29-01-2021
އިކުއިޓީ، އިލްތިޒާމް އަދި ތިންވަނަ ފަރާތްތައް[1]
ބެން މެކްފާލޭން[2]
އިސްވެ އޭގެ ފަރާތުން ބީއަށް އަދާކުރަންޖެހޭ އިލްތިޒާމަކުން ތިންވަނަ ފަރާތަކަށް އަސަރުކުރުމަށް ބައެއް ހާލަތްތަކުގައި ކޮމަން ލޯ އާއި އިކުއިޓީ (އަދާލަތުގެ ހަމަތައް) ހުއްދަކުރެއެވެ. މިސާލަކަށް، އޭ، ބީ އަށް އަގްދީގޮތުން އަދާކުރަންޖެހޭ އިލްތިޒާމްތަކާ އޭ ޚިލާފުކުރުވަން މަސައްކަތް ނުކުރުމަށް ސީގެ މައްޗަށް އިލްތިޒާމެއް އޮވެއެވެ. އަދި އޭ ބީ އަށް އަދާކުރަންޖެހޭ އިލްތިޒާމުގެ ސަބަބުން ބީ ގެ މައްޗަށް އަދާލަތުގެ މިލްކުވެރިކަމުގެ ހައްގެއް[3] ލިބެއެވެ. މިފަދަ މައްސަލަތަކުން ޝަޚުސީ ހައްގާއި[4] މުދަލުގެ މައްޗަށް އުފެދޭ ހައްގުގެ ތަފާތު ފެނިގެންދެއެވެ. އެހެންކަމުން މުދަލުގެ މައްޗަށް އުފެދޭ ހައްގާއި ޝަޚުސީ ހައްގުގެ ތަފާތު ދެނެގަނެވޭނެ ގޮތަކީ ދެ ފަރާތެއްގެ ދެމެދުގައި އެއް ފަރާތުން އަނެއް ފަރާތަށް އަދާކުރަންޖެހޭ އިލްތިޒާމެއް އޮންނަ އޮތުމުގެ ސަބަބުން ތިންވަނަ ފަރާތަކަށް އޭގެ އަސަރުކުރޭތޯ ނުވަތަ ނޫންތޯ ބެލުމެވެ.
1. ތައާރަފް
(ހ) އިލްތިޒާމުތަކާއި ތިންވަނަ ފަރާތްތައް
އިލްތިޒާމްތަކާބެހޭ ގާނޫނުގެ މައިގަނޑު އެއް މަގްސަދަކީ އިސްވެ، އޭ، ބީ އަށް އަދާކުރަންޖެހޭ އިލްތިޒާމެއް އޮތުމުގެ ސަބަބުން ތިންވަނަ ފަރާތަކަށް (ސީ އަށް) އަސަރުކުރާނެ ހާލަތުތައް ބަޔާންކުރުމެވެ. އޭ، ބީ އަށް އަދާކުރަންޖެހޭ އިލްތިޒާމަށް ބަރޯސާ ވެގެން ސީ ގެ ކަންކަން ސީއަށް އިންތިޒާމުކުރެވިދާނެއެވެ. ނަމަވެސް، ސީ ގެ ހުއްދަ ނެތް ހާލަތުގައިވެސް، އޭ، ބީ އަށް އަދާކުރަންޖެހޭ އިލްތިޒާމަކުން ސީއަށް އަސަރުކޮށްފާނެއެވެ.
މިސާލު 1 (އޭ): ކޮންޓްރެކްޓެއްގައި އޭ، ބީ އަށް ވައުދުވަނީ ބީގެ ތިއޭޓަރުގައި ބޭއްވޭ އޮޕެރާތަކުގެ ސިލްސިލާއެއްގައި ލަވަކިޔައި ދިނުމަށެވެ. މި ވައުދު ވުޖޫދުގައި އޮތްކަން އެނގިހުރެ، ސީ ގިނަ އަދަދެެއްގެ ފައިސާ އޭ އަށް ދީގެން އޭ އާއި ބީ ގެ ދެމެދުގައި އޮތް ކޮންޓްރެކްޓާއި އޭ ޚިލާފުކުރުވައިގެން ސީގެ ތިއޭތަރުގައި ލަވަކިޔުއްވަން އޭ ލައްވައި އެއްބަސް ކުރުވައެވެ.
މިކަހަލަ ގަޒިއްޔާއެއް ކަމަށްވާ Lumley v Gye[5] ގައި ގަބޫލުކުރި ފަދައިން އިސްވެ ދެފަރާތެއްގެ ދެމެދުގައި ބީ ގެ ތިއޭޓަރުގައި ލަވަކިޔުމުގެ އަގްދީ އިލްތިޒާމެއް އޭގެ މައްޗަށް އޮތުމުން، އެ އިލްތިޒާމްއާ އޭ ޚިލާފުނުކުރުވުމުގެ އިލްތިޒާމް ދުނިޔޭގައި ދެންތިބި އެންމެންގެ މައްޗަށް އޮންނާނެއެވެ. އިކުއިޓީގައިވެސް ހަމަ މިފަދަ މަދަނީ ކުށެއް[6] ގަބޫލުކޮށްފައި އޮވެއެވެ. އެއީ، ޓްރަސްޓީއެއްގެ ގޮތުން އޭ، ބީއަށް އަދާކުރަން ޖެހޭ ވާޖިބެއް އޮތް ނަމަ، އޭގެ އެ ވާޖިބާ އޭ ޚިލާފުވުމަށް އެހީތެރިނުވުމަށް ސީގެ މައްޗަށް ވާޖިބެއް އޮންނާނެއެވެ.
މިސާލު 1 (ބީ): ޒީ ބޭންކުގައި އޭ އެކައުންޓެއް ހުޅުވާފައިވެއެވެ. އޭ ބަޔާންކޮށްފައިވަނީ އޭނާ އެ އެކައުންޓު ހުޅުވާފައިވަނީ ބީ އަށް ޓްރަސްޓެއްގެ ގޮތުގައި ކަމަށެވެ. އޭ އެގޮތަށް ބަޔާންކުރުމަށްފަހު، އެ އެކައުންޓުން 100 ޕައުންޑް ނަގައި، އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި އެ 100 ޕައުންޑް ސީއަށް ދެއެވެ. އޭ އާއި ބީ އާ ދެމެދުގައިވާ ޓްރަސްޓުގެ ޝަރުތުތަކުގެ ދަށުން އެފަދަ ފައިސާއެއް އެކައުންޓުން ނަގައި މީހަކަށް ދިނުމުގެ ބާރު އޭ އަށް ދީފައި ނެތެވެ.
މިކަހަލަ މައްސަލަތަކުގައި، ބީ ގެ މަންފާއަށް ޓްރަސްޓެއް އޮތް ކަމަށް އޭ ބަޔާންކުރުމުން، އޭގެ މައްޗަށް ބީއަށް އަދާކުރަންޖެހޭ ވާޖިބެއް އުފެދެއެވެ. އެ ވާޖިބަކީ ޓްރަސްޓްގެ ޖައުހަރީ ވާޖިބު[7] ކަމުގައިވާ – އޭނާ (އޭ) ގެ އަމިއްލަ މަންފާއަށް އެކައުންޓު ބޭނުން ނުކުރުމުގެ ވާޖިބެއެވެ. މި ވާޖިބު އޮތުމުން ސީގެ މައްޗަށް މުހިންމު އަސަރެއް ކުރެއެވެ. އެ އަސަރަކީ، އޭގެ ކިބައިން ސީ އަށް ލިބުނު 100 ޕައުންޑު ނުވަތަ އެއިން ގަތް ތަކެތީގެ ތެރެއިން އަތުޖެހޭގޮތަށް ގޮތަށް ސީ ގެ އަތުގައި ހުރި މުދަލުގެ މައްޗަށް ޓްރަސްޓްގެ ޖައުހަރީ ވާޖިބު އޮތް ކަމަށް ކަނޑައެޅުމުގެ ބާރު ބީ އަށް ލިބުމެވެ. އަދި ސީ އަށް ފައިސާ ލިބުނު އިރު އޭ، ބީއަށް އަދާކުރަންޖެހޭ ވާޖިބެއް އޮތްކަން އެނގިފައި ނެތް ނަމަވެސް، ނުވަތަ އަދި އެކަން އެނގެންޖެހޭނެ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް ނެތް ނަމަވެސް، މިކަމުގައި ތަފާތެއް ނެތެވެ. މި ހާލަތުގައި ބީ އަށް ސީގެ މައްޗަށް ވާޖިބެއް ކަނޑައެޅުމަށް ލިބޭ ބާރު އުފައްދާފައިވަނީ އިކުއިޓީއިންނެވެ. އެ ސަބަބަށްޓަކައި ބީ އަށް ލިބިގެންވާ މިލްކުވެރިކަމުގެ ހައްގަކީ އަދާލަތުގެ މިލްކުވެރިކަމުގެ ހައްގެކެވެ.
މިސާލު 1 (ސީ): އޭ އަކީ ކާރުގެ މިލްކުވެރިޔާއެވެ. އޭ، ބީ އާ އެކު ކޮންޓްރެކްޓެއް ހެދިއެވެ. 100 ޕައުންޑް ދެއްކުމުން ބީ އަށް ކާރުގެ މިލްކުވެރިކަން ލިބޭނެއެވެ. ބީ، އޭ އަށް 100 ޕައުންޑް ދެއްކިއެވެ. ސީގެ ފަރުވާކުޑަކަމުން ކާރު ހަލާކުވިއެވެ. މި ހާލަތުގައި ސީ އަކީ އޭ އާއި ބީގެ ދެމެދުގައިވާ ކޮންޓްރެކްޓުގެ ބައިވެރިޔަކު ކަމުގައި ނުވި ނަމަވެސް، ސީ މަދަނީ ކުށް އެކުރަނީ ބީ އާ ދެކޮޅަށެވެ. ވިއްކުން ބަރޯސާ ވެގެންވަނީ ބީ އަށް އޭ އަދާކުރަންޖެހޭ އިސްވެ އޮތް ވާޖިބުގެ މައްޗަށް ކަމަށްވުމާއެކު މިސާލު 1 (އޭ) އާއި 1 (ބީ) އާއި އަޅައި ބަލާއިރު 1 (ސީ) ގައިވާ މިސާލު ވަރަށް ތަފާތެވެ. މިސާލު 1 (އޭ) އާއި 1 (ބީ) ގައި އިސްވެ، ބީ އަށް ރައްދުވާ ގޮތަށް އޭގެ މައްޗަށް އޮތް ވާޖިބަކީ ސީގެ ފަރާތުން ބީ އަށް އޮތް އިލްތިޒާމު ވުޖޫދުވުމަށްޓަކައި މުހިންމު ކަމެކެވެ. ނަމަވެސް ސީ ހުރި މަގާމަށް ބަލާއިރު، މިސާލު 1 (ސީ) ގައި އިސްވެ ބީ އަށް ރައްދުވާ ގޮތަށް އޭ ގެ މައްޗަށް އޮތް ވާޖިބު މުހިންމެއް ނޫނެވެ. އެހެނީ ސީގެ ކުށުން ކާރު ހަލާކުވި އިރު ކާރުގެ މައްޗަށް ބީ އަށް މިލްކުވެރިކަމުގެ ހައްގެއް ލިބިފައި އޮތެވެ.
ހަމަ އެގޮތަށް، މިސާލު 1 (އޭ) އާއި މިސާލު 1 (ބީ) އާ ދެމެދުގައި ހުރި ތަފާތުވެސް އެހާމެ މުހިންމެވެ. އެގޮތުން، މިސާލު 1 (ބީ) ގައި، ބީ އަށް ލިބިފައި އޮތީ އަދާލަތުގެ މިލްކުވެރިކަމުގެ ހައްގަކަށް ވާއިރު މިސާލު 1 (އޭ) ގައި ބީ އަށް ލިބިފައި އޮތީ އަދާލަތުގެ މިލްކުވެރިކަމުގެ ހައްގެއް ނޫނެވެ. ސީއަށް އަސަރު ފޯރަނީ ބީ އަށް އަދާލަތުގެ ހައްގުތަކެއް ލިބިގެންވާ ކަމަށް އިކުއިޓީން ގަބޫލުކުރުމުން ކަމަށްވާތީވެ، މި ހާލަތުގައި އިކުއިޓީ މުހިންމު ދައުރެއް އަދާކުރެއެވެ. އަދާލަތުގެ މިލްކުވެރިކަމުގެ ހައްގު މި މަފްހޫމުގެ ނަމުން އޮޅުން އަރާ ގޮތް ވިނަމަވެސް، އެއިން މިސާލު 1 (އޭ) އާއި މިސާލު 1 (ބީ) ގެ ތަފާތު ވިސްނައިގަތުމަށް ފަސޭހަވެއެވެ. ނަމަވެސް، މި ތަފާތު ގެނެވިފައިވާ ހަމައެއް ނުވަތަ އަސާސެއް އެ މަފްހޫމުގެ ނަމުން ސާފެއް ނުވެއެވެ.
