކަމުގެ ސަރިއަތް ހިނގަންފެށުމުން އެހަތިޔާރު ޔަހޫދީއެއްގެ ގޭގައި ސިއްރުން އޭނާ ބޭއްވިއެވެ. އަދި ފަހުން އެ ކަނޑި ޔަހޫދީ މީހާގެ ގެއިން ފެނުނެވެ. ޔަހޫދީ މީހާ އެހަތިޔާރު ވަގަށް ނެގިކަމަށް އިންކާރުކޮށް ތައިމާގެ ބޮލުގައި ތުހުމަތު އެޅުވިއެވެ. ތައިމާ އަކީ ބޭރުފުށުން މުސްލިމަކަށްވުމާއެކު މުސްލިމް ޖަމާއަތުގެ ހަމްދަރުދީ އޮތީ ތައިމާއާ އެއްކޮޅަށެވެ. މި މައްސަލަ ރަސޫލާގެ އަރިހަށް ހުށަހެޅުމުން އެ ޔަހޫދީ މީހާގެ މައްޗަށް އުފުލިފައިވާ ދައުވާއިން އެ ޔަހޫދީ މީހާ ބަރީއަކުރައްވައި މައްސަލަ ނިންމެވިއެވެ. މި މައްސަލަ ހިނގަމުން ދިޔައިރު ތައިމާއާ އެއްކޮޅަށް މައްސަލަ ނިންމުމަށްޓަކައި ވަރަށް ގިނަ ފަރާތްތަކުން މަސައްކަތްކުރިއެވެ.
عدل އިންސާފު ގާއިމުކުރަންޖެހޭނީ އެންމެންނަށް އެއްހަމައެއްގެ މަތިންނެވެ. އެއީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ކަމަށް ވިޔަސް މެއެވެ. މައިންބަފައިންނާއި އަނބިދަރިންނާއި ތިމާގެ މީހުންގެ މައްޗަށް ކަމަށް ވިޔަސް މެއެވެ. ފަގީރުންނާއި މުއްސަނދިންގެ މެދުގައި ފަގީރު ކަމާއި މުއްސަނދިކަމުގެ ސަބަބުން ތަފާތުކުރެވިގެން ނުވާނެއެވެ. އެންމެންނަކީވެސް ﷲގެ އަޅުން ކަމުގައިވާތީވެ އެންމެންގެ މެދުގައިވެސް އިންސާފު ގާއިމުކުރަންވާނީ ﷲ ގެ ފޮތުގައި އަންގަވާފައިވާ ގޮތަށެވެ.
يَا أَيُّهَا الَّذِينَ آَمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَى أَنْفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ إِنْ يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّهُ أَوْلَى بِهِمَا فَلَا تَتَّبِعُوا الْهَوَى أَنْ تَعْدِلُوا وَإِنْ تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا (4:135)
މާނަ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން عدل إنصاف قائم ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) اللَّه އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ فقير އަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، اللَّه، أولى ކަން ބޮޑެވެ. ތިޔަބައިމީހުން عدل ވެރިވުން ދޫކޮށް އަމިއްލަ އެދުމަށް تبع ނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ."
ފަނޑިޔާރުންގެ މަސްއޫލިއްޔަތު
އިސްލާމީ ޝަރީއަތުގައި عدل އިންސާފަށް ނުހަނު ބޮޑު އަހުމިއްޔަތުކަމެއް ދެއްވާފައިވާކަން ޔަގީނެވެ. އެހެންކަމުން ފަނޑިޔާރުކަން ކުރާ މީހުންނަކީ އިލްމުވެރި، ލޯހުޅުވޭ، ތޫނުފިލި، އަދި ﷲ އަށް ބިރުވެތިވާ ބަޔަކު ކަމުގައިވާންޖެހެއެވެ. ތެދުވެރި އަދި މީހުންގެ އިހުތިރާމް ލިބިގެންވާ މީހުން އިތުބާރުކުރާ ބަޔަކު ކަމުގައިވާންޖެހެއެވެ.
ކީރިތި ރަސޫލާގެ ހަދީސްފުޅެއްގައިވެއެވެ.