(ށ) ކުރިމަތިވެދާނެ މައްސަލަ
އިލްތިޒާމްތަކާބެހޭ ގާނޫނުގެ ކަޅި އާންމުކޮށް އަމާޒުވާ ސުވާލަކީ؛ (i) އޭ ގެ ފަރާތުން ބީ އަށް އަދާކުރަންޖެހޭ ވާޖިބެއް އޮތްތޯ އާއި، އެފަދަ ވާޖިބެއް އޮތް ކަމަށްވާނަމަ، (ii) އެކަމުގެ ސަބަބުން އޭ އާއި ބީ އަށް ކުރިމަތިލާންޖެހޭނެ ނަތީޖާތަކަކީ ކޮބައިތޯއެވެ. އޭގެ ފަރާތުން ބީ އަށް އިސްވެ އަދާކުރަންޖެހޭ ވާޖިބުގެ ނަތީޖާއެއްގެ ގޮތުން، ސީ އަށް ކުރިމަތިވާ ނަތީޖާ އަކީ ޖަވާބު ދޭން އުނދަގޫ ސުވާލެކެވެ. ބޮޑަށް ބެލެވިފައި އޮންނަނީ، އިލްތިޒާމުތަކާ ބެހޭ ގާނޫނަކީ ޝަޚުސީ ހައްގުތަކުގެ ގާނޫނުކަމުގައެވެ: މާނައަކީ، ބީގެ މައްޗަށް އޭ އަދާކުރަންޖެހޭ ހައްގެއް އޮވެއްޖެ ނަމަ، ބީއަށް ހައްގު ލިބިގެންވަނީ ހަމައެކަނި އޭ އާ ދެކޮޅަށެވެ. ނަމަވެސް ބީ އަށް ލިބިފައި އޮންނަ ހައްގެއްގެ ނަތީޖާއެއްގެ ގޮތުން ސީއަށް އަސަރު ކުރާނަމަ ބީއަށް ލިބިފައިވާ ހައްގަކީ މިލްކުވެރިކަމުގެ ހައްގެކެވެ. މި ހައްގު މުދަލާބެހޭ ގާނޫނުގައި ހިމާޔަތްކޮށްފައި ވެއެވެ.
އޭގެ ފަރާތުން ބީގެ މައްޗަށް އިސްވެ ވާޖިބެއް އޮތުމުގެ ނަތީޖާއެއްގެ ގޮތުން ސީ އަށް އަސަރުކުރާ ނަމަ، އެކަމަކީ ޒަމާނުއްސުރެ އިލްތިޒާމްތަކާބެހޭ ގާނޫނާއި މިލްކުވެރިކަމުގެ ގާނޫނާ ދެމެދުގައި އޮންނަ އަސާސީ ފަރަގެވެ. މާނައަކީ ޝަޚުސީ ހައްގުތަކާއި މިލްކުވެރިކަމުގެ ހައްގުގެ ތަފާތަކީ އެއީ އެވެ. މިސާލަކަށް، މިސާލު 1 (އޭ) ގައިވާ، ބީއާއި އޭ ގެ މެދުގައިވާ ކޮންޓްރެކްޓުގެ ސަބަބުން ކުރިން ގާއިމުވެފައި އޮތް ގާނޫނީ ނަޒަރިއްޔާއިން ބީ އަށް މިލްކުވެރިކަމުގެ ހައްގެއް ނުލިބެއެވެ. ނަމަވެސް އެ ކޮންޓްރެކްޓު ވުޖޫދުވެފައި އޮތުމުން ބީގެ ފަރާތުން ސީ އާ ދެކޮޅަށް ހައްގެއް އޮތްކަމަށް ބަޔާންކުރަން މަގުފަހި ކުރުމަށް އެ ކޮންޓްރެކްޓު މުހިންމުވެއެވެ. ހަމަ އެގޮތަށް، މިސާލު 1 (ސީ) ގައިވާ ހާލަތުގައި ވެސް ބީ އަށް މިލްކުވެރިކަމުގެ ހައްގެއް ލިބިފައިވާ ކަމަށް ބަޔާންކުރަން ފަސޭހައެއް ނުވާނެއެވެ.
2. މިލްކުވެރިކަމުގެ ހައްގު މާނަކުރުން
އޭ ގެ ފަރާތުން ބީ އަށް އަދާކުރަންޖެހޭ ވާޖިބުގެ ސަބަބުން ސީ އަށް ކުރާނޭ އަސަރުގެ ތަފްސީލަށް ދިއުމުގެ ކުރިން މިލްކުވެރިކަމުގެ ގާނޫނާއި އިލްތިޒާމްތަކުގެ ގާނޫނުގެ ތަފާތުގެ މައްޗަށް ބަލައިލަން ޖެހެއެވެ. އިލްތިޒާމުތަކާއި މިލްކުވެރިކަމާ ދެމެދު އާންމު ފުށުއެރުމެއް ނެތެވެ. މިލްކުވެރިކަމުގެ މާނައަކީ އަގެއްހުރި ތަކެއްޗާއި އަގެއް ހުރި ހައްގެއް ކަމަށް ބުނާ ނަމަ، ކޮންޓްރެކްޓުގެ ދަށުން އޭ، ބީ އަށް ވެފައިވާ ވައުދުކަމުގައިވާ ބީ އަށް ލަވަ ކިޔައިދިނުމުގެ ޚިދުމަތަކީ މިލްކަކަށް ވާނެއެވެ. ސަބަބަކީއެ ކޮންޓްރެކްޓުން އޭގެ މައްޗަށް ބީ އަށް އަދާކުރަންޖެހޭ ވާޖިބެއް މަތިކޮށްފައިވާތީވެއެވެ. މިލްކުވެރިކަމުގެ މާނައަކީ އެއްފަރާތުން އަނެއް ފަރާތަށް ނަގުލުކުރެވޭ ހައްގުތަކެއް ކަމަށް މާނަކުރާ ނަމަ، އޭގެ ފަރާތުން ބީ އަށް ފައިސާ ދިނުމަށް ވައުދުވެފައިވާނަމަ، ވާޖިބެއް އުފެދޭނެތީވެ، އާންމު އުސޫލުން ބަލާނަމަ އެއީ މިލްކެކެވެ. މިލްކު ގެ ހަނި މާނައެއްކޮށް މިލްކަކީ އެއްޗެއްސާ (މާއްދީގޮތުން އައްޔަންކުރެވެން ހުންނަ ތަކެތި) ގުޅޭ ނުވަތަ އެއްޗެހި ބޭނުންކުރުމާ ގުޅޭ ހައްގުތަކެއް ކަމަށް މާނަކުރާ ނަމަ، އެ ހައްގުތަކަކީ ކޮބައިކަން ދެނެގަތުމަށް ވާޖިބަކީ ވަރަށް މުހިންމު އެއްޗެކެވެ. މިސާލަކަށް، އޭ ގެ މިލްކުވެރިކަމުގެ ދަށުގައި ކާރެއް އޮތް ނަމަ، އެ ކާރު ބީއަށް ކުއްޔަށް ދިނުމަށް މާލީގޮތުން އަގެއް ހުރި ވައުދެއް ވުމުގެ ހައިސިއްޔަތު އޭ އަށް އޮންނާނެއެވެ. އަދި މިސާލު 1 (ސީ) ގައިވާ ގޮތަށް ސީ ގެ ފަރުވާ ކުޑަކަމުން އެ ކާރު ހަލާކުކޮށް ނުލުމުގެ ވާޖިބަކީ ބީ ގެ މިލްކުވެރިކަމުގެ ހައްގު ހިމާޔަތްކޮށްދިނުމުގެ މުހިންމު ބައެކެވެ. ކޮމަން ލޯގެ ނިޒާމުގައި މިލްކުވެރިކަމާއި އިލްތިޒާމާ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަ ވުމުގެ ސަބަބުން، މިލްކިއްޔާތު ރައްކާތެރިވެ އޮތުމަށް ބީ އަށް ލިބިފައިވާ ހައްގު ރައްކާތެރިކުރުމަށްޓަކައި، ދައުވާލިބޭ ފަރާތުން އެ މިލްކިއްޔާތަށް އަރައިނުގަތުމަށް ނުވަތަ ހުށަހެޅިނުގަތުމަށް[8] އޮންނަ ވާޖިބާ ޚިލާފުވެފައިވާ ކަމަށް ދައްކައި ދިނުމުން، ދައުވާލިބޭ ފަރާތުން މަދަނީ ކުށެއްކޮށްފައިވާ ކަމަށް ސާބިތުކޮށްދެވޭނެއެވެ.
އެހެންކަމުން އިލްތިޒާމާއި މިލްކުވެރިކަމާ ދެމެދުގައިވާ ތަފާތުގެ މާނައެއްހުރި ބޭނުމެއް އޮތްނަމަ، އެ ތަފާތު އެއަށްވުރެ ބޮޑަށް ކަނޑައެޅި އައްޔަންވެފައި އޮންނަން ވާނެއެވެ. މިކަން ކުރެވިދާނެ ގޮތަކީ ޝަޚްސީ ހައްގާއި މިލްކުވެރިކަމުގެ ހައްގުގެ ތަފާތުގެ މައްޗަށް ރިވެލި ހަނިކުރުމެވެ. އެހެން ނަމަވެސް މިލްކުވެރިކަމުގެ ހައްގުގެ ތެރޭގައި އަގެއް ހުރި ކޮންމެ ހައްގެއް ހިމަނާނަމަ ނުވަތަ ނަގުލުކުރެވޭ ކޮންމެ ހައްގެއް ހިމެނޭ ނަމަ މި ތަފާތު ގެނައުމުގެ ބޭނުމެއް ނެތެވެ. އޭގެ ބަދަލުގައި، މިލްކުވެރިކަމުގެ ހައްގު މަހްދޫދުވާން ޖެހޭނީ ހަމައެކަނި ފުރަތަމަ ނަޒަރުން ބަލާއިރު އެއިން މުޅި ދުނިޔެއަށް ވާޖިބެއް އެކަށައަޅާ އެއްޗަކަށެވެ. ބަރކްސް ހަވާލާދޭ "އެގްޒިޖިބިލިޓީ"[9] އަށް ނަޒަރުކޮށްގެން، ބީ އަށް އޭ ކާރު ވިއްކުމާއި ބީ، އޭއަށް ކާރު ވިއްކުމަށް އަގްދީގޮތުން ވައުދެއް ވުމާ ދެމެދުގައި ތަފާތެއް ހުރިކަން ފާހަގަކުރެވޭނެއެވެ. ފުރަތަމަ ހާލަތުގައި (އޭ ބީ އަށް ކާރު ވިއްކުމުން) ބީ އަށް މިލުވެރިކަން ލިބުމުން، ފުރަތަމަ ނަޒަރުން ބަލާއިރު މުޅި ދުނިޔޭގެ ދެންތިބި އެންމެންގެ ފަރާތުން ބީ އަށް އަދާކުރަންޖެހޭ ވާޖިބެއް އުފެދެއެވެ. ދެވަނަ ހާލަތުގައި (އޭ ބީ އަށް ކާރުވިއްކުމަށް އަގްދީގޮތުން ވައުދެއް ވެފައި އޮންނަ ހާލަތުގައި) މުޅި ދުނިޔޭގެ މައްޗަށް އެފަދަ ވާޖިބެއް ނޯންނާނެއެވެ. އެހެންކަމުން އޭގެ ފަރާތުން ބީ އަށް އަދާކުރަންޖެހޭ ވާޖިބެއް އޮތްކަން ސީ އަށް އެނގިފައި އޮތް ނަމަވެސް ސީ ގެ ފަރުވާކުޑަކަމުން ކާރު ހަލާކުވިނަމަވެސް ސީ ގެ ފަރާތުން ބީ އާ ދެކޮޅަށް މަދަނީ ކުށެއް ނުކުރެއެވެ.