" ގާޒީން ބެހިގެންވަނީ ތިންބަޔަކަށެވެ. އެއްބަޔަކު ދާނީ ސުވަރުގެއަށެވެ. އަނެއް ދެބައި ދާނީ ނަރަކައަށެވެ. ސުވަރުގެއަށް ދާނީ ހަގީގަތް އެނގި އެއާއެއްގޮތަށް ހުކުމް ކުރާ މީހުންނެވެ. ހަގީގަތް އެނގުމަށްފަހު عدل ވެރިނޫންގޮތަކަށް ހުކުމް ކުރާ މީހުންދާނީ ނަރަކައަށެވެ. ހަމައެފަދައިން އެއްވެސް އެއްޗެއް ނޭނގިހުރެ ހަގީގަތް އޮޅުން ނުފިލުވައި ހުކުމްކުރާ މީހާވެސް ދާނީ ނަރަކައަށެވެ." –(އަބޫދާއޫދު އާއި އިބުނު މަޖާހ)
މަތީގައި ބަޔާންކުރެވުނު ހަދީސުން ދައްކައިދެނީ އިސްލާމީ ޝަރީއަތުގައި ގާޒީގެ މަސްއޫލިއްޔަތު އޮތްގޮތެވެ. ގާޒީއަކީ ގުރުއާނާއި އިސްލާމީ ޝަރީއަތުގެ ފުރިހަމަ އިލްމާއި ގާނޫނީ އިލްމު ލިބިހުރި ފަރާތަކަށް ވާންޖެހޭނެއެވެ. ގާޒީން ކުރާ ހުކުމަކީ عدل ވެރި ހުކުމަކަށް ވާންޖެހެއެވެ. އެހެން ނޫންނަމަ އެމީސްމީހުންނަށް އާޚިރަތުގައި އޮތީ ގެއްލުމާއި ހަލާކެވެ. މި ދުނިޔެއަކީ ވަގުތީ އާލަމެކެވެ. މިދުނިޔޭގައި ހޭދަކުރެވެނީ ވަރަށް ކުރު މުއްދަތެކެވެ. އަބަދަށް ދެމިގެން އޮންނަ ފައިދާކުރަނިވި އެއްޗަކީ ހެޔޮ އަމަލެވެ. އަބަދަށް ދެމިގެން އޮންނަ ދާއިމީ ގޮވައްޗަކީ އާޚިރަތެވެ. ގާޒީކަން ކުރުމުގެ ޝަރުތު ފުރިހަމަ ނުވާނަމަ ނުވަތަ އެ މަސްއޫލިއްޔަތު އުފުއްލުމުގެ ގާބިލިއްޔަތުކަން ނެތްފަރާތްތަކުން އެ މަސްއޫލިއްޔަތާ ހަވާލު ނުވުން ބުއްދިވެރިއެވެ.
ر سو ل ا لله صل ا لله عليه و سلم حد يث ކުރައްވާފައިވެއެވެ.
عن ا بى هر ير ة قل ا لله صل ا لله عليه و سلم: "من جمل قا ضيا بين ا لنا س فقل بغر سكين"
ގާޒީން އަދާކުރަންޖެހިފައިވާ މަސްއޫލިއްޔަތަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. ގާޒީ ކުޑަކޮށް ނަމަވެސް އެއްވެސް ފަރާތަކަށް ނުހައްގުން ބުރަވެއްޖެނަމަ ގިޔާމަތް ދުވަހުން އެކަމުގެ ރަހަ އޭނާ ދެކޭނެއެވެ. މުޖްތަމައުގައި އުޅޭ ނުފޫޒުގަދަ ފަރާތްތަކުގެ ނުރުހުން ލިބުނު ކަމަށްވިޔަސް ކުޑަވެސް ބިރެއް ނެތި عدل އިންސާފު ގާއިމުކުރަންޖެހޭނެއެވެ.
1- خصم ން ހަމަހަމަކުރުން.
ފަނޑިޔާރުގެ ކުރިމައްޗަށް حا ضر ވާ ދެ خصم ންނާމެދު އަމަލު ކުރަންވާނީ އެއްގޮތަކަށް އެއްފަދައަކުންނެވެ. އެއްފަރާތުގައި ހުރީ ރަސްގެފާނުކަމަށްވެފައި އަނެއް ފަރާތުގައި ހުރީ އެރަސްގެފާނުގެ خا د م އަކު ކަމަށް ވިޔަސް އެދެފަރާތަށް ދެގޮތް ހަދައިގެން ނުވާނެއެވެ.
عن عبا د ة ين ا لصيا مت قا ل ر سو ل ا لله صل ا لله عليه و سلم: ا قيمو ا حد و د ا لشر ع فى ا لقر يب و ا لبعيد و لا تا خز كم فى ا لله لو مة لا ئم.
ކީރިތި ރަސޫލާ ހަދީޘް ކުރެއްވިކަމަށް އުބާދާ ބިން ސާވަތު ރިވާކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ. " ﷲ ގެ ހައްދުތައް ތިޔަބައި މީހުންގެ ގާތްމީހުންނާ ދުރުމީހުންގެ މައްޗަށް އެއްގޮތަކަށް ހިންގާށެވެ. އެއްވެސް މީހަކު މިކަމަށް ފާޑު ކިޔާ ކިޔުމަކަށް އެއްގޮތަކަށްވެސް އަޅާނުލާށެވެ."
ރަސޫލާގެ ހަދީސްފުޅެއްގައިވެއެވެ.
عن عا ئشة ر ضي ا لله عنها ا ن ا لنبى صل ا لله عليه و سلم قل: ا قيلو ا لهيا ت عثر ا نهم ا لا لحدو د.
ރަސޫލާ ހަދީސްކުރެއްވިކަމަށް އައިޝާ ރަޟިޔަﷲ އަންހާ ރިވާކުރެއްވި ބަސްފުޅެއްގައިވެއެވެ. " ގަދަރު އުފުލިގެންވާ ފަރާތްތަކުގައި ހުންނަ އުނިކަންތައްތަކަށް މައާފްކުރާށެވެ. ނަމަވެސް ހައްދު ގާއިމުކުރަންޖެހޭ ތަންތާގައި އެބައިމީހުންނަށް މައާފްނުކުރާށެވެ.
2. ދެ ހަސްމުންވެސް ގާޒީގެ ކުރި މައްޗަށް ހާޒިރުކުރަންވާނެއެވެ.
ދައުވާލިބޭ ފަރާތަކީ ރަސްކަލަކަށް ވިޔަސް އަދި ކިތަންމެ ނުފޫޒު ގަދަ މީހަކު ކަމަށް ވިޔަސް ދައުވާއަށް ޖަވާބު ދިނުމަށް އެފަދަ މީހުންވެސް ގާޒީގެ ކުރިމައްޗަށް ހާޒިރުވާންޖެހޭނެއެވެ.
ކީރިތި ރަސޫލާ ހަދީސް ކުރެއްވިކަމަށް އަބްދުﷲ ބުން ޒުބައިރު ރިވާކުރެއްވި ބަސްފުޅެއްގައިވެއެވެ. "ދެ ހަސްމުންވެސް ގާޒީގެ ކުރިމައްޗަށް ހާޟިރުކުރަން ޖެހޭނެއެވެ."
(އަޙްމަދު އާއި އަބޫ ދާވޫދު އަދި މިޝްކާތުގެ ބާބުލް އަޤްދިޔާހް)
ފަނޑިޔާރެއްގެ މަސްއޫލިއްޔަތަކީ ކިތަންމެ ބުރަ މަސްއޫލިއްޔަތެއް ކަމުގައި ވިޔަސް އަދުލު އިންސާފު ގާއިމު ކުރުމަށާއި، ހަމަނުޖެހުމާއި އަނިޔާވެރިކަމުން މުޖްތަމައު ސަލާމަތް ކުރުމަށްޓަކައި ގާނޫނުގެ އިލްމު އުނގެނިގެން ތިއްބެވި ގާބިލް ބޭފުޅުން ފަނޑިޔާރުކަމާ ކުރިމަތިލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.
ގާޒީގެ އަތުގައި އޮންނަ އެންމެ މޮޅު ހަތިޔާރަކީ ކީރިތި ގުރުއާނާއި ސުންނަތެވެ. ސަހާބާއިންގެ ނިންމެވުންތަކެވެ. އަދި އޭގެ އިތުރުން ތަގުވާއެވެ.
ކީރިތި ރަސޫލާގެ ހަދީސް ފުޅެއްގައިވެއެވެ.
"ތިމަންކަލޭގެފަނަކީ އިންސާނަކީމެވެ. އެހެންކަމުން ތިމަން ކަލޭގެފާނު ހުކުމް ކުރައްވަނީ ދެފަރާތުން ދައްކާވާހަކަތަކުގެ މައްޗަށް ބިނާކޮށެވެ. މޮޅަށް ވާހަކަ ދައްކައި ހަދައިގެން މީހަކު އެމީހެއްގެ ކޮޅު ކުރިއަށް ނެރުމުގެ ނަތީޖާއެއްގެ ގޮތުން އެމީހަކާ އެއްކޮޅަށް ތިމަންކަލޭގެފާނު ހުކުމް ކުރާއިރު ހަގީގަތުގައި މައްސަލާގައި ހިމެނޭ ހައްގުވެރި ފަރާތަކީ މައްސަލާގެ އަނެއްފަރާތްކަމަށް ވެއްޖެނަމަ، އެމީހެއްގެ ވާހަކައިގެ ސަބަބުން ނުބައިކޮށް ހުކުމް ކުރަން މެދުވެރިވާ ފަރާތުން އެމީހާ އަމިއްލައަށް ނަރަކައިން ޖާގައެއް ހޯދައިފިއެވެ."