އެގްޒިޖިބިލިޓީ އަކީ (އެ އެއްޗެއްގެ ބޭނުން ވަގުތުން ވަގުތަށް ކުރަން ފެށޭނެ ގޮތަށް އޮތުމަކީ) މިލްކުވެރިކަމުގެ ހައްގެއް އޮތުމަށް ކޮންމެހެން ފުރިހަމަވާންޖެހޭ ޝަރުތަކަށްވީ ނަމަވެސް ހަމައެކަނި އެއަކުން މުޅިން ނުފުދެއެވެ. މިސާލަކަށް، މީހެއްގެ ހަށިގަނޑުގެ ހުރުމަތުގެ މައްޗަށް މުޅި ދުނިޔޭގެ ދެންތިބި އެންމެންގެ މައްޗަށް ފުރަތަމަ ނަޒަރުން ބަލާއިރު ވާޖިބެއް އޮތް ނަމަވެސް އެއީ މިލްކުވެރިކަމުގެ ހައްގެއް ކަމަކަށް ނުބެލެވެއެވެ. މިލްކުވެރިކަމުގެ ހައްގުގެ މައްޗަށް ލިބިގެންވާ ހިމާޔަތާއި ހަށިގަނޑުގެ ހުރުމަތަށް ލިބިގެންވާ ހިމާޔަތާ އެއްގޮތް މުހިންމު ކަންތައްތަކެއް ހުރެއެވެ. އެފަދަ ހައްގަކަށް އެހެން މީހަކު ހުށަހެޅިގެންފިނަމަ، ދައުވާލިބޭ ފަރާތުގެ ނިޔަތް އޮތީ ކޮންމެ ގޮތަކަށް ކަމަށްވީ ނަމަވެސް، އެއީ ފުރަތަމަ ނަޒަރުން ބަލާއިރު ކުށެކެވެ. ޕްރޮފެސަރ ރޮބަޓް ސްޓީވަންސް[10] ބުނި ފަދައިން؛ ހުއްދަނެތި އެހެން މީހަކަށް ދޮނެއް ދީފިނަމަ، މީހެއްގެ ކާރެއް ހަލާކުކޮށްފިނަމަ، އެހެންމީހެއްގެ އަބުރަށް އުނިކަން ލިބޭ ބަޔާނެއް ޝާއިއުކޮށްފި ނަމަ، އާއްމު މަގެއް ބަންދުކޮށްފިނަމަ، ނުވަތަ ހުއްދަނެތި މީހެއްގެ ގޯތީގެ ތެރެއިން ހިނގާފައި ހިނގައްޖެ ނަމަ، ފުރަތަމަ ނަޒަރުން ބަލާއިރު މަ ކުރި ކުށަކީ މަދަނީ ކުށެކެވެ. މަގޭ ކުށެއް މުޅިން ނެތް ނަމަވެސް އެކަމުގެ ޒިއްމާ އަހަރެން އުފުލަން ޖެހެއެވެ.
ހަމައެގޮތަށް، މިލްކުވެރިކަމުގެ ހައްގަކަށް ނުވަތަ ހަށިގަނޑުގެ ހުރުމަތްތެރިކަމަށް އެކްސިޑެންޓަކުން ހުށަހެޅިގަނެވިއްޖެ ނަމަވެސް، އެކަން ހިނގީ ފަރުވާ ކުޑަކަމުން ކަމުގައިވާ ނަމަ ފުރަތަމަ ނަޒަރުން ބަލާއިރު އެއީ ކުށެކެވެ. މައިގަޑު ގޮތެއްގައި ކޮމަން ލޯ ގެ ނިޒާމުގައި މިފަދަ ހައްގުތައް ތަންފީޒުކުރަނީ ނުސީދާ ގޮތަކުންނެވެ. މިސާލަކަށް، ބީ އަށް ކޯޓަށް ގޮސް ހަމައެކަނި އެ ގެރިއަކީ ތިމަންނަގެ ގެރިއެކޭ ނުބުނެވޭނެ ބީދައިން ތިމަންނަ އަށް ހަށިގަނޑުގެ ހުރުމަތް ލިބުމުގެ ހައްގު ލިބިގެންވެޔޭ ނުބުނެވޭނެއެވެ. މިއިން ކޮންމެ ހާލަތެއްގައިވެސް ހައްގެއް އުފެދިފައިވާ ކަމުގެ އަސާސީ ހުއްޖަތު ގާއިމުވެފައި އޮންނަނީ މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް އުފެދިފައިވާ ވާޖިބަކުންނެވެ. އެގޮތުން، މިލްކުވެރިކަމުގެ ހައްގަށް ލިބިގެންވާ ސިފައަކާ ހަށިގަނޑުގެ ހުރުމަތުގެ ހައްގަށް ލިބިގެންވާ އަސާސީ އިލްތިޒާމުގެ ސިފައާ އެއްގޮތްވެއެވެ.
މިލްވެރިކަމުގެ ހައްގަކީ ފިކުރީ މުދަލުގެ ހައްގުތަކުގެ ބާވަތެއް ކަމަށް ބެލެވުމަކީ އެކަށީގެންވާ ކަމެކެވެ. ފުރަތަމަ ނަޒަރުން ބަލާ ބެލުމުގައި މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ވާޖިބެއް އެކަށައަޅާ މިލްކުވެރިކަމުގެ ހައްގު އޮންނަންވާނީ، މާއްދީގޮތުން އެ އެއްޗެއް އޮތްތަން ކަށަވަރުކުރެވޭނޭ އެއްޗަކާ ގުޅިފައެވެ. ކާރުގެ މައްޗަށް ބީ އަށް އޮތް މިލްކުވެރިކަމުގެ ހައްގާއި ހަށިގަނޑުގެ ހުރުމަތްތެރިކަމުގެ ހައްގާ ދެމެދު އޮތް ތަފާތު މި ޑެފިނަޝަންގެ ޒަރީއާއިން ފަރަގުކުރެވޭނެއެވެ. މިއިން، މިލްކުވެރިކަން ނުވަތަ މިލްކުވެރިކަމުގެ ހައްގު މިލަފްޒުތައް ބޭނުންކުރެވޭ ހުރިހާ މަގާމެއް ޝާމިލުނުވެއެވެ. އެހެނީ، މިސާލަކަށް، ފިކުރީ މުދަލުގެ ހައްގުތަކުން ދުނިޔޭގެ އެހެން މީހުންގެ މައްޗަށް ފުރަތަމަ ނަޒަރުން ބަލާއިރު ވާޖިބު އެކަށައަޅައެވެ. ހަށިގަނޑުގެ ހުރުމަތްތެރިކަމުގެ ހައްގާ ޚިލާފަށް ފިކުރީ މުދަލުގެ މިލްކުވެރިކަން ލިބިގަންނަނީ ތިމާ އަމިއްލައަށެވެ. އަދި އެއަށްފަހު އެހެން މީހަކަށް އެ ހައްގު ނަގުލުކުރެވިދާނެއެވެ. އެހެންކަމުން ކޮޕީރައިޓާއި ޓްރޭޑްމާކާއި ޕޭޓަންޓް ފަދަ ތަކެއްޗަކީ މިލްކުވެރިކަމުގެ ހައްގުތަކެއްކަމަށް ހަވާލާދޭ ދިނުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. މިތަނުގައި މި ބަޔާންކުރެވުނު ތައުރީފުގެ ގެ ބޭނުމަށްޓަކައި އެފަދަ ހައްގުތައް މިލްކުވެރިކަމުގެ ހައްގުތަކުގެ ބައިން އެއްކިބާކުރަން ޖެހެއެވެ. ސަބަބަކީ އެ ހައްގުތައް ގުޅިފައިވާ މާއްދީ އެއްޗެއް ނެތުމުންނެވެ. އެހެންކަމުން އެފަދަ ހައްގުތައް ހިމަނަން ޖެހޭނީ ފިކުރީ މުދަލުގެ ހައްގުތަކުގެ ތެރޭގައެވެ.
އެހެންކަމުން މި މަޒުމޫނުގައި މާނަ މިކުރާ ގޮތުން މިލްކުވެރިކަމުގެ ހައްގެއް ކަމަށް ވާނީ އެ ހައްގަކުން: (ހ) ފުރަތަމަ ބަލާބެލުމުން ދުނިޔޭގައި ތިބި އެންމެންގެ މައްޗަށް ވާޖިބެއް އެކަށައަޅާނަމަ؛ އަދި (ށ) މާއްދީގޮތުން އެ އެއްޗެއް އޮތްތަން އެނގޭނެ އެއްޗަކާ ގުޅިފައިވާ ހައްގަކަށްވާ ނަމައެވެ. އިލްތިޒާމުތަކުގެ ގާނޫނާއި މިލްކުވެރިކަމުގެ ހައްގުތަކާ ދެމެދު ސާފު ގުޅުމެއް އެބައޮތެވެ. މިލްކުވެރިކަމުގެ ހައްގުތައް ފެންނާނީ އެ ހައްގުތަކުން އުފައްދާ ވާޖިބުތަކުން ނެވެ. ނަމަވެސް މިލްކުވެރިކަމުގެ ހައްގާއި ޝަޚުސީ ހައްގުތަކާ ދެމެދުގައި އަސާސީ ފަރަގެއް އޮވެއެވެ. އެއީ ޝަޚުސީ ހައްގުން ވާޖިބެއް އުފައްދަނީ ވަކި ޚާއްސަ ފަރުދެއްގެ މައްޗަށް ކަމަށް ވާއިރު، މިލްކުވެރިކަމުގެ ހައްގުން، ފުރަތަމަ ނަޒަރުން ބަލާއިރު ފެންނަން އޮންނަ ވާޖިބެއް އުފައްދަނީ މުޅި ދުނިޔޭގައި ދެން ތިބި ހުރިހާ އެންމެންގެ މައްޗަށް ކަމަށް ވުމެވެ.
3. ޝަޚުސީ ހައްގާއި އާ، ސީދާ ހައްގުތައް
މި މަޒުމޫނުގައި ދެން މި ބަލައިލަނީ މިލްކުވެރިކަމުގެ ހައްގާއި ޝަޚުސީ ހައްގުތަކުގެ މެދުގައި ހުރި ފަރަގުތައް ދެނެގަތުމުގައި އޮތް ބޮޑު ދެ ގޮންޖެހުމެއްގެ މައްޗަށެވެ. މިއިން ކޮންމެ ގޮންޖެހުމެއްގައި ހިމެނޭ ހާލަތެއްގައިވެސް އޭގެ ފަރާތުން ބީ އަށް އަދާކުރަންޖެހޭ ވާޖިބުގެ ނަތީޖާއެއްގެ ގޮތުން ނޮލެންސް ވޮލެންސް (ރުހުމާ ލައިގެން ވިޔަސް ނުވަތަ ރުހުމާނުލައި ވިޔަސް) އަސަރެއް ސީ އަށް ކުރެއެވެ. ފުރަތަމަ ގޮންޖެހުމަކީ، ބީއަށް އޭގެ ފަރާތުން ލިބިފައިވާ ހައްގަކީ ޝަޚުސީ ހައްގަކަށްވީ ނަމަވެސް ސީ އާ ދެކޮޅަށް ދައުވާކުރުމުގެ ހައްގެއް ބީއަށް ލިބޭތީވެ ކުރިމަތިވާ ގޮން ޖެހުމެވެ.
(ހ) އާ، ސީދާ ހައްގުތައް
މިސާލު (2): އޭގެ އަތުގައި އަމިއްލަ ބިމެއް އޮތެވެ. އޭ، ބީ އާއެކު އަގުދީގޮތުން ވައުދެއްވީ ކުރިއަށް އޮތް ހަ މަހުގައި ދެމީހުން ބައިވެރިވެގެން އެ ބިމުގައި ތިބުމަށެވެ. ދެ މަސްދުވަސް ފަހުން އޭ، އެ ބިން ސީ އަށް ވިއްކާލިއެވެ. ސީ، ބީއަށް ވައުދުވީ ކުރިއަށް އޮތް ހަމަހުގައި އެ ބިމުގައި ބީ އަށް ހުރެވޭނެ ކަމަށެވެ. އެ ވައުދުގެ މުގާބިލުގައި އޭގެ ބިން ގަތުމަށް ސީގެ ފަރާތުން އޭ އަށް އަދާކުރީ ދަށް އަގެކެވެ.
މި ބުނި ފަދަ ހާލަތެއްގައި، ސީގެ ފަރާތުން ބީ އަށް އަދާކުރަންޖެހޭ ވާޖިބެއް އުފެދެއެވެ. އެގޮތުން އޭގެ ފަރާތުން ބީ އަށް ދޭ ހައްގަކީ ޝަޚުސީ ހައްގަކަށް ވިޔަސްމެއެވެ. މީގެ އިތުރުން ސީގެ ފަރާތުން އައު ވައުދެއް ބީ އަށް ކުރުމުން ސީއާ ދެކޮޅަށް ބީ އަށް އަލުން އައު ހައްގެއް ލިބިގެންދެއެވެ. މި މިސާލު އަނެއްކޮޅަށް ފުރޮޅާލުމުން ބީ އަށް އިސްވެ ލިބި އޮތް ހައްގުގެ ބޭނުންތެރިކަމެއް ނެތްކަން ފާހަގަކުރެވޭނެއެވެ. މި ގޮތުން މިސާލަކަށް އޭގެ ފަރާތުން ސީ އަށް ބިންވިއްކުމުގައި ލާޒިމުކުރުމުން ބީ2 އަށް 6 މަސްދުވަހު ބިމުގައި ހުރެވޭނެ ކަމަށް ސީ އަގުދީގޮތުން ވައުދުވިއެވެ. އެ ވައުދުވިއިރު އޭގެ މައްޗަށް ބީ2 އަށް އަދާކުރަންޖެހޭ ވާޖިބެއް ނެތެވެ. އެފަދަ އިސްވެ އޮތް ހައްގެއް ނެތް ނަމަވެސް ސީގެ ފަރާތުން އޭ އަށް ވީ ވައުދުގެ ސަބަބުން، ބީ2 އަށް އައު ސީދާ ހައްގެއް ހޯދުމަށް ހުރަހެއް ނެތެވެ.