ބައެއް މީހުން ކުރާކުށް ފޮރުވުމަށާއި އަދަބުން ސަލާމަތްވުމަށާއި، މުދަލާއި ފައިސާގެ ދަހިވެތިކަމުގައި، އެކަކު އަނެކަކުގެ މައްޗަށް އުސޫލެއް ނެތް އަދި ހަގީގަތެއްނެތް ދައުވާ ކުރުމުގެ ސަބަބުން އަނެކާގެ އަބުރަށް ގެއްލުން ލިބެއެވެ. އަދި ވަގުތާއި ފައިސާ އެ ދައުވާއެއް ދިފާއު ކުރުމުގައި ހޭދަވެގެން ދެއެވެ. މިކަންކަން ހުއްޓުވުމަށްޓަކައި ކީރިތި ރަސޫލާ މުހައްމަދު ﷺ ހައްލެއް ދެއްވަވާފައިވެއެވެ.
ކީރިތި ރަސޫލާ މުހައްމަދު ﷺ ހަދީސް ކުރެއްވިކަމަށް އަބްދުﷲ އިބްނު އުބާ އަންހު ރިވާ ކުރެއްވިއެވެ. ހަމައެކަނި ދައުވާކުރާ މީހުންގެ ދައުވާގެ މައްޗަށް ބިނާކޮށް މީސްތަކުންގެ މެދުގައި ހުކުމް ކުރެވޭނަމަ، އެންމެހާ މީސްތަކުންނާއި އެމީސްމީހުންގެ މުދަލުގެ މައްޗަށް ދައުވާކުރާ މީހުން ތިބޭނެއެވެ. އެހެންކަމުން ހުވާކުރުމުގެ ހައްގު ދައުވާލިބޭ ފަރާތަށް ލިބިދޭންވާނެއެވެ.
ސައްޔިދުނާ އަލީ (ރަޟިޔައްﷲ އަންހް) އަޝްތަރު އަލްނަޙާއީ އަށް ފޮނުއްވި ސިޓީ ފުޅެއްގައި، ގާޟީންގެ ސިފަފުޅުތަކާ ބެހޭގޮތުން ލިޔުއްވާފައިވެއެވެ.
"އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ މޮޅު މީހުން ގާޒީކަމަށް އިސްކުރާށެވެ. އެމީހުން ވާންޖެހޭނީ މައްސަލަތަކާމެދު ހުޅުވާލެވިގެންވާ ސިކުނޑިއަކުން ވިސްނާ، ވިސްނުން ހަނިނޫން، މައްސަލަ ބެލުމަކީ އެމީހުންނަށް ދަތިއުނަދަގޫ ކަމަކަށް ނުވާ، އަދި މައްސަލާގެ ހަސްމުން ރުޅިނާރުވާ މީހުން ކަމަށެވެ. އަދި ދަހިވެތި ނޫން މީހުން ކަމުގައެވެ. އާންމުކޮށް ވިސްނޭ ވަރަށްވުރެ ދުރަށް ވިސްނުން ހިންގޭ މީހުންނެވެ. ޝައްކެއްވާހިނދު ވިސްނާލުމަށްޓަކައި ހިނދުކޮޅަކު މަޑެއްޖައްސާލާ މީހުންނެވެ. ދެބަސްވާ ހާލަތުގައި ތިމާ ދެކޭގޮތް ބަދަލުކޮށްދޫދޭ މީހުންނެވެ. އަދި ޝަރިއަތް ކުރުމުގައި ވަރުބަލި ނުވާ މީހުންނެވެ. ހަގީގަތް ހޯދުމަށް ގަދަ އަޅައި މަސައްކަތްކުރާ މީހުންނެވެ. އަދި މައްސަލަ ނިންމުމަކަށް ގެނައުމަށް ލަސްނުކުރާ މީހުންނެވެ. އަދި އޭނާގެ ރަސްމީ މަސައްކަތް އޭނާ ކުރަމުން ގެންދާ ގޮތާމެދު އަމިއްލައަށް ވިސްނައި ފާރަވެރިވެ، އަމިއްލަ ނަފްސު މުރާޖައާކުރާ މީހުންނެވެ. އަދި އޭނައަށް ކަމެއް ގޯސްކުރެވޭނަމަ އެކަމެއް އިސްލާހު ކުރާ މީހުންނެވެ."
ޙުސްނުއްސުޢޫދު
2020 (c)