ބީ އަށް ސީއާ ދެކޮޅަށް އައު ހައްގުތައް ލިބޭނެ ގޮތްތައް ކުރިންވެސް އިކުއިޓީގެ ކޯޓުތަކުން ވަނީ ގަބޫލުކޮށްފައެވެ. މިސާލަކަށް، މަތީގައިވާ މިސާލު (2) ގައި ބަޔާންކޮށްފައިވާ އުސޫލަކީ ކޮންޓްރެކްޓްގެ ގާނޫނު (ތަރޑް ޕާޓީސް ރައިޓްސް) 1999 ފާސްވުމުގެ މާކުރިންވެސް އިކުއިޓީ ކޯޓުން އެކަށައަޅާފައިވާ އުސޫލެކެވެ. މި އުސޫލު ކޮންޓްރެކްޓާބެހޭ ގާނޫނު (ތަރޑް ޕާޓީސް ރައިޓްސް) 1999 ގައި ހިމެނުނު ނަމަވެސް އަދިވެސް މި އުސޫލުގެ ބޭނުންތެރިކަން އެބަ އޮތެވެ. އެއީ އަގުދީ ގުޅުންތައް ފިޔަވައި އެހެން ހާލަތްތަކުގައި ސީ، އޭ އަށް ވާ ވައުދުގެ އެހީތެރިކަން ބީ އަށް ލިބޭ ހާލަތްތަކުގައެވެ. އެހެންކަމުން، މި އަދާލަތުގެ އުސޫލުގެ އަދި އާންމުކޮށް އައު ސީދާ ހައްގުގެ ވަކި އިތުރު އައު އަދުލުވެރިކަމެއް އޮތްތޯ ސުވާލު އުފެދެއެވެ.
ފުރަތަމަ ކަމަކީ، އައު ސީދާ ހައްގުތަކަކީ ހަމައެކަނި އިކުއިޓީ އިން ނެގެހެއްޓި ހައްގެއް ނޫނެވެ. މިސާލަކަށް، މަތީގައިވާ މިސާލު (2) ގައިވާ ގޮތަށް، ސީ، ބީ އަށް އަގުދީ ގޮތުން ސީދާ ވައުދެއް ވެއްޖެ ނަމަ، އެ ހައްގު ކޮމަން ލޯ ގައިވެސް ބަލައިގަންނާނެއެވެ. ދެވަނަ ކަމަކީ، އެ ހައްގުގެ އަސްލު ފެށުނީ ކޮން ކޯޓެއްގެ އިޚްތިސާސެއްގެ ތެރެއިން ކަމަށް ބަޔާންކުރުމަކީ މިހާރު އަމަލީގޮތުން ތަފާތެއް އޮތް ކަމެއް ނޫނެވެ. މިސާލަކަށް، މަތީގައިވާ މިސާލު (2) ގައިވާ އުސޫލު ތަތުބީގުކުރެވެނީ ސީގެ އެކަށީގެންނުވާ އަމަލަކުން ކަމަށް ބުނާއިރު، ސީ، ބީގެ މައްޗަށް އަދާކުރަންޖެހޭ ވާޖިބެއް އޮތީ އެކަށީގެންނުވާ ގޮތަކަށް ސީ އަމަލުކުރުމުން ކަމަށް ބީ އަށް ނުބުނެވޭނެއެވެ. އޭގެ ބަދަލުގައި ބީ އަށް ސާބިތުކޮށްދޭން ޖެހޭނީ އެ އުސޫލުގައި ބަޔާންކުރާ އުންސުރު ފުރިހަމަވެއްޖެ ކަމަށެވެ. ޕްރޮފެސަރ ލައަނަލް ސްމިތު ބުނެފައިވާ ފަދައިން އަޚުލާގީގޮތުން އެކަށީގެންނުވާ ކަމުގެ މަފްހޫމް ބޭނުންކުރަނީ ކަނޑައެޅިފައިވާ މިންގަނޑަކަށްވުރެ ބޮޑަށް ވާސިލުވެވޭ ނިންމުމެއްގެ ގޮތުގައެވެ.[11] ނަމަވެސް، އިކުއިޓީއާ އެކުގައި ހައްގެއް ބޭނުންކުރުން ހިފެހެއްޓުމަށް އެ މަފްހޫމު ބޭނުންކުރެވިދާނެއެވެ. މަތީގައިވާ މިސާލު (2) ގައި ބަޔާންކޮށްފައިވާ މަފްހޫމަށް ހަވާލާ ދެނީ ވައުދަށްފަހު ލިބޭ ލިބުމުގެ އުސޫލުގެ ނަމުންނެވެ. އެ މަފްހޫމު ބޭނުންކުރުން މަހްދޫދުވެގެންވަނީ؛ (ހ) ސީ އަށް ހައްގެއް ލިބުން، (ށ) ވައުދެއްގެ ނަތީޖާއެއްގެ ގޮތުން، ސީ އަށް އެ ހައްގާގުޅޭގޮތުން މަންފާއެއް ލިބުން، އަދި ސީގެ ވައުދުގައި ހިމެނެނީ އެ ހައްގު ބޭނުންކުރުމާ ބެހޭ ގޮތުން ކަމުގައިވާ ހާލަތުގައެވެ. އެހިނދު، ދެން އިކުއިޓީގެ ހަމަތައް އަދާކުރާ ދައުރަކީ ސީގެ ވައުދާ ޚިލާފަށް ސީ އަމަލުނުކުރާނެ ކަން ކަށަވަރު ކުރުމެވެ.
(ށ) އާ، ސީދާ ހައްގާއި ހިމާޔަތްކުރެވިފައިވާ ޝަޚުސީ ހައްގު
މިސާލު (3): އޭ އެކްސްގެ އަތުން ކާރެއް ގަތުމަށްފަހު އެކްސް އަށާއި ބީ އަށް އަގްދީގޮތުން ވައުދުވަނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެ ކާރު ވިއްކާނުލާނެ ކަމަށެވެ. އެ ވައުދު އޮތްކަން ސީ އަށް އެނގިހުރެ، 6 މަސް ދުވަސް ފަހުން އެ ކާރު އޭގެ އަތުން ގަނެފިއެވެ.
މި ހާލަތުގައި، ކުރިން ލިބިފައިވާ މިލްކުވެރިކަމުގެ ހައްގެއް ބީގެ ކިބައިގައި ނެތެވެ. އަދި ސީގެ ފަރާތުން ބީ އަށް އެއްވެސް މަންފާއެއް ދިނުމަށް ވައުދުވެފައި ވެސް ނެތެވެ. ނަމަވެސް ބީ އަށް އަދާކުރަންޖެހޭ ވާޖިބެއް ސީގެ މައްޗަށް އޮވެ އެ ވާޖިބާ ޚިލާފުވީ ކަމަށް ވެދާނެއެވެ. ބްރިޓިޝް މޮޓޯ ޓްރޭޑް ވ. ސެލްވަޑޯރީ[12] ގަޒިއްޔާގެ ވާގިއާތަކާއި މިސާލު (3) ގައިވާ ވާގިއާތަކާ އެއްގޮތެވެ. މި ގަޒިއްޔާގައި ޖަސްޓިސް ރޮޒްބާގ ނިންމީ ސީ، ބީގެ މައްޗަށް މަދަނީ ކުށެއް ކޮށްފި ކަމަށެވެ. އެ މަދަނީ ކުށަކީ އޭގެ ފަރާތުން ބީއަށް ވެފައިވާ އަގްދީ ވާޖިބާއި އޭ ލައްވައި ޚިލާފުކުރުވުމުގެ މަދަނީ ކުށެވެ. ނަމަވެސް މިގޮތަށް ނިންމުން ބިނާވެފައި އޮންނަނީ ސާފުސީދާކޮށް ނޫންކަން އެނގެނީ އޭގެ އަގްދީ ވާޖިބާއި ޚިލާފުވުމަށް އޭ އަމިއްލަ އަށް ނިންމާފައި ވަނިކޮށް ސީ އަށް އެ މަދަނީ ކުށް ކުރުމަށް އޭ އަށް މަގުފަހިކޮށްދީގެން ކަމަށް ވާތީއެވެ. ނަމަވެސް، އަޅުގަނޑުމެންގެ މަގްސަދަށް، ބީ ގެ އިސްވެ އޮތް ހައްގު، ސީއާ ދެކޮޅަށް އައު ހައްގު ލިބިގަތުމަށް މުހިންމެވެ. މިސާލު (3) އާއި މިސާލު (2) ތަފާތުވާ ގޮތަކީ، ސީގެ ވާޖިބު އުފެދެނީ ސީގެ އަމަލުކުން ކަމަށް ނުވާއިރު، އެއާ ޚިލާފަށް އެ ވާޖިބު އުފެދެނީ ބީ އަށް އޭއާ އިދިކޮޅަށް އިސްވެ އޮތް ހައްގުގެ ސަބަބުންނެވެ. އެހެންވުމުން، އޭގެ އަގްދީ ވައުދުގެ ސަބަބުން އޭއާ ދެކޮޅަށް ބީ އަށް ލިބިފައިވާ ޝަޚުސީ ހައްގަކީ ހިމާޔަތްކުރެވިފައިވާ ޝަޚުސީ ހައްގެކެވެ. އިސްވެ އޭގެ މައްޗަށް އޮތް ވާޖިބުގެ ސަބަބުން މުޅި ދުނިޔޭގެ ދެންތިބި އެންމެންގެ މައްޗަށް ވާޖިބެއް އުފެދެއެވެ. މިސާލު (3) ގައިވާ ގޮތަށް، އޭގެ ފަރާތުން ބީ އަށް އަގްދީ ވާޖިބެއް އޮތުމުން އޭގެ މާނައަކީ އޭ ލައްވައި އެ ވާޖިބާއި ޚިލާފުވާ ކަމެއް ނުކުރުމަށް ސީ އާއި މުޅި ދުނިޔޭގެ ދެންތިބި އެންމެންގެ މައްޗަށް ފުރަތަމަ ނަޒަރުންބަލާއިރު ވާޖިބެއް އޮވެއެވެ.
ވީމާ، އަގްދީގޮތުން ލިބިފައި އޮންނަ މިލްކުވެރިކަމުގެ ހައްގެއް ލިބިފައި އޮތުމުގެ ސަބަބުން ސީއަށް އަސަރުކޮށްފާނެއެވެ. އެއިން މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ކޮންޓްރެކްޓާ ޚިލާފުކުރުވުމުން އެއްކިބާވެ ތިބުމަށް ފުރަތަމަ ނަޒަރުން ވާޖިބެއް އޮވެއެވެ. 1 (އޭ) ގައި ބުނި ފަދައިން ބީ އަށް އިސްވެ އަދާކުރަންޖެހޭ ވާޖިބަކީ ޓްރަސްޓީއެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބެއް ކަމަށް ވިޔަސް އެއިން އުފައްދާނީ އެއް ނަތީޖާއެކެވެ. އޭ ގެ ފަރާތުން ބީ އަށް ޓްރަސްޓީއެއްގެ ގޮތުން އަދާކުރަންޖެހޭ ވާޖިބާ މަކަރުވެރިގޮތަކުން ޚިލާފުވުމަށް އެހީތެރިވެ ނުދިނުމަށް މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ވާޖިބެއް އޮންނާނެއެވެ. އެހެންކަމުން އުފެދޭ ފުރަތަމަ ސުވާލަކީ ހިމާޔަތްކުރެވިފައިވާ ޝަޚްސީ ހައްގާއި މިލްކުވެރިކަމުގެ ހައްގު ފަރަގުކުރެވިދާނެތޯއެވެ. ބައެއް ފަރާތްތަކުން އެހެންގޮތަކަށް ހުށަހެޅިނަމަވެސް މި ދެ ހައްގުގެ ތަފާތު ވަރަށް ސާދާކޮށް އޮޅުން ފިލައެވެ. މައިގަނޑު ދެ އަޅައިކިޔުމުގެ ތަފާތެއް ވެއެވެ.
އެއް ތަފާތަކީ ހިމާޔަތްކުރެވިފައިވާ ޝަޚްސީ ހައްގު އެއްޗަކާ ގުޅެންޖެހެއެވެ. އެހެންކަމުން، ލަމްލީ[13] ގަޒިއްޔާގައި އޭގެ ފަރާތުން ބީ ގެ ތިއޭޓަރުގައި ލަވަކިޔުމަށް އޮތް ވާޖިބު އެއްޗަކާ ގުޅިފައި ނެތް ނަމަވެސް، އެއިން އޭ އެ އެއްބަސްވުމާ ޚިލާފުކުރުވުމުން އެއްކިބާވެ ތިބުމަށް މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ފުރަތަމަ ނަޒަރުން ވާޖިބެއް އޮވެއެވެ. ދެވަނަ ކަމަކީ، ބީ އަށް ހިމާޔަތްކުރެވިފައިވާ ޝަޚްސީ ހައްގެއް ލިބިފައި އޮތް ނަމަ، ބީ އަށް އޭގެ މައްޗަށް އިސްވެ އޮތް ވާޖިބެއް އޮތުމާ ތަފާތުވެއެވެ. އެހެންކަމުން، ލަމްލީ ގަޒިއްޔާގައި އޭ އާއި ޚިލާފަށް ސީ ގެ މައްޗަށް ބީގެ ތިއޭޓަރުގައި ލަވަކިޔައި ދިނުމުގެ ވާޖިބެއް ނެތެވެ. އެއާ ޚިލާފަށް ބީގެ އަތުގައި މިލްކުވެރިކަމުގެ ހައްގެއް އޮތް ނަމަ: (ހ) ބީގެ ހައްގު އެއްޗަކާ ގުޅޭނެއެވެ. އަދި (ށ) ދުނިޔޭގެ އެންމެންގެ މައްޗަށް އޮންނާނީ ފުރަތަމަ ނަޒަރުން އެއް ވާޖިބެކެވެ.
އަޅައި ކިޔުމުގެ ދެވަނަ ތަފާތުގައި ވަރަށް މުހިއްމު އަމަލީ ނަތީޖާއެއް ވެއެވެ. ބީ އަށް ހިމާޔަތްކުރެވިފައިވާ ޝަޚްސީ ހައްގެއް ލިބިފައިވުމުން ހީވަނީ ސީ ގެ މައްޗަށް އޮތް ވާޖިބަކީ ހަރުކަށި ވާޖިބެއް ނޫންހެންނެވެ. ސީ އަށް އެ ވާޖިބާއި ޚިލާފުވުން ހުއްދަވެގެންވަނީ އޭގެ އިސްވެ އޮތް ވާޖިބު އޮތްކަން ސީ އަށް އެންގެންވާނެ ކަމަށް ބެލެވޭ ހާލަތުގައެވެ. މިސާލަކަށް، ކޮންޓްރެކްޓާ ޚިލާފުކުރުވުމުގެ މަދަނީ ކުށް ސީ ކުރިކަމަށްވާނީ އޭގެ ފަރާތުން ބީ އަށް އަދާކުރަންޖެހޭ ވާޖިބެއް އޮތްކަން ސީ އަށް އެނގިފައި އޮވެ، ތެދުވެރިނޫން ގޮތަކުން އޭ ލައްވައި އެ ވާޖިބާ ޚިލާފުކުރުވަން އެހީތެރިވެދީގެން ނެވެ. ނުވަތަ އެންމެ ކުޑަމިނުން ސީ އަށް އެކަން އެނގުން ނުވަތަ އެކަން އެނގިހުރެ ބީ އެކަން ކުރާއިރު ލޯމަރައިގެން ނޭނގޭ ކަމަށް ހެދިގެން ހުރުމުންނެވެ. އޭގެ ފަރާތުން ބީ އަށް އަދާކުރަންޖެހޭ އިސްވެ އޮތް ވާޖިބަކީ ކޮބައިކަން އޮޅުން ފިލުވުމަށް ދަތިވާ ގޮތަކަށް، އަދި އެ ވާޖިބާއި ޚިލާފުވެވިދާނެ ބައިވަރު ގޮތްތަކެއް ހުންނަ ހާލަތުގައި، އޭ ލައްވައި އެ ވާޖިބާއި ޚިލާފުކުރުވީ ކަމަށް ނުވަތަ އެހީތެރިވީ ކަމަށް ބެލެވޭ ގޮތަށް ނަތީޖާ ނިކުންނަ ކޮންމެ ހާލަތެއްގައި ސީ އެކަމަށް ޒިއްމާކުރުވުމަކީ ވަރަށް ހަރުކަށި ގޮތަކަށް ވާނެއެވެ. ވީމާ، ބީގެ ހިމާޔަތްކުރެވިފައިވާ ޝަޚްސީ ހައްގަކުން ސީ އަށް އަސަރުކޮށްފާނެ ކަމަށްވީ ނަމަވެސް، މިފަދަ ހާލަތްތަކުގައި އެހެން މިލްކުވެރިކަމުގެ ހައްގުތައް ކަމަށް ބެލެވޭ ފިކުރީ މުދަލުގެ ހައްގުތަކާ ގުޅޭގޮތުން އެކަށައެޅިފައިވާފަދަ ހަރުކަށި ވާޖިބެއް ހިމާޔަތްކުރެވިފައިވާ ޝަޚްސީ ހައްގަކުން ނުއުފައްދައެވެ.
ދެވަނަ ސުވާލަކީ، ހިމާޔަތްކުރެވިފައިވާ ޝަޚްސީ ހައްގުތަކެކޭ އެއްގޮތަށް ކޮންމެ ޝަޚްސީ ހައްގަކަށްވެސް ހިމާޔަތް ލިބިގެންވޭތޯއެވެ. މިތަނުގައި މި ސުވާލު ތަހުލީލު ނުކުރެވުނު ނަމަވެސް ދެ ކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ، އޭގެ އިސްވެ އޮތް ވާޖިބު އުފެދުނީ އޭގެ އެއްވެސް އަމަލެއް ނެތި ހިތަށް[14] ކަމަށްވާނަމަ އެ ވާޖިބުގެ ސަބަބުން ހިމާޔަތްކުރެވިފައިވާ ޝަޚުސީ ހައްގެއް އުފެދިފައިވާ ކަމަށް ވިސްނުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ. މިސާލަކަށް، ބީ އަށް ލިބުނު ގެއްލުމަށް ސީ ޒިއްމާވާން ޖެހެނީ އޭ ގަސްތުގައި ބީއަށް ގެއްލުން ދިނުމުގައި އެހީތެރިވެދިނުމުގެ ސަބަބުން ކަމަށްވާނަމަ، ސީ ގެ މަދަނީ ކުށް ބިނާވެގެންވަނީ ބީއާއި އޭއާ ދެކޮޅަށް ބީ އަށް ޝަޚުސީ ހައްގެއް ލިބިގެންވުމުން ކަމަށް ވިސްނުމަކީ މުޅިން ރަނގަޅު ގޮތެއް ނޫނެވެ. ލާވަށާލައިގެން ދިއުމުގެ ބަދަލުގައި، އެ ހާލަތުގައި ބީއަށް ލިބިފައިވާ ފިކުރީ މުދަލުގެ ހައްގެއް ކަމަށްވާ ބީގެ ހަށިގަނޑުގެ ހުރުމަތް ރައްކާތެރިކުރުމުގެ ހައްގަށް ސީ ހުށަހެޅިގެންފައިވާ ކަމަށް ބުނުން މާ އައުލާކަން ބޮޑެވެ.
ދެވަނަ ކަމަކީ، ހިމާޔަތްކުރެވިފައިވާ ހައްގުތަކުގެ ރިވެލިފަށަކީ[15] ކޮންމެ އެއްޗެއް ކަމަށްވީ ނަމަވެސް، ދެކަމެއް ސާފުވެއެވެ: (ހ) އިސްވެ އޮންނަ ބައެއް ހައްގުތަކަކީ ފަރުއީ ހިމާޔަތް ދޭންޖެހޭ ހައްގުތަކެއް ކަމަށް ބުނެ ބައެއް ހައްގުތަކަށް ހިމާޔަތް ދިނުމަށް ކޮމަން ލޯ އާއި އިކުއިޓީ އިން އިޚްތިޔާރުކޮށްފައިވާކަން؛ (ށ) އެހެން ހެދުމުގައި އެ ހައްގަކީ ޝަޚްސީ ހައްގެއްތޯ ނުވަތަ މިލްކުވެރިކަމުގެ ހައްގެއްތޯ ބަލައި ފަރަގުކޮށްފައި ނެތް ކަން. ނަމަވެސް، ބީ އަށް ލިބިގެންވާ އިސްވެ އޮތް ޝަޚުސީ ހައްގުތައް ހިމާޔަތްކުރަން އިކުއިޓީއިން އިތުރަށް ދާން ޖެހޭ ކަމާމެދު ޚިޔާލު ތަފާތުވެފައި ވެއެވެ. ލޯޑް ޖަސްޓިސް ނައިޓް ބްރޫސް، ޑި މަޓޯސް ވ. ގިބްސަން[16] ގަޒިއްޔާގައި ވިދާޅުވެފައިވަނީ؛ (ހ) ބީއަށް އޭއާއި ދެކޮޅަށް ތަންފީޒުކުރެވޭނޭ އިސްވެ އޮތް ޝަޚުސީ ހައްގެއް އޮތްކަން އެނގިހުރެ، ސީ އޭގެ އަތުން ހައްގެއް ހޯދައިފި ކަމަށް ވެއްޖިއްޔާ، (ށ) ބީގެ ހައްގަށް ހުރަސް އެޅޭގޮތަށް ސީ އަމަލުކުރުން ހުއްޓުވިދާނެ ކަމަށެވެ. މި އުސޫލު އެހެން ބައެއް ގަޒިއްޔާތަކުގައި ވެސް ތަތުބީގުކޮށްފައި ވެއެވެ.
މިސާލު (2) ގައި ބަލާލާފައިވާނޭ ފަދައިން، ޑި މަޓޯސް ގަޒިއްޔާގައި ބަޔާންކޮށްފައިވާ އުސޫލު ބޭނުންކުރެވެނީ ސީގެ ހައްގުތައް ހިފެހެއްޓުމަށް ބޭނުންކުރެވޭ އަދާލަތުގެ މަފްހޫމެއްގެ ގޮތުގައެވެ. އެ މަފްހޫމުން ޝަޚުސީ ހައްގާއި މިލްކުވެރިކަމުގެ ހައްގުގެ މަފްހޫމުގެ ތަފާތު ބިނާވެފައިވާ ނަޒަރިއްޔާގެ ހަމަތަކަށް ބަދަލެއް ނާދެއެވެ. ސަބަބަކީ، ބީ އަށް ލިބިފައިވާ ހައްގުގެ ސަބަބުން މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް އެކަމުން ވާޖިބެއް ނުއުފެދޭތީއެވެ. ޑި މަޓޯސް ގެ ގަޒިއްޔާގައި ބޭނުންކޮށްފައިވާ އުސޫލުގެ ސަބަބުން ދިމާވާ ހަމައެކަނި މައްސަލައަކީ މިލްކުވެރިކަމުގެ ހައްގާއި ޝަޚުސީ ހައްގުގެ ތަފާތު ގެންގުޅުމަކީ އަމަލީ ގޮތުން ބޭނުންތެރިކަމެއް ނޫންކަމަށް ތަސައްވަރުކޮށްދޭތީ އެވެ. ބީގެ އިސްވެ އޮތް ހައްގު އެއްޗަކާ ގުޅޭނަމަ ބީ އަށް ލިބިގެންވާ ހައްގަކީ މިލްކުވެރިކަމުގެ ހައްގެއްތޯ ކަނޑައަޅަން ގާނޫނީ ނިޒާމަށް ފަސޭހަވާނެއެވެ. ވަކި ހަގީގީ ކަމަކާ ނުގުޅުވައި ބަލާއިރު ހީވަނީ މީގައި ވަކި ސީދާ ރަނގަޅު ޖަވާބެއް ނެތްހެންނެވެ. އެހެން ކަމުން. ގޮތެއް ނިންމަންވީ ކަމަކީ ބީ އަށް ލިބިފައިވާ އިސްވެ އޮތް ހައްގުގެ ސަބަބުން މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ފުރަތަމަ ނަޒަރުން ބަލާއިރު ވާޖިބެއް އޮތް ކަމަށް ބެލުމުގެ ގެއްލުމަށްވުރެ ފައިދާ ބޮޑުތޯއެވެ. އާއްމު މަގާމަކީ، ބީ އަށް ލިބިގެންވާ ހައްގަކީ މިލްކުވެރިކަމުގެ ހައްގެއް ކަމަށް ނުބެލުމެވެ. އޭ އާއި ބީ ކުރި މުއާމަލާތަކުން ބީ އަށް އޭގެ ކިބައިން ލިބުނު ހައްގުގެ ސަބަބުން އެ މުއާމަލާތުގެ ބައިވެރިއެއް ކަމަށް ނުވާ ސީ ފަދަ ދުރުހިލޭ މީހެއްގެ މައްޗަށް ވާޖިބެއް އުފެދެންވީ ކީއްވެގެން ހެއްޔެވެ. މުއާމަލާތެއް ކުރުމުގެ ކުރިން އެހެން މީހެއްގެ ހައްގެއް އޮތްތޯ ބަލަން އަތްފުނާ އަޅަންޖެހެންޏާ މުއާމަލާތްކުރުމުގެ މަގު ހަނިވާނެއެވެ.
ނިންމުން
ތެދެކެވެ. އޭ، ބީގެ ތިއޭޓަރުގައި ލަވަ ކިޔައިދިނުމަށް އެއްބަސްވުމުން ބީއަށް އޭ އާ ދެކޮޅަށް ލިބިގެންވާ އަގްދީ ހައްގުގައި މިލްކުވެރިކަމުގެ ހައްގުތަކުގެ ބައެއް ސިފަތައް އެބަ ހުއްޓެވެ. ބީ ގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ކާރުގެ މިލްކުވެރިކަމެކޭ އެއްގޮތަށް އެ ހައްގުން މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ފުރަތަމަނަޒަރުގެ ވާޖިބެއް އެބަ އުފައްދައެވެ. ނަމަވެސް، މިކަމުގެ ސަބަބުން ޝަޚުސީ ހައްގާއި މިލްކުވެރިކަމުގެ ހައްގުގެ ތަފާތުގެ އަސާސީ ބިންގާ މުގުރިގެން ނުދެއެވެ. އޭގެ ބަދަލުގައި އެއިން ދައްކައި ދެނީ ބައެއް ޝަޚްސީ ހައްގުތަކުން (މިސާލަކަށް ހިމާޔަތްކުރެވިފައިވާ ޝަޚްސީ ހައްގުން) އޭ ގެ މައްޗަށް ފުރަތަމަ ނަޒަރުގެ ވާޖިބެއް އުފެދުމުގެ އިތުރުން، ފަރުއީ ވާޖިބެއް މުޅި ދުނިޔޭގެ އެހެން އެންމެންގެ މައްޗަށް އުފައްދާކަމެވެ. ނަމަވެސް މިލްކުވެރިކަމުގެ ހައްގުތަކާ ޚިލާފަށް: (ހ) ހިމާޔަތްކުރެވިފައިވާ ޝަޚުސީ ހައްގުތައް އެއްޗަކާ ނުގުޅެއެވެ؛ (ށ) އޭ ގެ ފަރާތުން ބީ ގެ މައްޗަށް އުފެދިފައިވާ ވާޖިބާއި ހިމާޔަތްކުރެވިފައިވާ ހައްގަކުން ދުނިޔޭގެ ދެންތިބި އެންމެންގެ މައްޗަށް އުފައްދާ ފަރުއީ ވާޖިބު ގެ ތޮބީއަތު ތަފާތެވެ؛ އަދި (ނ) ހިމާޔަތްކުރެވިފައިވާ ޝަޚުސީ ހައްގުން ދުނިޔޭގެ ދެންތިބި އެންމެންގެ މައްޗަށް މުތުލަގު ވާޖިބެއް ނުއުފައްދައެވެ.
4. އަދާލަތުގެ މިލްކުވެރިކަމުގެ ހައްގުތައް
(ހ) އަދާލަތުގެ މިލްކުވެރިކަމުގެ ހައްގަކީ މިލްކުވެރިކަމުގެ ހައްގެއްތަ؟
މިސާލު 4: ޒީ ބޭންކުގައި އޭ އެކައުންޓެއް ހުޅުވާފައިވެއެވެ. އޭ ބަޔާންކޮށްފައިވަނީ އޭނާ އެ އެކައުންޓު ހުޅުވާފައިވަނީ ބީ އަށް ޓްރަސްޓެއްގެ ގޮތުގައި ކަމަށެވެ. އޭ އެގޮތަށް ބަޔާންކުރުމަށްފަހު އެ އެކައުންޓުން 100 ޕައުންޑް ނަގާފައި، އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން އެ 100 ޕައުންޑް ސީ އަށް ދެއެވެ. އޭ އާއި ބީއާ ދެމެދުގައިވާ ޓްރަސްޓުގެ ޝަރުތުތަކުގެ ދަށުން އެފަދަ ފައިސާއެއް އެކައުންޓުން ނަގައި މީހަކަށް ދިނުމުގެ ބާރު އޭ އަށް ލިބިފައި ނެތެވެ.
މި މިސާލާއި 1 (ބީ) ގައިވާ މިސާލާއި އެއްގޮތެވެ. މަތީގައިވާ މިސާލު 1 (ބީ) ގައިވާ ފަދައިން އޭގެ ފަރާތުން ބީ އަށް އަދާކުރަންޖެހޭ ވާޖިބުގެ ސަބަބުން ސީ އަށް އަސަރުކުރެއެވެ. އާންމުކޮށް ވިސްނިފައި އޮންނަ ގޮތުން، މިހެން މި މެދުވެރިވާ ސަބަބު ދެ ގޮތަކަށް އޮޅުންފިލުވައި ދެވިދާނެއެވެ. މީގެ ތެރެއިން ފުރަތަމަ އަދި އެންމެ ގިނަމީހުން ގަބޫލުކުރާ ގޮތަކީ ބީ އަށް ލިބިފައިވާ ހައްގަކީ އަދާލަތުގެ މިލްކުވެރިކަމަކަށް ވުމެވެ. މި ގޮތަށް މި ބުނާ ބުނުން އޮޅުން ފިލުވައި ދެވޭނެ ގޮތަކީ، މިސާލު 4 ގައިވާ ފަދައިން، އޭ ގެ ކިބައިން ސީ އަށް ފައިސާ ލިބޭއިރު، ޓްރަސްޓީއެއްގެ ބާރުގެ ބޭރުން ޓްރަސްޓީގެ ވާޖިބާ ޚިލާފަށް އަމަލުކުރިކަން ސީ އަށް އެނގިފައި ނެތް ނަމަވެސް ނުވަތަ އެކަން އެނގެންޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ވިޔަސް، ސީގެ މައްޗަށް ބީއަށް އަދާކުރަންޖެހޭ ވާޖިބެއް އުފެދިފައި އޮތް ކަމަށް ބުނުމެވެ. ނަމަވެސް މި ރައުޔުގައި ވަރަށް ގިނަ މައްސަލަތަކެއް އެބަ ހުއްޓެވެ. މަތީގައި 2 ވަނަ ބައިގައި މިލްކުވެރިކަމުގެ ހައްގުގެ ތައުރީފް ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، މިސާލު 4 ގައިވާ ހާލަތުގައި ބީ އަށް މިލްކުވެރިކަމުގެ ހައްގެއް ލިބިފައި ނުވެއެވެ. އެއީ ބީގެ ހައްގު އެއްވެސް އެއްޗަކާ ގުޅިފައި ނުވާތީއެވެ. އެއީ ތެދެކެވެ. ޓްރަސްޓުގައި، ކޮންމެ އަދާލަތުގެ ހައްގެކޭ އެއްގޮތަށް، ދެނެގަނެވޭނޭ މުދަލެއް އޮންނަން ޖެހެއެވެ. އެކަމަކު މިސާލު 4 ގައިވާ ހާލަތުގައި އެ މުދަލަކީ މާއްދީ އެއްޗަކަށް ވާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި އަދާލަތުގެ މިލްކުވެރިކަމުގެ ހައްގުގެ އެންމެ މައި ސިފައަކީ އެ އަދާލަތުގެ މިލްކުވެރިކަމުގެ ހައްގުގައި: (ހ) އޭގެ ފަރާތުން ބީ އަށް އަދާކުރަންޖެހޭ ވާޖިބެއް އޮތުން؛ (ށ) އޭގެ ވާޖިބު ގުޅިފައިވަނީ އޭގެ އަތުގައިވާ އޭގެ ހައްގަކާ ކަމަށް ވުން؛ މިއެވެ. މިލްކުވެރިކަމުގެ އެއް ތައުރީފް ބުނާގޮތުން އެ ހައްގަކީ މާލީ އަގެއް ހުރި ހައްގަކަށް ވެފައި، އެ ހައްގަކީ އެކެއްގެ ކިބައިން އަނެކަކަށް ނަގުލު ކުރެވިދާނެ (ބޭންކް އެކައުންޓުގައިވާ ފައިސާ ފަދައިން) އެއްޗަކަށްވާ ނަމަ އެއީ މުދަލެއް ކަމަށް ބެލެވޭނެއެވެ. މި ރައުޔަށް ބަލާއިރު، މިސާލު 4 ގައިވާ ޒީ ބޭންކާ ދެކޮޅަށް އޭ އަށް ލިބިފައިވާ ހައްގަކީ ޓްރަސްޓްގެ މުދަލެވެ. ނަމަވެސް މިގޮތަށް ބެލުމުން ހައްގުތަކާއި ތަކެއްޗާ ދެމެދުގައިވާ މުހިންމު ތަފާތުގެ އިންވަކިކުރާ ރޮނގު ސާފެއް ނޫނެވެ. މިސާލަކަށް، އޭ އަށް ކާރެއްގެ މިލްކުވެރިކަން އޮވެފައި، އެ ކާރު އޭނާގެ އަތުގައި އޮތީ ބީ އަށް ޓްރަސްޓެއްގެ ގޮތުގައި ކަމަށް ބަޔާންކޮށްފި ނަމަ، އޭގެ އަތުގައި ޓްރަސްޓެއްގެ ގޮތުގައި އޮތީ ކާރު ނޫން ކަމާއި، ބީ އަށް އަދާކުރަންޖެހޭ ޓްރަސްޓެއްގެ ގޮތުގައި އޭގެ އަތުގައި އޮތީ ކާރުގެ މައްޗަށް ލިބިގެންވާ ހައްގުތައްކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ.
މިސާލު 4 (އޭ): އޭގެ އަތުގައި ކާރެއްގެ މިލްކުވެރިކަން އޮތެވެ. އޭ ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ އަތުގައި އެ ކާރު އޮތީ ބީ އަށް ޓްރަސްޓެއްގެ ގޮތުގައެވެ. އެކްސް ގެ ފަރުވާކުޑަކަމުން އެ ކާރު ހަލާކުކޮށްލިއެވެ.
މިސާލު 4 (ބީ): އޭގެ އަތުގައި ކާރެއްގެ މިލްކުވެރިކަން އޮތެވެ. އޭ ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ އަތުގައި އެ ކާރު އޮތީ ބީ އަށް ޓްރަސްޓެއްގެ ގޮތުގައެވެ. އެކްސް އެ ކާރު ވަގަށް ނެގިއެވެ.
ދެނެގަންނަން ޖެހޭ މުހިންމު ކަމަކީ، މިއިން ކޮންމެ ހާލަތެއްގައިވެސް އޭގެ އަތުގައި ޒާތުން އެކާރު އޮތީ ނޫންކަމާއި، ބީ އަށް އަދާކުރަންޖެހޭ ޓްރަސްޓެއްގެ ގޮތުން އޭގެ އަތުގައި އޮތީ އެކާރުގެ މައްޗަށް އުފެދިފައިވާ ހައްގުތަކެއް ކަމެވެ. އޭގެ އަތުގައި އޮތީ އެ ހައްގުތައް ކަމަށްވާތީވެ، މަތީގައިވާ 4 (އޭ) އަދި 4 (ބ) ގެ ހާލަތުގައި އެކްސްގެ ފަރާތުން ކުށްކުރަނީ އޭއާއި ދެކޮޅަށެވެ. އެ ކުށުގެ ސަބަބުން އެކްސްގެ މައްޗަށް ދައުވާކުރުމުގެ ހައްގު އޭ އަށް ލިބެއެވެ. އެ ހައްގު އޭ އަށް ލިބިފައިވަނީ ބީ އަށް ޓްރަސްޓެއްގެ ގޮތުން އެ ކާރު އޭގެ އަތުގައި އޮތުމުންނެވެ. އެހެންކަމުން، ބީ ގެ ފަރާތުން އޭ އަށް ލިބިފައިވާ ހައްގުގެ ދަށުން އޭ އަށް އެކްސްގެ މައްޗަށް ދައުވާ ކުރެވެނީއެވެ. އެ ހައްގު އޭ އަށް އޮތުމުން އެ ހައްގުގެ ބޭނުންކޮށްގެން އެކްސްގެ މައްޗަށް ބީގެ މަންފާއަށްޓަކައި ދައުވާކުރުމަކީ އޭގެ ވާޖިބެކެވެ. ނަމަވެސް ބީގެ ފަރާތުން އެކްސްގެ މައްޗަށް ދައުވާކުރުމުގެ ސީދާ ހައްގެއް ބީއަށް ލިބިގެން ނުވެއެވެ. މި ހާލަތުގައި އޭގެ ފަރާތުން އެކްސްގެ މައްޗަށް ދައުވާނުކޮށްފިނަމަ، އިޖުރާއަތު އަވަސްކުރުމުގެ ގޮތުން ބީ އަށް އޭގެ މައްޗަށާއި އެކްސްގެ މައްޗަށް އެކުގައި ދައުވާކުރެވިދާނެއެވެ. އެހެން ނަމަވެސް، މިއީ މުޅިން ތަފާތު ދެ ދައުވާއެކެވެ. މީގައި ފާހަގަކުރަންޖެހޭ ނުކުތާއަކީ ބީގެ އަތުގައި އަދާލަތުގެ މިލްކުވެރިކަން ލިބިގެންވާ މުދަލެއް އޮތުމުން ދުނިޔޭގައި ދެން ތިބި އެންމެންގެ މައްޗަށް އެ މުދަލުގެ މައްޗަށް ހުށަހެޅި ނުގަތުމުގެ ވާޖިބެއް ހިތަށް ނުއުފެދޭ ކަމެވެ. މީގެ މާނައަކީ މުދަލެއްގެ މަންފާލިބެނިވި ފަރާތަށް މުދަލުގެ މިލްކުވެރިކަމުގެ ހައްގު ނުލިބޭ ކަމެވެ.
(ށ) އަދާލަތުގެ މިލްކުވެރިކަމުގެ ހައްގަކީ މިލްކުވެރިކަމުގެ ހައްގެއްތަ؟
މިސާލު (4) ގައި ބަޔާންކޮށްފައިވާ ކަހަލަ މައްސަލައެއް އޮޅުން ފިލުވައިދެވިދާނެ އަނެއް ގޮތަކީ: (ހ) ޓްރަސްޓުގެ ދަށުން އޭ އާއި ދެކޮޅަށް ބީ އަށް ލިބިގެންވަނީ ހަމައެކަނި ޝަޚްސީ ހައްގެއް ކަމަށް ބުނުމާއި؛ (ށ) އޭގެ އަތުން ސީ ފައިސާ ލިބިގަތުމުން ބީއަށް ސީ އާ ދެކޮޅަށް ލިބެނީ އައު، ސީދާ ހައްގެއް ކަމަށް ބުނުމެވެ. މި ރައުޔު އުފެދިފައިވަނީ މިސާލު (4) ގައިވާ ހާލަތުގައި ޓްރަސްޓުގެ ދަށުން ބީ އަށް މިލްކުވެރިކަމުގެ ހައްގެއް ނުލިބޭ ކަމަށް ބަލައިގެންނެވެ. ނަމަވެސް ޓްރަސްޓުގެ ދަށުން ލިބެނީ ޝަޚުސީ ހައްގެއް ކަމަށް ބުނާ ރައުޔު މި މަޒުމޫނު ގަބޫލެއް ނުކުރެއެވެ. މީގެ މައިގަނޑު ސަބަބަކީ އޭއާއި ދެކޮޅަށް އިސްވެ އޮތް ހައްގެއް އޮތްކަން ސީ އަށް އެނގިފައި އޮތުމުން ސީ ގެ ފަރާތުން ބީ އަށް އަދާކުރަންޖެހޭ ހައްގެއް އޮތް ކަމަށް ބެލުމަށް ނުފުދޭތީއެވެ.
މިސާލު (5): ޒީ ބޭންކުގައި އޭ އެކައުންޓެއް ހުޅުވާފައިވެއެވެ. އޭ ބަޔާންކޮށްފައިވަނީ އޭނާ އެ އެކައުންޓު ހުޅުވާފައިވަނީ ބީ އަށް ޓްރަސްޓެއްގެ ގޮތުގައި ކަމަށެވެ. އޭ އެގޮތަށް ބަޔާންކުރުމަށްފަހު އެ އެކައުންޓުން 100 ޕައުންޑް ނަގާފައި އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުން އެ 100 ޕައުންޑް ސީއަށް ދެއެވެ. އޭ އާއި ބީއާ ދެމެދުގައިވާ ޓްރަސްޓުގެ ޝަރުތުތަކުގެ ދަށުން އެފަދަ ފައިސާއެއް އެކައުންޓުން ނަގައި މީހަކަށް ދިނުމުގެ ބާރު އޭ އަށް ދީފައި ނެތެވެ. ސީ އަށް އެ ފައިސާ ލިބުނު އިރު އެ ފައިސާ އަކީ އޭގެ އަތުގައި ޓްރަސްޓްގެ ގޮތުގައި ހުރި ފައިސާ ކަމެއް ސީ އަކަށް ނޭނގެއެވެ. އަދި އެކަން އެ ގޮތަށް އެނގެންވާނެ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބެއްވެސް ނެތެވެ. ސީ އެފައިސާ ޚަރަދުކުރީ އެމަހު ގެއަށް ގަންނަންޖެހޭ ކާބޯތަކެތި ގަތުމަށެވެ. އެއަށްފަހު ބީގެ ފަރާތުން ސީ އަށް އަންގާފައިވަނީ އެ ފައިސާ އަކީ ބީއަށް ޓްރަސްޓްގެ ގޮތުގައި އޭ އެކައުންޓުގައި ބަހައްޓާފައިވާ ފައިސާ ކަމަށެވެ. އަދި އޭ އަމަލުކޮށްފައިވަނީ ޓްރަސްޓީއެއްގެ ގޮތުން އޭ އަށް ދީފައިވާ ބާރުތަކުގެ ބޭރުން ކަމަށެވެ.
މި ހާލަތުގައި ސީއަށް ލިބިފައިވާ 100 ޕައުންޑުގެ މުގާބިލުގައި އެއްވެސް އެއްޗެއް ދީފައިނުވާތީވެ، ސީ ގެ ފަރާތުން ބީއަށް އަދާކުރަންޖެހޭ ވާޖިބުން އެއްކިބާވުމަށްޓަކައި "ހެޔޮ ނިޔަތުގައި ގަތް މީހާ" ގެ ދިފާއު ސީ އަށް ބޭނުމެއް ނުކުރެވޭނެއެވެ. ނަމަވެސް ސީ އަށް މިފަދަ ދިފާއުއެއް ބޭނުމެއް ނުވެއެވެ. އެހެނީ، ސީގެ ފަރާތުން ބީއަށް އަދާކުރަންޖެހޭ ފުރަތަމަ ނަޒަރުގެ ވާޖިބެއް މިތާނގައި ނެތެވެ. އަދި އެ 100 ޕައުންޑް އެއްވެސް އިރަކު ސީގެ އަތުގައި ބީގެ ޓްރަސްޓެއްގެ ގޮތުގައި ނެތެވެ. އެފަދަ ޓްރެސްޓެއް އުފެދުމަށްޓަކައި ސީ ހުންނަންޖެހޭނީ ޓްރަސްޓީއެއްގެ މައިގަނޑު ވާޖިބުތަކުގެ ދަށުގައެވެ. އެއީ: އެ 100 ޕައުންޑް ސީގެ އަމިއްލަ ބޭނުމަށް ބޭނުން ނުކުރުން؛ އެ ވާޖިބު ސީ ގެ މައްޗަށް އުފެދޭނީ އެފައިސާ އޭގެ އަމިއްލަ ބޭނުމަށް އެފައިސާ ބޭނުން ނުކުރެވޭނެ ކަން ސީ އަށް އެނގިފައިވާ ނަމަ ނުވަތަ އެފަދަ ގޮތަކަށް ޝައްކުކުރެވޭ ނަމައެވެ.
މިސާލު 5 ގައިވާ ގޮތަށް، އޭ އަށް ފައިސާ ލިބިފައިވާކަން އެނގިފައިވާ ހާލަތުގައި، ސީ ޒިއްމާވާން ނުޖެހުނު ނަމަވެސް ބޭއިންސާފު މުއްސަނދިކަމުގެ މަފްހޫމުގެ ދަށުން ބީގެ ފައިސާއިން ސީއަށް މުއްސަނދިކަމެއް ލިބިފައިވާތީވެ، ސީގެ ފަރާތުން ބީއަށް ޒިއްމާ އުފުލަން ޖެހޭނެއެވެ. ނަމަވެސް، ފަރަހް ކޮންސްޓްރަކްޝަންސް ޕީޓީވައި ލޓޑ ވ. ސޭ-ޑީ ޕީޓީވައި ލޓޑ ގަޒިއްޔާގައި[17] އެ ހުށަހެޅުން އޮސްޓްރޭލިއާގެ ހައިކޯޓުން ބަލައި ނުގަތެވެ. އަދި މިހާލަތުގައި ސީ އަށް މުއްސަނދިކަން ލިބުނީ އޭ ގެ ފުށުން ކަމަށާއި ބީގެ ފުށުން ނޫންކަމަށް ބުނެ ދިފާއު ކުރިމަތި ކުރުމުގެ ފުރުސަތުވެސް ސީއަށް އެބައޮތެވެ.
(ނ) އަދާލަތުގެ މިލްކުވެރިކަމުގެ ހައްގު، ދެމިގެންދާ ހައްގުގެ ގޮތުގައި
މި މަޒުމޫނުގެ ނިންމުން މިދަނީ ހިތްނުތަނަވަސް ދިމާއަށްހެން އެބަ ހީވެއެވެ. މި މަޒުމޫނުގައި ބަޔާންކޮށްފައި އޮތް ތައުރީފުން ހީވަނީ އަދާލަތުގެ މިލްކުވެރިކަމުގެ ހައްގަކީ މިލްކުވެރިކަމުގެ ހައްގެއް ނޫން ކަމަށާއި އަދި ޝަޚްސީ ހައްގެއްވެސް ނޫން ކަމަށެވެ. އެއީ މިލްކުވެރިކަމުގެ ހައްގަކަށް ނުވަނީ އެ ހައްގު؛ (ހ) އެއްޗަކާ ގުޅިފައި އޮންނަންޖެހޭތީއާއި، (ށ) އެއިން މުޅި ދުނިޔޭގައި ދެންތިބި އެންމެންގެ މައްޗަށް ފުރަތަމަ ނަޒަރުގެ ވާޖިބެއް ނުއުފައްދާތީ އެވެ. އަދި އެއީ އާންމުކޮށް އައްޔަންވެ އެނގެން އޮންނަ ޒާތުގެ ޝަޚުސީ ހައްގަކަށް ނުވެއެވެ. ސަބަބަކީ އެ ހައްގުގެ ސަބަބުން، އޭގެ ފަރާތުން ބީ ގެ މައްޗަށް އަދާކުރަންޖެހޭ ވާޖިބުގެ މައްޗަށް ބިނާކޮށް، ބީ އަށް ސީއާ ދެކޮޅަށް ފުރަތަމަ ނަޒަރުގެ ވާޖިބެއް އުފެއްދުމުގެ ބާރު ލިބޭތީވެއެވެ. މިއިން ނެއްޓެން އޮތް އެއް ގޮތަކީ އަދާލަތުގެ މިލްކުވެރިކަމުގެ ހައްގަކީ ޚާއްސަ ބާވަތެއްގެ ޝަޚުސީ ހައްގަކަށް ހެދުމެވެ. ހަމައެކަނި ހިމާޔަތްކުރެވިފައިވާ ޝަޚުސީ ހައްގެއްގެ ގޮތަކު ނޫނެވެ. އެއާ ޚިލާފަށް މަތީ ދަރަޖައެއްގެ ހިމާޔަތެއް ލިބެންވާ ޝަޚުސީ ހައްގަކަށް އަދާލަތުގެ މިލްކުވެރިކަމުގެ ހައްގު ހަދައި ލޭބަލްކޮށްގެންނެވެ. އެހެންކަމުން އަދާލަތުގެ މިލްކުވެރިކަމުގެ ހައްގު މި މުސްތަލަހް[18] އެކުގައި ދޫކޮށްލަން ޖެހެއެވެ. ސަބަބަކީ އެ ހައްގަށް، އަދާލަތުގެ މިލްކުވެރިކަމުގެ ހައްގު ކިޔައި ނަންދިނުމުން މި ހައްގާއި، ހަގީގީ މިލްކުވެރިކަމުގެ ހައްގަކީ އެކައްޗެއްހެން ހީވެ އޮޅުން އަރާތީއެވެ. އޭގެ ބަދަލުގައި ޕަރސިސްޓެންޓް ހައްގު ނުވަތަ ދެމިގެންދާ ހައްގު މިގޮތަށް ކިޔުން މާ ރަނގަޅެވެ.
(ރ) އައު ތަހުލީލުގެ ނަތީޖާ
މި ބަހުސަށް ބެލުމުން އަދާލަތުގެ މިލްކުވެރިކަމުގެ ހައްގުގެ ތޮބީއަތާބެހޭ ގޮތުން ކުރެވޭ ދިގު ބަހުސެއް އެބައޮތް ކަމީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. މިއިން ލިބޭ އެއް ފިލާވަޅަކީ ޚާއްސަ ގާނޫނުގައި[19] ހިމެނޭ ހުރިހާ ހައްގުތައް ބެހިގެން ދަނީ ހަމައެކަނި ޝަޚުސީ ހައްގުތަކަށާއި މިލްކުވެރިކަމުގެ ހައްގުތަކަށް ކަމަށް ގަބޫލުކުރާކުރުން ދޫކޮށްލަން ޖެހޭ ކަމެވެ. ދެމިގެންދާ ހައްގުތައް ވަކި ގިންތިއެއްގެ ގޮތުގައި ގަބޫލުކުރުމުން، އަދާލަތުގެ މިލްކުވެރިކަމުގެ ހައްގުތައް މަތީގައި ބުނެވުނު ދެ ފޮށިންކުރެ ފޮއްޓަކަށް ގަދަކަމުން ގަންނަވަން ނުޖެހޭނެއެވެ. މިހެން ހެދި ނަމަވެސް އަދާލަތުގެ މިލްކުވެރިކަމުގެ ހައްގުތަކުގެ ތޮބީއަތަށް ބަދަލެއް ނާންނާނެއެވެ.
5. ނިންމުންތައް
އޭގެ މައްޗަށް ބީ އަށް އަދާކުރަންޖެހޭ ގޮތަށް އޮތް ހައްގުގެ ސަބަބުން ސީއަށް ކޮށްފާނެ އަސަރާ ބެހޭ ގޮތުން ގުޅުންހުރި ދެ ވާހަކައެއް އަހަރެމެން ކިޔައިދީފީމު އެވެ. ފުރަތަމައީ، ބީއަށް އިސްވެ ލިބިފައި އޮތް ހައްގުތަކުގެ ތަފާތު ބާވަތްތަކެވެ. އެގޮތުން 5 ބާވަތެއްގެ ހައްގު ބަޔާންކުރެވިފައިވެއެވެ.
1. ޝަޚުސީ ހައްގު: މިސާލަކަށް، ހުކުމެއްގެ ސަބަބުން ބީއަށް ފައިސާގެ އަދަދެއް ދިނުމުގެ ވާޖިބެއް އޭ ގެ މައްޗަށް އެކަށައެޅިފައި ވެއެވެ. އޭ، ބީއަށް އަދާކުރަން ޖެހޭ ވާޖިބުގެ ސަބަބުން މުޅިދުނިޔޭގައި ދެންތިބި އެންމެންގެ މައްޗަށް ފަރުއީ ވާޖިބެއް ނުއުފެދެއެވެ.
2. ހިމާޔަތްކުރެވިފައިވާ ޝަޚުސީ ހައްގު: މިސާލަކަށް، އޭގެ ފަރާތުން ބީއަށް އަގްދީ ވައުދެއް ކުރެއެވެ. އޭ ބީއަށް އަދާކުރަން ޖެހޭ ވާޖިބުގެ ސަބަބުން މުޅި ދުނިޔޭގައި ދެންތިބި އެންމެންގެ މައްޗަށް ވާޖިބެއް އުފެދެއެވެ. އެއީ އޭ ބީއަށް އަދާކުރަންޖެހޭ ވާޖިބާއި އޭ ޚިލާފުކުރުވުމުން އެއްކިބާވެ ތިބުމުގެ ވާޖިބެވެ. އޭ، ބީ އަށް އަދާކުރަންޖެހޭ ވާޖިބު އުފެދުނީ އޭގެ ޚާއްސަ އަމަލެއްގެ ސަބަބުންނެވެ. އޭގެ ސަބަބުން މުޅި ދުނިޔޭގައި ދެންތިބި އެންމެންގެ މައްޗަށް ފަރުއީ ވާޖިބެއް އުފެދުނީއެވެ.
3. ދެމިގެންދާ ހައްގު: މިސާލަކަށް އޭގެ ބޭންކް އެކައުންޓެއް އޮވެއެވެ. ބީ އަތުން ނެގި ލޯނެއްގެ މުގާބިލުގައި އޭގެ އެކައުންޓުގެ މައްޗަށް ބީ އަށް އިލްތިޒާމެއް ދެއެވެ. އެހެންކަމުން އޭ ބީއަށް އަދާކުރަންޖެހޭ ވާޖިބެއް އުފެދިފައިވެއެވެ. އޭ ބީއަށް އަދާކުރަންޖެހޭ ވާޖިބު ގުޅިފައިވަނީ އޭ އަތުގައިވާ ޚާއްސަ ހައްގަކާއެވެ. ދުނިޔޭގައި ދެންތިބި އެންމެން ބީ އަށް އަދާކުރަންޖެހޭ ފުރަތަމަ ނަޒަރުގެ ވާޖިބެއް ނެތެވެ. ނަމަވެސް، އޭ ބީއަށް އަދާކުރަންޖެހޭ ވާޖިބު އެކަށީގެންވާ މިންވަރަކަށް އެނގިހުރެގެން އޭ ގެ މައްޗަށް ބިނާވެފައިވާ ހައްގެއް ސީ ހޯދައިފިނަމަ ސީ ލިބިގަތް ހައްގާ ގުޅޭގޮތުން ބީ އަށް އަދާކުރަންޖެހޭ ވާޖިބެއް އޮންނާނެއެވެ. އޭގެ މާނައަކީ އިސްވެ އޮތް ބީގެ ހައްގާބެހޭ ގޮތުން ސީ އަށް ދިފާއެއް ނެތުމެވެ. އަދި އޭ ބީ އަށް އަދާކުރަންޖެހޭ އިސްވެ އޮތް ވާޖިބުގެ މައުލޫމާތު ބީގެ ފަރާތުން ސީ އަށް ދީ، ސީގެ މައްޗަށް ވާޖިބެއް އުފެއްދުމުގެ ބާރު ބީ އަށް ލިބުމެވެ.
4. ހިމާޔަތްކުރެވިފައިވާ ދެމިގެންދާ ހައްގު: މިސާލަކަށް އޭގެ ބޭންކް އެކައުންޓެއް އޮތެވެ. އަދި އެ ބޭންކް އެކައުންޓް އޭނާގެ އަތުގައިވަނީ ބީއަށް ޓްރަސްޓް އެއްގެ ގޮތުގައި ކަމަށް އޭ ބަޔާންކުރެއެވެ. ދުނިޔޭގައި ދެންތިބި އެންމެންގެ މައްޗަށް އެކަމުގެ ސަބަބުން ވާޖިބެއް އުފެދެނީ އޭގެ ފަރާތުން ބީ އަށް އަދާކުރަންޖެހޭ ވާޖިބާއި އޭ ޚިލާފުވުމުގައި ތެދުވެރިނޫން ގޮތަކަށް އެހީތެރިވެ ނުދިނުމަށެވެ. މީގެ ނަތީޖާއަކީ 3 ގައި ބަޔާންކުރެވުނު މިސާލުގެ ނަތީޖާއެވެ. ނަމަވެސް ތަފާތަކީ އޭގެ ފަރާތުން ބީ އަށް އަދާކުރަންޖެހޭ ވާޖިބުގެ ސަބަބުން ދުނިޔޭގައި ދެންތިބި އެންމެންގެ މައްޗަށް ފަރުއީ ވާޖިބެއް އުފެދުމެވެ.
5. މިލްކުވެރިކަމުގެ ހައްގު: މިސާލަކަށް އޭ އޭނާގެ ކާރު ބީއަށް ވިއްކާލިއެވެ. އޭ އާއި ދުނިޔޭގައި ދެންތިބި އެންމެންގެ މައްޗަށް އެކަމުގެ ސަބަބުން އެ ކާރުގެ މައްޗަށް ހުށަހެޅިނުގަތުމުގެ ފުރަތަމަ ނަޒަރުގެ މުތުލަގު ވާޖިބެއް އުފެދެއެވެ. ބީ އަށް ލިބިފައިވާ ހައްގަކީ ފުރަތަމަ ނަޒަރުގެ މުތުލަގު ވާޖިބު މުޅި ދުނިޔޭގައި ތިބި އެންމެންގެ މައްޗަށް އުފައްދާ މާއްދީ އެއްޗަކާ ގުޅިފައިވާ ހައްގެކެވެ.
ފުރަތަމަ ވާހަކައިން ހާސިލުކުރެވެން އޮތް ނިންމުމަކީ އިލްތިޒާމުތަކާ ބެހޭ ގާނޫނާއި މިލްކުވެރިކަމާބެހޭ ގާނޫނު (ނުވަތަ އެއަށްވުރެ ތަފްސީލުކޮށް ބުނާނަމަ، ޝަޚުސީ ހައްގާއި މިލްކުވެރިކަމުގެ ހައްގާއި) އަޅައިކިޔާއިރު ހުރި އެއްގޮތް ކަމެވެ. ނަމަވެސް، ޝަޚުސީ ހައްގު، ހިމާޔަތްކުރެވިފައިވާ ޝަޚުސީ ހައްގަށާއި ހިމާޔަތްކުރެވިފައިނުވާ ޝަޚުސީ ހައްގުތަކަށް ބަހައިލެވިދާނެ ކަމެވެ. އަދި އިކުއިޓީއިން ދެމިގެންދާ ހައްގުތައް ގަބޫލުކޮށްފައި އޮތުމުން ހުރިހާ ހައްގުތައް ބެހެނީ މިލްކުވެރިކަމުގެ ހައްގުތަކާއި ޝަޚުސީ ހައްގުތަކަށް ކަމަށް ވިސްނުމަކީ ގޯހެކެވެ.
ދެވަނަ ވާހަކަ އަކީ އިކުއިޓީގެ ދައުރެވެ. އެ ދައުރު މުހިންމު ތިން ސިފައަކަށް ބެހިގެން ގޮސްފައިވެއެވެ.
1. ބީ އަށް ސީއާ ދެކޮޅަށް އައު، ސީދާ ހައްގެއް ލިބިގަނެވޭނެ ޚާއްސަ ގޮތެއް އިކުއިޓީ ގަބޫލުކޮށްފައިވެއެވެ.
2. ދެމިގެންދާ ހައްގުތަކުގެ މަފްހޫމް ގަބޫލުކޮށްފައިވެއެވެ.
3. އަދި ހިމާޔަތްކުރެވިފައިވާ ދެމިގެންދާ ހައްގުތަކެއް ގަބޫލުކޮށްފައިވެއެވެ.
މިވާހަކައިން ހާސިލުވާ މައިގަނޑު ނިންމުން ގުޅިފައިވަނީ މަތީގައިވާ ތިން ނުކުތާގެ ތެރެއިން ފުރަތަމަ ދެ ނުކުތާއާ އެވެ. އިކުއިޓީއިން އުފައްދާފައިވާ އާއްމު އުސޫލަކީ، ބައެއް ހާލަތުތަކެއް ވުޖޫދުގައި ވަނިކޮށް، ސީ ހައްގެއް ހޯދުމުން އެ ހައްގު ބޭނުންކުރުމާ ގުޅޭގޮތުން ސީ ވާޖިބުތަކެއް އަދާކުރަންޖެހުމެވެ.
__________________________
[1] މި މަޒްމޫނަކީ ސިންގަޕޯރ ޖާނަލް އޮފް ލީގަލް ސްޓަޑީޒް، ޑިސެމްބަރ 2008 ގެ އަދަދުގައި ޖަހާފައިވާ މަޒުމޫނެކެވެ. މި މަޒުމޫނު ދިވެހި ބަހަށް ތަރުޖަމާކުރީ ހުސްނުއްސުއޫދުއެވެ.
[2] ރީޑަރ އިން ޕްރޮޕަޓީ ލޯ، ޔުނުވަރސިޓީ އޮފް އޮކްސްފަޑް
[3] 'އަދާލަތުގެ މިލްކުވެރިކަމުގެ ހައްގު' ކަމަށް ބުނެފައިވަނީ 'އިކުއިޓަބްލް ޕްރޮޕަޓީ ރައިޓްސް' އަށް.
[4] ޝަޚުސީ ހައްގަކީ ޕަރސަނަލް ރައިޓްސް.
[5] (1853) 2 E1 & B1 216 (KB).
[6] މަދަނީ ކުށް ކަމަށް ބުނެފައިވަނީ ސިވިލް ރޯންގ (civil wrong) އަށް.
[7] Core duty
[8] Not to interfere with
[9] See, Birks, Introduction to the Law of Restitution (Oxford: Clarendon, 1985) at 42.
[10] Stevens, Torts and Rights (Oxford, Oxford University Press, 2007) at 101.
[11] L. Smith, “Fusion and Tradition” in Degeling & Edelman, eds., Equity in Commercial Law (Sydney: Lawbook Co, 2005) at 24.
[12] [1949] Ch. 556.
[13] ނޯޓު 3 ގައި ކުރިން ހަވާލާ ދީފައިވޭ.
[14] އޮޓަމެޓިކުން.
[15] ރިވެލިފަށް ކަމަށް ބުނެފައި އެވަނީ ސްކޯޕް (scope) އަށް.
[16] (1858) 4 De. G. & J. 276 at 282 [de Mattos)
[17] [2007] HCA 22 at paras. 114-122.
[18] ޓަރމް.
[19] ޚާއްސަ ގާނޫނު ކަމަށް ބުނެފައިވަނީ ޕްރައިވެޓް ލޯ އަށެވެ.
ޙުސްނުއްސުޢޫދު
2020 (c)